މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކ. ހިންމަފުށީގެ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވި އެއްބަނޑުއެއްބަފާ ދެބެއިން ވެސް އިންތިހާބުން ނާކާމިޔާބުވެ، އެ ގޮނޑި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓަކު ކަށަވަރުކުރައްވައިފިއެވެ.

ގިނަ ބައެއްގެ މެދުގައި އެންމެ ބޮޑު ސަމާލު ކަމެއް ލިބުނު އެއް ވޯޓަށް ހިންމަފުށީ ކައުންސިލްގެ ރައީސަކު ހޮވަން ނެގި ވޯޓު ވާނެއެވެ. ހިންމަފުށީގެ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ އެއްބަނޑުއެއްބަފާ ދެބެއިން ކަމަށްވާ މިހާރު ވެސް އެ ރަށު ކައުންސިލްގެ ރައީސް ޝާން އިބްރާހިމާއި އޭނާގެ ބޭބެ ފަރުހާދު އިބްރާހިމެވެ. ޝާން ނުކުންނެވީ ޕީޕީއެމްގެ ޓިކެޓުގައެވެ. ފަރުހާދަކީ އެމްޑީޕީގެ މެމްބަރަކަށްވިޔަސް، އޭނާ ނުކުންނެވީ އަމިއްލަ ގޮތުންނެވެެ.

ނަމަވެސް އެ ދެ ކެންޑިޑޭޓުންނަށް ވެސް އިންތިހާބުން ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ ދައްކަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވި ހަސަން ފާއިޒެވެ.

އެ ގޮނޑި އަށް ތިން ބޭފުޅުންގެ އިތުރުން ދެން ވާދަކުރެއްވީ އަމިއްލަ ކެންޑިޑޭޓުން ކަމަށްވާ ހުސެއިން ރަޝީދާއި އަހުމަދު އަބްސަލް ޔޫސުފެވެ.

މިހާތަނަށް އައިއިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން ހަސަން ފާއިޒަށް 348 ވޯޓު ލިބިވަޑައިގެންނެވި އިރު، އޭނާއާ ވާދަކުރެއްވި ޝާން އިބްރާހިމަށް ލިބިވަޑައިގަތީ 252 ވޯޓެވެ. އަހުމަދު އަބްސަލް އަށް 53 ވޯޓު ލިބިވަޑައިގެންނެވި އިރު، ފަރުހާދަށް 34 ވޯޓު އަދި ހުސެއިން ރަޝީދަށް ހަ ވޯޓު ލިބިވަޑައިގަތެވެ.

މި ނަތީޖާއާ އެކު ހަސަން ފާއިޒާއި ޝާންއާ ދެމެދު 96 ވޯޓުގެ ތަފާތު އެބަހުއްޓެވެ.

މިދިޔަ ތިން ދައުރުގައި ވެސް ހިންމަފުށީ ކައުންސިލުގެ ރައީސްކަން ޝާން ކުރެއްވި އިރު، މިއީ އޭނާ ވާދަކުރެއްވި ހަތަރު ވަނަ ކައުންސިލް އިންތިހާބެވެ. ފަރުހާދު ވަނީ މީގެ ކުރިން އެއް ދައުރުގައި ކައުންސިލުގެ މެމްބަރުކަން ކުރައްވައިފައެވެ.

ޝާން އާއި ފަރުހާދުއާ އެކު އެ މީހުންގެ އެއްބަނޑު އެއްބަފާ 11 ބެއިން ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޯލިހުބޭ

    މިފޮށި އަދި އެއްފަހަރު ގުނަން ފެނޭ. 4ވޯޓްގެ ތަފާތު. އަންނި ދެފަހަރަށްގުނަން އެދެނީ 50-60ވޯޓްގެ ތަފާތު ހުރި ފޮށި.

  2. ޑެބޭން

    ލޮލް ހެހެހެ