ލ.ގަން މަތިމަރަދޫ އަވަށުގައި ކަނޑިއަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ލ.ގަން މަތިމަރަދޫ އަވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ. މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 00:15 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު 28 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކު ވަނީ ހައްޔަރުކުރެވިފައި." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލ.ގަމުގައި ރޭ މާރާމާރީއެއް ހިނގީ އެއަވަށުގެ ޒުވާނުންގެ މެދުގައެވެ.

މަރާމާރީގައި ޒަހަމްވި ޒުވާނާ އަށް ފަރުވާ ދެމުން ދާއިރު އޭނާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ ހަށިގަނޑުގެ ދެތަނެއް ޒަހަމްވެފައި ވީނަމަވެސް އަނިޔާ ސީރިއަސް ނޫން ކަމަށް ވެއެވެ.

ލ.ގަމުގައި މީގެ އަހަރުތަކެއް ކުރިން ނުރައްކާތެރި މާރާމާރީތަކެއް ހިނގާފައި ވީނަމަވެސް ތޫނު އެއްޗަކުން ހަމަލާދީ މިފަދަ މާރާމާރީއެއް އެރަށުގައި ނުހިންގާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ.