ރޯދަ މަހު މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަ ޖެހިފައިވަނީ ރޭގަނޑު ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު މާލެ ސަރަހައްދުގައި ދޭނީ ފުރަތަމަ ވެކްސިން ޖެހިތާ 8 ހަފްތާވެފައިވާ މީހުންނަށް ކަމަށެވެ. އެގޮތުން ސޯޝަލް ސެންޓަރާއި، ނޭޝަނަލް އަރޓް ގެލެރީ، ރައްޔިތުންގެ މަޖިލިސް، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ، ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާގައި ރޭގަނޑު 21:00 އިން 23:00 އަށް ވެކްސިން ދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހަމައެއާއި އެކު ސިނޮޕާރމް ވެކްސިންގެ ފުރަތަމަ ޑޯޒު 18 އަހަރާއި 60 އަހަރާއި ދެމެދުގެ، އެއްވެސް ވެކްސިނެއް ޖަހާފައި ނުވާ މީހުންނަށް ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުން ރޭގަނޑު 21:00 އިން 23:00 އަށް ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ، ރޯދަ މަހު އެގަޑިތަކުގައި ވެކްސިން ޖެހުނު ނަމަވެސް، ރޯދަ މަހުގެ ފުރަތަމަ ދުވަހު ވެކްސިން ޖަހާ ސެންޓަރުތައް ބަންދުވާނެ ކަމަށެވެ.

މިވަގުތު މާލޭގައި ދެމުން އަންނަނީ ކޮވިޝީލްޑް ވެކްސިން، ސިނޮފާރމް އަދި ފައިޒަރ ވެކްސިނެވެ. މިހާތަނަށް ރާއްޖެއިން 268،459 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައިވާއިރު، 15،294 މީހަކު ވަނީ ދެވަނަ ޑޯޒު ފުރިހަމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝީޒާ

    މާލޭގަ އެކަންޏެއް ނޫން އެހެނިހެން ރަށްރަށުގަވެސް ވެކްސިން ޖަހަންޖެހޭނީ ރޭގަނޑު. މާލޭ މީހުން އެކަންޏެއް ނޫން ރޯދަ ހިފަނީ