އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭގެ ވަގުތެއްގައި ކޮވިޑް-19 ގެ ވެކްސިން ޖެއްސެވުމަށް މާލެ ގެނެސްފައިވަނީ އެމަނިކުފާނުގެ އާއިލާއަށާއި ޤާނޫނީ ވަކީލުންނަށް އެ ކަން އެންގުމަކާ ނުލައި ކަމަށް އެމަނިކުފާނުގެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރެއްގެ މަޤާމު ވެސް ފުރުއްވާ ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނާ ހަމައިން ސަރުކާރުން އަމަލު ކުރަނީ ވަރަށް ލާއިންސާނީ ގޮތަކަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖަމީލް ގޮވާލެއްވިއެވެ.

"ރައީސް ޔާމީނާ ހަމައިން ސަރުކާރުން ޢަމަލްކުރަނީ ލާއިންސާނީ، ޤާނޫނާ ޚިލާފަށް. ކުއްލިއަކަށް ރޭ މާލެ ގެނައި އިރު އާއިލާ އަދި ވަކީލުންނަށް ނޭންގީ ކީއްވެ؟ މި މާތް [ރަމަޟާން] މައްސަރު އެތައް އިރަކު ކަނޑުމަތީގައި ގެންގުޅެ، ކަންތައް ކުރި އިހާނެތި ގޮތް ކުށްވެރިކޮށް ރައްކާތެރިކަން ކަށަވަރުކުރަން ގޮވާލަން،" ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނި ގޮތުގައި ރޭ 9:40 ހާއިރު ރައީސް ޔާމީން ވެކްސިން ޖެއްސެވުމަށް މާލެ ގެނައެއެވެ. ނަމަވެސް ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން އިންކާރު ކުރެއްވުމުން މިހާރު އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ރައީސް ޔާމީން ރޭގެ ވަގުތެއްގައި މާލެ ގެނައުމަށް ފަހު އަނބުރާ ޖަލަށް ގެންގޮސްފައި ވާއިރު އެމަނިކުފާނު ގޭބަންދަށް ބަދަލު ކޮށްދިނުމަށް އާއިލާއިން އެދުނުތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް އެމަނިކުފާނު ގެއަށް ބަދަލުކުރުމާއިމެދު ސަރުކާރުން ގޮތެއް ނުނިންމައެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ނޮވެމްބަރު 28، 2019 ގައެވެ. އެއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ހިމެނޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާ ކުރެއްވި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ޝަރީއަތުގައި ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމަަށް ތާއީދުކޮށްފައެވެ.

ރައީސް ޔާމީންގެ އެތައް ހާސް ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަން އިން ޤަބޫލު ކުރަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވަނީ "ނުހައްޤު ޙުކުމެއް" ކަމަށެވެ. މީގެ އިތުރުން ވެސް އެމަނިކުފާނުގެ މައްޗަށް ޚިޔާނާތާ ގުޅުން ހުރި ދެ ދައުވާއެއް އުފުލައި، އެ ދެ ދައުވާގެ ޝަރީއަތް ވެސ ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ކޮންމެ ކަމަކުން ވައްކަން ކުރުމުގެ ތާޖު ބޮލުގައި އަޅައިގެން ތިބި ބައެއް މި ސަރުކާރުގައި މިތިބީ ، ވެރިންނޭ ވެރިންނޭ ދުވަސް ގާތްވެއްޖެ! އަވަހަށް ރަށްވެހި ބަދަލުކުރާ ފޯމު ފުރާ ކޮންމެސް ޔަހޫދީ ޤައުމަކަށް ބަދަލުވޭ ފަހަރެއްގައި ޖަލު ގޮޅިތައް މިހާރު ތައްޔާރުވަމުން ދަނީ މި ސަރުކާރުގެ މަތިފަޑިއަށް ކަމަށްވުން އެކަށީގެންވޭ....
    ކޮވިޑް ވައްކަން މި ކަމުގައި ބައިވެރިވި އެންމެނަށް ޙައްޤު އަދަބު އަދި ޤާނޫނު އަރާ ހަމަ ކުރާނެ ފައިސާ ، މިއީ އެމް.އެމް.ޕީ.އާރު ސީ ގެއްލުނު ފައިސާ ދެގުނަ ބަނޑު އަޅާލި ސަރުކާރު

    8
    1
  2. މަނީމަނީ

    ރައީސް ޔާމީނަށް މާހެޔޮއެދޭ މީހަކައްވެގެން ތިއުޅެނީ ވެރިކަމައް ކުރިމަތިލާންވެގެން

    5
    3
  3. މުސްލިމު

    އަނިޔާވެރިވުން ނޫން ކޮންކަމެއް މީ؟

  4. ާަަަުުބިސްބުރު

    ރައީސް ޔާމީނަށް ގޮތެއްހަދައިފިނަމަ ސޯލިހު އުމުރަށް ޖަލަށްލާން ތަށްޔާރު.

  5. ޖަގަހަ ހަސަނު

    ސޯލިހޫ ކަލެޔަށް ހީވާކަހަލަ ރައީސްޔާމީން މިނިވަންކުރާނަން އަދި ކަލޭ ޖަލަށްލާ ވަށްކަންކުރިމަށްސަލަ ބަލާ ފިޔަވަޅު އަޅާނަން މިއީ ވަރަށްވާހަކަ.