ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖެއިން ބޭރުން ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ވުމުގެ އުސޫލަށްވެސް ލުއިތަކެއް ދީފިއެވެ.

އެޗްޕީއޭއިން މިރޭ މިކަން ހާމަކޮށް ނެރުނު ޢިއުލާނުގައި ބުނެފައިވާ ގޮތުން، ރާއްޖެއިން ބޭރުން އަންނަ ފަރާތްތަށްވެސް 20 އޭޕްރިލް 2021 އިން ފެށިގެން، ވަކި ޙާލަތްތަކެއްގައި ކަރަންޓީނުވާ ނުޖެހޭގޮތަށް ރާއްޖެއަށް އެތެރެ ވެވޭނެ ކަމަށެވެ.

ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަން ނުޖެހޭ ގޮތަށް ރާއްޖެއަށް އެތެރެ ނުވެވޭނީ، ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، ސްކޫލްތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ރެޒިޑެންޝަން ކެއާގެ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރާ ގޮތަށް މިފަދަ ފަރާތްތަކަށް ރާއްޖެއަށް އެތެރެ ވެވޭނީ ކޮވިޑަށް ނައްސިކަން އަންގައިދޭ ޕީ.ސީ.އާރު ޓެސްޓެއްގެ ނަތީޖާ އޮވެގެން، ނުވަތަ ރާއްޖެއަށް އެތެރެވުމަށްފަހު މި ޓެސްޓު ހަދާ ގޮތަށެވެ.

އެޗްޕީއޭއިން ވިދާޅުވިގޮތުގައި އިސްވެ ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ކަރަންޓީނާއި ނުލައި ރާއްޖެއަށް އެތެރެވެވޭނީ ވަކި ޚާއްސަ ކަންކަމެއް ފުރިހަމަވެފައި ވުމުންނެވެ. މިގޮތުން ފަތުރުވެރިން ހިމެނޭހެން ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވުމާއެކު ދެވަނަ ޑޯޒް ޖަހާފަހުން ދެ ހަފްތާ ވެފައިވާ ނަމަ ރާއްޖެއަށް އެތެރެވުމަށްފަހު އެފަރާތްތައް ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. އަދި އެފަދަ މީހުން ރާއްޖެއަށް އެތެރެވާއިރު ޕީ.ސީ.އާރު ޓެސްޓެއްގެ ނަތީޖާ އޮތުންވެސް ލާޒިމެއް ނޫނެވެ.

އެޗްޕީއޭއިން ވިދާޅުވީ، މިގޮތަށް ބަޔާންކޮށްފައި ވީނަމަވެސް އެ އޭޖެންސީން ކަނޑައަޅާ ޚާއްސަ ޙާލަތްތަކުގައި އޭޖެންސީން އަންގާ ގޮތެއްގެ މަތީން އަމަލު ކުރެވޭނެ ކަމަށެވެ.

މިރޭ އެޗްޕީއޭއިން ވަނީ ވެކްސިން ދެ ޑޯޒް ހަމަކޮށް އޭގެ ފަހުން ދެ ހަފްތާ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީނާއި ނުލައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ލުއިވެސް ދޭން ނިންމާފައެވެ. ނަމަވެސް މިގޮތުގެ މަތީން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނީ، ދަތުރުކުރާ ރަށެއްގެ އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ އާއި، ރަށެއްގައި ބަލިއުޅޭ ނިސްބަތް 5 އިންސައްތައަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ކޮވިޑަށް ނައްސި ޕީ.ސީ.އާރު ނަތީޖާއާއެކު އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއި ގުޅިގެން ރާއްޖޭގައި ފުރަބަންދުގެ އުސޫލުތައް ޤާއިމްކޮށްފައިވާތާ އިއްޔެއަށް ވަނީ އަހަރެއް ވެފައެވެ. މި އުސޫލުތައް އެކުލަވާލާފައި ވަނީ ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ހިފެހެއްޓުމުގެ ގޮތުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެގެން ދިޔައިރުވެސް މި ބަލިމަޑުކަން ރާއްޖޭގައި އަދި އެކަށީގެންވާ މިންވަރަކަށް ހިފެހެއްޓިފައެއް ނުވެއެވެ. ޚާއްސަކޮށް މާލެ ސަރަޙައްދަށް މި ބަލީގެ ނުރައްކާ އަދިވެސް އިންތިހާއަށް އޮތްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލލ

    ހެލްތު ކާޑު ހިފައިގެން އެންމެނަށްވެސް ދަތުރު ކުރެވޭ !

  2. އެމަންޖެ

    ރާއްޖޭން ބޭރުން އަންނަ މީހުނައް ކޮންމެހެން ލުއީ ދޭކައް ނުޖެހޭ ، ބޭރުން އައިއްސިއްޔާ 14 ދުވަސް ކަރަންޓީން ބަހައްޓަން ޖެހޭ.