ކޮންމެ ފަހަރަކު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް "ބޭނުން އެއްޗެއް ނުހެދޭނެ" ކަމަށާއި ކައުންސިލް އިންތިހާބު އޮޅުވާލަން ކުރަމުން އަންނަ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށް ޕީއެންސީގެ ކައުންސިލް މެންބަރު މުހައްމަދު ނާޝިދު (ނާޑު) ވިދާޅުވެއްޖެއެވެ.

ނާޑު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބު އޮޅުވާލަން ޝަރީފް ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށެވެ. "ރައްޔިތުން ވަނީ ގޮތް ނިންމާފައި. ރައްޔިތުން ނިންމި ގޮތައް އިހްތިރާމް ކުރޭ. ކޮންމެ ފަހަރަކު ބޭނުންހާ އެއްޗެއް ނުހެދޭނެ. ރައްޔިތުން ތިބީ މިފަހަރު ފާރަވެރިވެގެން." ނާޑު ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގައި ބައެއް ފޮށިތަކަށް ލާފައިވާ ވޯޓްތައް މިހާރު ވެސް އޮޅުވާލާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ އިތުރަށް އިންތިހާބު އޮޅުވާލަން ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ މިހާރު އިއުލާން ކޮށްފައިވާ ނަތީޖާ ޝީޓްތަކުގައި މައްސަލަތަކެއް ހުރިކަމަށް އެއްބަސްވެފައެވެ. އިންތިހާބީ މަރުކަޒުތަކުގައި އިއުލާން ކޮށްފައިވާ ނަތީޖާ ޝީޓްތަކާއި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި އާއްމު ކޮށްފައިވާ ނަތީޖާ ޝީޓްތަކާއި ދިމާނުވާ މައްސަލަ ވެސް ވަނީ ފާހަގަ ކުރެވިފައެވެ.

ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީއަށް މުހިއްމު ގިނަ ގޮނޑިތަކެއް ގެއްލިފައި ވުމުން އަލުން އިންތިހާބަކަށް ދިއުމަށް ވޯޓް ގަޑުބަޑުކުރަން އެމްޑީޕީ އިން މަސައްކަތް ކުރާކަމަށް އިދިކޮޅު ލީޑަރު އަބްްދުލްރަހީމް އަބްދުﷲ (އަދުރޭ) އިއްޔެ ވަނީ ތުހުމަތު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޒް

    ރަގަޅުވާހަކަޔެއް. މިއުޅެނީ ވޯޓްއޮޅުވާލަން ގުނައްތިބިމީހުން މިހާރު ގުނާނިމިޖެއް. އެމީހުން ރޮދަހިފަން ގެޔައްގޮސްނިމިޖެ. ދެން މިހާރު ކޮބާ ތިއިލެކްޝަންގެ އިތުބަރު. ވޯތުގުނުންގޯހިއްޔާ ތީ އިލެކްޝަން ކުފޫހަމަނުވަނީނު ތިވަރުގެ ކަންކަމައް.

  2. ބޮކި

    ރައްޔިތުން ނޫނެކޭ ބުނި ޔާމީންނަށް އެކަމަކު ކަލޭމެން އުޅުނީ ފަޔައް ހިނިއަރަގެންއުޅޭހެން

  3. Anonymous

    ދެން ޖެހެނީ އީސީ ޝަރީފުމެން ބޭނުންގޮތަކަށް ވޯޓްގެ ނަތީޖާ އިޢުލާންކޮށްފަ އަވަސް އަރުވާއިގެން ވޯޓްކަރުދާސްތައް އަންދާލަން، އެއިރުން ހުރިހާކަމެއް ފުރިހަމަވެ ނިމުނީ،