ދެ އަހަރަށްފަހު ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަ އާދީއްތަ ދުވަހު ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

މި މުބާރާތް ބާއްވަން އެންމެ ފުރަތަމަ މަސައްކަތްކުރީ ފެބްރުއަރީ 1 ގައެވެ. މުބާރާތް ފެށެން ގާތްވެފައިވަނިކޮށް ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން މުބާރާތް ނުފެށުނެވެ. އޭގެފަހުން ދެ ފަހަރެއްގެ މަތިން މި މުބާރާތް ފަސްކުރިއެވެ.

މި މުބާރާތް އަލުން ފެށުމަށް އެފްއޭއެމުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އަދި ތިންވަނަ ޑިވިޝަނުގައި ވާދަކުރާ ގިނަ ޓީމުތަކަކުން ފަރިތަކުރުންތައް ވެސް ފެށިއެވެ. އެޗްޕީއޭ އިން އެކުލަވާލި އުސޫލާއެކު މި ޓީމުތަކަށް ފަހުން ފަރިތަކުރުންތައް ކުރިޔަށް ނުގެންދެވުނެވެ.

އެފްއޭއެމުން އަލަށް އެކުލަވާލި ޝެޑިއުލްގައި ވާގޮތުން ގައުމީ ފުޓުބޯލަ ދަނޑާއި މާފަންނު ދަނޑުގައި މި މުބާރާތް އަންނަ އާދީއްތަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ.

މުބާރާތުގެ ގުރުނެގުން ބާއްވާފައިވަނީ މިއަހަރުގެ ޖެނުއަރީގައެވެ. މި މުބާރާތުގައި ޖުމްލަ 15 ޓީމެއް ވަނީ ބައިވެރިވެފައެވެ. ނަމަވެސް އެންމެ ފަހުވަގުތު އެއް ޓީމެއް ނަން ނެގުމާއި ގުޅިގެން ގުރު ނެގީ 14 ޓީމާއެކު އެވެ.

މި މުބާރާތް ކުރިޔަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް ސްޓޭޖް މެޗުތަކަށްފަހު ކުއާޓާ ފައިނަލަށް ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ދަތުރުކުރާނެއެވެ. މުބާރާތުގެ ކުއާޓާފައިނަލުގެ މެޗުތައް މެއި މަހުގެ ފަސްވަނަ ދުވަހާއި ހަވަނަ ދުވަހު ކުޅޭނެއެވެ. ސެމީގެ މެޗުތައް ކުޅޭނީ އެ މަހުގެ ނުވަވަނަ ދުވަހުއެވެ.

މި މުބާރާތް އެންމެފަހުން ބާއްވާފައިވަނީ 2018 ވަނަ އަހަރުއެވެ. އެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވަނީ ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބެވެ.