ވެރިކަން ކުރާ އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ ގޮތުގައި ތިއްބެވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު މައްސަލައެއް ނެތް ކަމަށާއި ދެ ބޭފުޅުންގެ ދެމެދަށް "ވެންޓިލޭޓަރު ޚިޔާނާތުގެ މައްސަލައެއްގެ ނުތަަނަވަސްކަން" ނުވަންނަ ކަމަށް ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ބައެއް ކައުންސިލްތަކުން ނާކާމިޔާބީއާ ކުރިމަތި ލާން ޖެހުނު ސަބަބެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވަނީ ޕާޓީގެ އެތެރޭގެ ބައެއް މައްސަލަތައް ކަމުގައެވެ. އަދި އެ މައްސަލަތަކަކީ އެތެރޭގައި ކޮރަޕްޝަން އޮތުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. މި ގޮތުން ރައީސް ސޯލިހްއާއި ރައީސް ނަޝީދުއާ ދެމެދު މައްސަލައެއް ޖެހިފައި އޮތީ ވެސް "ވެންޓިލޭޓަރުގެ ޚިޔާނާތުގެ" މައްސަލައިގެ ސަބަބުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު މިކަމާ ގުޅޭ ގޮތުން އަމާޒު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ފުރަތަމަ ވެސް ވިދާޅުވީ "އަޅުގަނޑާއި ރައީސް ނަޝީދުގެ ދެމެދަކަށް ވެންޓިލޭޓަކަރަށް ނުވަދެވޭނެ" ކަމަށެވެ. އަދި ދެ ބޭފުޅުންގެ މެދުގައި އެއްވެސް ހިތް ނުވަތަނަވަސް ކަމެއް ނުވަތަ ހިތްހަމަނުޖެހުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ތަފާތު ވިޔަސް ދެ ބޭފުޅުންގެ މެދުގައި މައްސަލައެއް ނެތް ކަމަށެވެ.

"ރައީސް ނަޝީދާ އަޅުގަނޑާ ހިޔާލު ތަފާތުވާ ކަންކަން އަންނާނެ. އެކަމަކު ޕާޓީއަށް ގެއްލުންވާ އެއްވެސް ކަމެއް އަޅުގަނޑުމެން ދެ މީހުން ނުކުރާނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކޮރަޕްޝަންއަށް އެމަނިކުފާނު އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ. އަަދި ކޮރަޕްޝަންއާ ދެކޮޅަށް މި ސަރުކާރުން އެކަށޭނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮރަޕްޝަންއަކީ ރާއްޖޭގެ ޒަމާންވީ ކަމެއް. އެ މިހާތަނަށް ވެސް އޮންނާނެ ކަން ޤަބޫލު ކުރަން ޖެހޭ. އިސްލާހު ކުރުމަށް ޓަކައި އަޅުގަނޑުމެން ކުރަން ޖެހޭ ކަންކަން ކުރަމުން ދަނީ. އިންޑެކްސްއަށް ކުރިއެރުމެއް ލިބިފަ އޮތުމުން އެބަ އެނގޭ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް އަޅުގަނޑު ދެކެނީ." ރައީށް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވިއިރު އެމަނިކުފާނާއި ރައީސް ނަޝީދާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އޮތް ކަމަށް ބެލެވެއެވެ. އަދި މިނިސްޓަރު ފައްޔާޒު ފަދަ މިނިސްޓަރުން ބޭރު ކުރަން ރައީސް ނަޝީދު މަސައްކަތް ކުރައްވާ އިރު ރައީސް ސޯލިހް ވަނީ މީޑިއާ މެދުވެރިކޮށް މިނިސްޓަރު ފައްޔާޒަށް އިތުބާރު އޮތް ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ދިޔަ ގޮތާ މެދު ވެސް ރައީސް ސޯލިހް ހިތްހަމަނުޖެހުންތަކެއް ފާޅު ކުރައްވާފައިވެއެވެ. މި ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތުމުން އެ ކަމުގައި އޮންނަން ވާނެ ހަމައަކީ ރައީސްއަށް އެކަމުގައި ދަންނަވައި ރައީސް އެ ކަން ކުރައްވަން ދޫކޮށްލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޣައިން

    ދެމީހުންގެ ދޭތެރެއަށް ވެންޓިލޭޓަރެއް ނުވަންނާނެ. ޖެހެނީ އޭގެ ތެރެއަށް ވަންނަން. ދެމީހުން ގައިން ތާހިރު ނުވެތިބެ ތިއޮތީ ދެމީހުންގެ ޕާޓީ ވެންޓިލޭޓަރަށް ލާފަ. ޕީޕީ އެމް ވެންޓިލޭޓަރުން ނު ކުމެއްޖެ. ދެން އޮތީ ޔާމީން ޖަލުން ނެރުން. ލަލަލާ.

    41
  2. ހުސޭނުބޭ

    ކަލޭމެން ދެމީހުން ވެންޓިލޭޓަރު ދިރުވާލީމާ ނުވަދެވޭނެ ދޯ! ދެމީހުންވެސް ތި ތިބީ އެ ފައިސާ ކައިގެން ވިއްޔާ!

    20
    1
  3. ފުރަބަންދު

    ވެންޓިލޭޓަރ ވަނީ ދެމީހުންގެ ދޭތެރެއަށޭބުނީ ކާކު ވެންޓިލޭޓަރގެ ފައިސާވަނީ ދެމީހުންގެ ދޭތެރެއަށް އޭގައި ބަގުޑިބައްދައިގެން ކަރާ ފޮރުވަން ބޭރުކޮށްލީ

    18
    1
  4. ވެންޓިލޭޓަރު

    މިހާރު އެބަ ރަނގަޅުވޭ. ވެންޓިލޭޓަރު ވައްދާނެ ކަމެއް ނެތް. ވެންޓިލޭޓަރަކުން ވާވަރަށްވުރެ މިހާރު ހުރީ ބަލި މާމައްޗަށްގޮސް ބޮޑުވެފައި. ކެންސަރުޖެހިފައި ހުރި ގުނަވަނެއް ވިއްޔާ ބުރިކޮށްލާ! ތަނެއް ވިއްޔާ ކަނޑާފައި އެއްލާލާ! އެހެން ނޫނީ މަނިކުފާނަކަށް ދެނެއް ހަމަނޭވާލިޔަކަ ނުދޭނެ.

    14
    2
  5. ނުތާ

    ތީ އެކެތީގެ ދޭތިކަން ނިކަމެތި ރައީތުމީހާ އަށް އިނގޭ.2023 ހިތިރަހަ ދައްކާލާނަން.

    17
    1
  6. ޅޮލް

    ކާޕެޓެއް ވައްދާނީ

  7. ކޮެއިމަލާ

    އެއް އުރައެއްގައި ދެކަނޑިއަށް އޮވެވޭނެ. ބޯގޯސް ވާހަކަ ދެއްކީމާ ގިނަމީހުން ހޭނެކަން ވެސް ނޭނގެދޯ؟