ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެރިކަން ކުރާ އެމްޑީޕިއަށް ނާކާމިޔާބީއާ ކުރިމަތި ލާން ޖެހުނު އެއް ސަބަބެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ގެންގުޅުއްވާ ނަސްލީ ތަފާތު ކުރުން ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ، މާލޭގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން މި ފަހަރު ވޯޓް ލާން ނުނިކުތް ސަބަބު ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދެއްކެވި ވާހަކައަކާ ގުޅިގެން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޚިއްސާ ކުރައްވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާޒިމް ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ މެންބަރުން ވޯޓް ލާން ނުނިކުތް ސަބަބަކީ ޚިޔާނާތުގެ މައްސަލަތައް ބެލުން ލަސްވުން ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރާ ވާހަކަ އިދިކޮޅުން އަޑުގަދަކޮށްލުމުން އެކަމާ ކަންބޮޑުވެވަޑައިގެން ކަމަށެވެ.

މަލީހް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަލީ އާޒިމް އެކަނި ވެސް ދެން އިންތިޚާބެއްގައި އެމްޑީޕީއަށް ހެޔޮވަރުގެ 10 ވަރަކަށް ޕަސެންޓްގެ ވޯޓް ގެއްލޭ ވަރަށް ގެއްލުން ދީފައިވާ ކަމަށެވެ.

"އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އާޒިމް ގެންގުޅޭ މާލެ ރާއްޖެތެރެ ނަސްލީ ތަފާތު ކުރުން. އެ ބޭފުޅާ މަޖިލީހުގެ ގޮނޑިން ތެދުވާ ކޮންމެ ފަހަރަކު އެމްޑީޕީއަށް ވަނީ މައިނަސް." މަލީހް ވިދާޅުވިއެވެ.

މަލީހް މި ގޮތަށް ފާހަގަކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ ބައެއް ޖަލްސާތަކުގައި މާލެ ދާއިރާތައް ތަމްސީލް ކުރައްވާ އެމްޑީޕީގެ މެންބަރުންނާއި އެހެން ދާއިރާތަކުގެ އެމްޑީޕީގެ މެންބަރުންގެ ދެމެދުގައި "މާލެ-ރާއްޖެތެރެ" ބަހުސް ވަރަށް ވަރުގަދައަށް ކުރެވިފައިވެއެވެ. އެ މޭރުމުން އެ ބަހުސްތައް ކުރިއަށް ނުގެންދަވާން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކި ފަހަރު މަތިން އިލްތިމާސް ކުރައްވައިފައެވެ.

ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުން މަލީހް ދުރުކުރީ، ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ފާސްކޮށްގެންނެވެ. އޭގެ ފަހުން އެމްޑީޕީގެ މެންބަރުންނަށް މަލީހް ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އޭގެ ފަހުން ދުވަސްތަކެއް ނުވަނީސް މަލީހް ވަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކެމްޕޭން ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. މަލީހް ހުންނެވީ ވެރިކަން ކުރާ ކޯލިޝަންގެ ޖުމްހޫރީ ޕާޓީގައެވެ. އެ ޕާޓީއިން މަލީހް ވަކިކުރަން ޕާޓީގެ ކައުންސިލަށް ވަނީ ހުށަހަޅައިފައެވެ.

އެންމެ ފަހުން ބޭއްވި ތިން އިންތިޚާބުގައި ވެސް އެމްޑީޕީއިން ބޮޑު ކާމިޔާބީއެއް ހޯދުމަށް ފަހު، މި ފަހަރުގެ އިންތިޚާބުގައި އެ ޕާޓީއިން ވަނީ ބައެއް ދާއިރާތަކުގައި އެ ޕާޓީއަށް އޮތް މެޖޯރިޓީއާއި ކޮންޓްރޯލް ގެއްލިފައެވެ. މި ގޮތުން މިދިޔަ ތިން ކައުންސިލް އިންތިޚާބުގައި ވެސް އެމްޑީޕީއިން ސުޕަ މެޖޯރިޓީ އޮތް މާލެ ސިޓީގެ މެޖޯރިޓީ މި ފަަހަރު ލިބުނީ ޕީޕީއެމްއަށެވެ.

ލާމަރުކަޒީ ނިޒާމު ތައާރަފްވި ފަހުން، ފުރަތަމަ ފަހަރަށް އިންތިޚާބީ މޭޔަރަކު ކަނޑައެޅިގެންދާއިރު، މާލޭގެ ފުރަތަމަ އިންތިޚާބީ މޭޔަރަކަށް އިންތިޚާބު ވެފައި ވަނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒެވެ.