ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒަށް ފަހު ދޭނެ ލުއިތައް އިއުލާން ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ހާމަކޮށްފިއެވެ.

ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިވަގުތު އުވާނުލައި އޮތީ ބޭރުގައި ހުރެފައި ރާއްޖެ އަންނަ މީހުން ކަރަންޓީންވާން ޖެހުމާއި މާލެ އިން ރަށަކަށް ދާ ނަމަ 10 ދުވަހު ކަރަންޓީންގައި ހުންނަން ޖެހޭތީއެވެ. ކޮވިޑް-19 ފެތުރެމުންދާތީ އަޅާފައިވާ ބޮޑެތި ލުއިތަކަށް ރޯދަ މަސް ފެށުމުގެ ކުރިން ވަނީ ލުއިދީފައެވެ. އޭގެތެރޭގައި މާލޭގައި އިއުލާން ކުރި ކާފިއު އުވާލުން ވެސް ހިމެނެއެވެ.

އެޗްއީއޯސީގެ އޮފިޝަލަކު "ވަގުތަށް" މިއަދު ވިދާޅުވީ ކޮވިޑް-19 ވެކްސިން ދެ ޑޯޒް ޖެހުމަށް ފަހު، ދަތުރުފަތުރު ކުރުމުގައި ދޭނެ ލުއިތައް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި މަސައްކަތް ކުރަނީ މިއަދު އިއުލާން ކުރެވޭތޯ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިވަގުތު ވަކި ކަމެއް ކުރަން މަޝްވަރާ ކުރާ ކަމަށް ދަންނަވާކަށް ނެތް، އެކަން އިއުލާން ކުރެވޭތޯ މި ދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވެކްސިންގެ ދެ ވަނަ ޑޯޒަށް ފަހު، ކަރަންޓީނުވުމެއް ނެތި ރާއްޖޭގެ އެތެރޭގައި ދަތުރުތައް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު ދަތުރު ކުރެވޭނީ ދެ ވަނަ ޑޯޒް ފުރިހަމަ ކުރާތާ ކިތައް ދުވަސް ފަހުން ކަން އަދި ކަނޑައަޅާފައި ނުވާކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ވެކްސިން ފުރިހަކުރުމުން އެހެން ގައުމުތަކުގައި ވެސް މިހާރު އަންނަނީ ލުއިތައް ދެމުންނެވެ.

ރާއްޖެ އިން މިހާތަނަށް 273،000 އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 25،800 އަށް ވުރެ ގިނަ މީހުންނެވެ. މި ބަލީގައި ނިޔާވެފައި ވަނީ 67 މީހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޝީޒާ

    ދެވަނަ ޑޯޒް ދިނުމަށްފަހު ކަރަންޓީން ނުވެ ދަތުރު ކުރެވޭގޮތް ހަދާބަލަ

    10
    1
  2. އިބޫ ހުޅުމާލެ

    މަޖުބޫރު ނުކުރައްވާ... ތި ޖަހައިގެން ލިބޭ ގެއްލުމުގެ ބަދަލް ދޭންވާނެ... ސުވާލަކި ދުވަހަކުވެސް ޑރ ބުނާނެތޯއޭ ތީ ވެކްސިން ދީގެންވީ ކަމެކޭ، މަލްޓި ބިލިޔަން ޑޮލަރުގެ ވިޔަފާރިއެއްތީ

    11
    1
  3. އަހުމަދު

    ތިކަން ނުކޮށް ކަރންޓީނު ގައި ބައިތިއްބި މީހުންގެ ލިޔުން އެއްޗަކަށް އެއްޗެއް ޖަހާފަ ފޮނުވާ ފޮނުވުން ރަނގަޅު ކޮށްދީ ބަލަ. އިންޑިޔާއިން އައިތާ 17 ދުވަސް ވީ އި ރު ހަމަ ޖެހޭ ލިޔުމެއް ނުލިބިގެން މި ދުވަނީ.

    10
  4. ޟިޔާ

    ރިސޯޓު ތަކުގަ ތިބި މުވައްޒިފުން ތިބީ އެމީހުންގެ އަނބިންނާ ދަރިން ކައިރިއަށް ނުދެވިފަ ކަމެއް ވަގުތު ނޫސްވެރިންނަށް ނޭނގުނުކަމީ ހިތާމަހުރި ކަމެއް!!

  5. ރިސޯޓްބޯއީ

    އަހަރެން ތި ވެކުސިން ޖެހީ ކޮންމެހެން ބަލިން ރައްކާތެރިވާނެ ކަމަކަށް ނޫން. ހަމަ އެކަނި ތިޔެއްޖެހީ ކަލޭމެން ތި ގެންގުޅޭ ހައްޔަރުން ނެއްޓި މިނިވަން ކަމާއެކީ އާއިލާޔާ ރައްޓެހިންނާ ބައްދަލު ކޮށްލަން ދާންވެގެން. 2ވަނަ ޑޯޒު ޖެހުމަށް ފަހު ދެން އަހަރުން ހިފަހައްޓަން ނޫޅޭތި އޭރުން ތި ގަވައިދު އޮޅާލާފަވެސް ދާނަން. ހަދާންކުރާތި ހައްޔަރު ކޮށްގެން ހުއްޓުވަން ނޫޅޭތި އޭރުން ޓުއަރިޒަމް ހުއްޓުވުމަކަށް ގެންނާނެ ވަރުގެ ބޮޑު މުޒާހަރާޔެއް ކުރާނަށް.

  6. އ

    ލުއި ދޭއި ރު ދެން ކުޑަކުދިން ނަށް ނުޖެހެނީ ތޯ؟

  7. އިނާ

    ލުއި ދޭއި ރު ދެން ކުޑަކުދިން ނަށް ނުޖެހެނީ ތޯ؟

  8. ޢަހްމަދު

    ދެވަނަ ޑޯޒް ޖެހޭނެ ގޮތެއް ހަދާ ދިބަލަ. ފުރަތަމަ ޑޯޒް ޖެހިފަހުމައްފަހު ދެވަނަ ޑޯޒް މުއްދަތު ހަމަވެގެން މިދަނީ. ކިއު އެހާދިގު ޖެހެނީ މަދުބަޔަކަށް. މިއަށްވުރެ އިންތިޒާމް ރަނގަޅުވާން ޖެހޭނެ!