ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދުގެ އަނބިކަނބަލުން ނަޒީހާ އަހުމަދު ވެސް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ނަޒީހާ ކޮވިޑަށް ފައްސިވިކަން އާއިލާ އިން ކަށަވަރު ކޮށްދީފައި ވަނީ ސީޕީ ހަމީދު ކޮވިޑަށް ފައްސިވިކަން ހާމަކުރިތާ ދެތިން ގަޑިއިރު ފަހުންނެވެ. ނަޒީހާގެ ދައްތަ ފަސްޓްލޭޑީ ފަޒްނާ އަހްމަދު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ނަޒީހާ އާއި ސީޕީ ހަމީދު ކޮވިޑަށް ފައްސިވި ނަމަވެސް ދެބޭފުޅުން ވެސް ތިއްބެވީ ގޭގައެވެ. އެއްވެސް ބޭފުޅެއްގެ ކިބައިން ބަލީގެ މާބޮޑެތި އަލާމާތްތަކެއް ނުފެންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ސީޕީ ހަމީދު ކޮވިޑަށް ފައްސިވީ ވެކްސިންގެ ދެޑޯޒް ޖެއްސެވި ފަހުންނެވެ. ނަމަވެސް ދެވަނަ ޑޯޒް ޖެއްސެވިތާ އަދި ދެހަފްތާ ނުވެއެވެ.

ފަސްޓްލޭޑީ ފަޒްނާ ކޮވިޑަށް ފައްސިވިކަން ރައީސް އޮފީހުން ކަށަވަރުކޮށްދިން ނަމަވެސް ފަޒްނާ އާއި ނަޒީހާ ބައްދަލުވެފައިވާކަން އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފަޒްނާ ކޮވިޑަށް ފައްސިވުމުން ރައީސް ޞާލިހްގެ ކޮވިޑް ޓެސްޓް ހަދާފައިވެއެވެ. ނަމަވެސް އެމަނިކުފާނު ކޮވިޑަށް ވަނީ ނައްސިވެފައެވެ.