ސައުދީ އަރަބިއްޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރީގެ ސަރުކާޜުގައި އަޅަން ފެށި ކިންގް ސަލްމާން މިސްކިތް ތަޅާލަން ރާވާފައިވާ ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ރޭ ވިދާޅުވެއްޖެއެވެ.

މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަލްމާން މިސްކިތުގެ "ހައްގު ވެރިކަމަށް" ބަޔަކު ދައުވާ ކުރާތީ މިސްކިތް ތަޅާލައި އަލުން ޑިޒައިން ކުރުމަށް ބަޔަކާ ހަވާލު ކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް މުސްތަފާ ނުދެއްވައެވެ.

ސަލްމާން މިސްކިތް މި ރޯދަމަހަށް ހުޅުވާނެ ކަމަށް ސަރުކާރުން ހާމަ ކުރުމަށް ފަހު އެ މިސްކިތް ނުހުޅުވާތީ އާއްމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެ މިސްކިތަކީ ސައުދީ ސަރުކާރުން ބޮޑު ހޭދައެއް ކުރައްވައިގެން އިމާރާތް ކުރެއްވި މިސްކިތެއް ކަމަށާއި، އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރިކަމަށް ސައުދީ ސަރުކާރުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

އަދި އެ މިސްކިތް ހުޅުވުމަށްޓަކައި ތާރީހް ކަނޑައެޅި ހިސާބުން ކޮވިޑްގެ ހާލަތު ދުނިޔެއަށް ކުރިމަތިވީ ގޮތުށް އަދިވެސް ރައްކާތެރިކަމާއެކު ސައުދީން ވަޑައިގަންނަވާ ބޭފުޅުންނަށް ވަޑައިގަނެވޭނެ ހާލަތަކަށް ނުދާތީ ސަލްމާން މިސްކިތް ހުޅުވުން ލަސްކުރެއްވީ ކަމަށް އެ ވުޒާރާގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ގިނަ ހިދުމަތްތަކެއް ދެވޭ ގޮތަށް އެ މިސްކިތް އިމާރާތް ކުރެއްވި ނަމަވެސް، އެތަނުގައި ގާއިމް ކުރަން ޖެހޭ ވަސީލަތްތައް ގާއިމް ކުރެވިފައި ނުވާ ކަމަށާއި ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ސައުދީ ސަރުކާރާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ނަމަވެސް މިހާރު ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ވަސީލަތްތަކުގެ ތަފްސީލެއް އިސްލާމިކް މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ. އެ ވަސީލަތްތައް ގާއިމުކޮށް ނިމޭނެ ދުވަހެއް ވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ނެތެވެ.