ތ. ވޭމަންޑޫއަަށް ދަތުރުކުރި މީހުން 10 ދުވަހަށް ކަރަންޓީންވާން އަންގައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދެންމެ ނެރުނު އެންގުމުގައި ވަނީ ވޭމަންޑޫން ކޮވިޑް-19ގެ ފައްސި ވޭދަނަތަކެއް ފެނިފައިވާތީ، މިދިޔަ މަހުގެ 15 ގެ ފަހުން ވޭމަންޑޫގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެދޭ ކަމަށެވެ.

އަދި މިތާރީހްގެ ފަހުން ވޭމަންޑޫ އަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވޭމަންޑޫން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށާއި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

އަދި އެ ދުވަހުގެ ފަހުން ވޭމަންޑޫން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސުންކު ނެގުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

މިހާރު ވެސް އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހާހަކަށްވުރެ ގިނަ ކޮވިޑް ބަލި މީހުން އެބަތިއްބެވެ. ފަހަކަށް އައިސް އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު