މާލެ ހިޔާ ފްލެޓުތަކުގެ ފުރަގަހުގައި ހުންނަ ފްލޫ ކްލިނިކަކަށް ދިއުމަށް ގިނަ ބަޔަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގުމުން ގިނަ ބަޔަކު އެތަނަށް ދިޔަ ނަމަވެސް އެތަނުން ސުންކު (ސާމްޕަލް) ނެގުން ކުރިއަށް ކުރިއަށް ނުގެންދާތީ ޝަކުވާ ބޮޑުވެއްޖެއެވެ.

އެތަނުން ސުންކުނަގަން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 10:00 އިން ނަމަވެސް އަދިވެސް އެއްވެސް ނަރުހެއް ނުވަތަ ޑޮކްޓަރެއްވެސް އެ ސަރަހައްދުން ފެންނަން ނެތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަގުތު އެތަނުގައި 20 މީހުންނަށްވުރެ ގިނައިން އެބަ ތިއްބެވެ.

ނަން ހާމަނުކުރުމަށް އެދި މިވަގުތު އެތަނުގައި ހުރި މީހަކު "ވަގުތު" އަށް ބުނީ ސުންކު ނެގުމަށް ފްލޫ ކްލިނިކަށް ދިޔައީ އެޗްޕީއޭގެ އެންގުމުގެ މަތިން ކަމަށެވެ. އޭނާ އަކީވެސް މާދަމާ ފުރަން ޖެހޭތީ ސުންކު ނަގަން އައި މީހެއް ކަމަށާއި، އެޗްޕީއޭ އިން ގުޅައިގެންނާއި މެސެޖުކޮށްގެން 9:30 އިން ފެށިގެން އެތަނަށް މީހުން އެއްވަމުން އަންނަ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

މާލެހިޔާ ފްލެޓު ކައިރީ ފްލޫ ކްލިނިކަށް މީހުން ޖަމާވެފައި

"މިއޮއްފަދަ ރަމަޟާން މަހު އަޅުގަނޑުމެން މިއައީ މިތަނަށް. އަދިވެސް ސާމްޕަލް ނަގަން ނުފަށާ، ތަން ހުރީ ބަންދުކޮށްްފައި. އެންމެ ކަންބޮޑުވަނީ މިތަނުގައި ގިނަ އަދަދަކަށް އުމުރުން ދުވަސްވީ ފަރާތްތައްވެސް ތިބީމަ." އޭނާ ބުންޏެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއއީއޯސީ)ގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ ސާމްޕަލް ނަގަން ފެށޭނީ މިއަދު 10:00 އިން ކަމަށާއި އެތަން އަދިވެސް ނުހުޅުވާ ހުރީ ކީއްވެގެން ކަމެއް ނޭނގޭ ކަަމަށެވެ.

"މިއަދު 10:00 ގައި ފްލޫކްލިނިކް ހުޅުވޭނެ ވާހަކަ ވާނީ އިއުލާން މެދުވެރިކޮށް އަންގާފައި ވާނީ. އަދިވެސް އެތަން ނުހުޅުވެނީ ކީއްވެގެންތޯ ބަލަމުން މިދަނީ" އެޗްއީއޯސީގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ނަމަވެސް އެޗްޕީއޭ އިން އޭގެ ފަހުން ކުރި ޓްވީޓެއްގައި ބުނީ މާލެ ސާމްޕަލް ކަލެކްޝަން ސެންޓަރުގައި މިއަދު ރިލީސް ސާމްޕަލް ނަގާނީ ރޭގަނޑު 9:15 ން 00:00 އަށް ކަމަށެވެ. ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިނަމަ ލަސްނުކުރައްވާ ފްލޫ ކްލިނިކްއަށް ދެއްކެވުމަށް ވެސް އެޗްޕީއޭ އިން އެދެއެވެ.

މާލެހިޔާ ފްލެޓު ކައިރީ ފްލޫ ކްލިނިކަށް މީހުން ޖަމާވެފައި

އަދިވެސް މިދަނީ އެޗްޕީއޭއަށް ގުޅަމުން ކަމަށާއި، ނަމަވެސް އެޗްޕީއޭ އިން އަދިވެސް ބުނަމުން އަންނަނީ "މި ހުޅުވަނީ، މިދަނީ" އޭ ކަމަށް މައުލޫމާތު ދިން އާންމު ފަރާތުން ބުންޏެވެ. އޭނާ ބުނި ގޮތުގައި މިއީ މި ރަމަޟާން މަހު ދޭ އަނިޔާއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު