މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީ އަށް ފުރަތަމަ ފަހަރަށް އެ ޕާޓީގެ މުޅި އަޣުލަބިއްޔަތު އޮތް ސަރަހައްދުތަކުން ވެސް އަޣުލަބިއްޔަތު ލިބިގެން ނުދާ ގޮތަށް ރައްޔިތުން ދިން މިންގަނޑަކީ ސަރުކާރު އިސްލާހު ވުމަށް ދިން މިންގަނޑެއް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި، އެ އޮތޯރިޓީގެ ދަށުގައި ހުރި ބާރުތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިދޭ ގޮތަށް ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ މި ސަރުކާރުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުވާން އޮތީ ބައެއް މުއައްސަސާތައް އުވާލައިގެން ނޫން ކަމަށެވެ.

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ރައްޔިތުން ބަސް ބުނެފައިވާ ކަމަށާއި އެ އިންތިޚާބުގައި ވެރިކަން ކުރާ އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަކީ ރައްޔިތުން ސަރުކާރަށް ދިން މެސެޖެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެއީ ސަރުކާރުގެ ކަންކަން ރަނގަޅުކޮށް ޚިދުމަތްތައް އަވަސް ކުރުމަށް ރައްޔިތުން ގޮވާލި ގޮވާލުމެއްގެ ގޮތުގައި ޝިޔާމް ސިފަ ކުރެއްވިއެވެ.

"ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އަވަސްކޮށްދިނުމަށް، ސަރުކާރުން ޚިދުމަތް ދިނުމުގައި އިޚްލާސްތެރި ވުމަށް، ރައްޔިތުން ޖަހާ މިންގަނޑުތައް މިއީ. ޓްރާންސްޕޯޓްއާ ގުޅުން ހުރި ކަންކަން ހައްލު ނުވާ ކަން ދިވެހި ރައްޔިތުންނަށް އެބަ އެނގޭ. ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަކީ ރަނގަޅު ނިޔަތެއްގައި ކުރާ ކަމެއްތޯ ރައްޔިތުން ސުވާލު އުފައްދާނެ. މިހާރު ވެސް އުފައްދާތީ ރައްޔިތުން ޖެހި މިންގަނޑެއް އެއީ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އެމްޑީޕީއަށް ރައްޔިތުން ދީފައިވަނީ ކަންކަން ރަނގަޅު ކުރުމަށް ކަމަށާއި ވަޒީރުންނަށް ނަތީޖާ ނުނެރެވޭ ނަމަ ވަޒީރުން ދުރު ކުރަން ޖެހޭ ކަމަށެވެ. އަދި މަސައްކަތް ކުރެވޭނެ ވަޒީރުން ވެސް ގެންނަން އެބަ ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ތައާރަފުވި ފަހުން ހިނގައިދިޔަ މި ދިހަ އަހަރުގެ މުއްދަތުގައި މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް މި ވަނީ ޕީޕީއެމްއަށް ލިބިފައެވެ. އަދި މާލެ ސިޓީގެ ފުރަތަމަ އިންތިޚާބީ މޭޔަރަކަށްޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވަނީ ވެވަޑައިގެންފައެވެ.

ޝިޔާމް ވިދާޅުވީ މާލޭގެ ރައްޔިތުން ދިހަ އަހަރު ވަން ދެން އެމްޑީޕީއަށް މުޅި މާލެ ސިޓީ ކައުންސިލް ދީގެން ވެސް ނަތީޖާ ނުނެރެވުމުން އެ ސިޓީގެ ރައްޔިތުން ފުރަތަމަ ފަހަރަށް ބަދަލަކަށް އެދި ވޯޓް ދިނީ ކަމަށެވެ. މުޢިއްޒުގެ ލީޑާޝިޕްގެ ދަށުން މާލޭގެ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖެހިގެން ދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.