ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ފުރުސަތު ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ވިދާޅުވީ ރާއްޖެއަށް ދަތުރުކުރުން ފަސޭހަކުރުމުގެ ގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާތާ 14 ދުވަސް ފަހުން ދަތުރުކުރާ ނަމަ މިހާރު ނައްސި ޕީސީއާރު ޓެސްޓެއް ހުށަހަޅަން ނުޖެހޭނެކަމަށެވެ.

ޕީސީއާރު ޓެސްޓެއް ހެދުމަށް އުފުލަންޖެހޭ ތަކުލީފާއި ކުރަންޖެހޭ ހޭދައަކީ ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. ހާއްސަކޮށް ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި ވެސް މި ޝަކުވާ އޮވެއެވެ. މި ބަދަލާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެ އަށް މިހާތަނަށް ތިން ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ މަހަކީ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައި ފަހަރެވެ. އެގޮތުން އެ މަހު އެކަނި ވެސް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި މައުލޫމާތުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު 92,103 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. ފެބްރުއަރީ މަހު 96,882 ފަތުރުވެރިން ޒިޔާރާތް ކުރިއިރު މާޗް މަހު 109,585 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މި މަހުގެ މިހާތަނަށް ވަނީ 46،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ކޮވިޑު ވެކްސިންގެ ދެ ޑޯޒަށް ފަހު، ރަށުގެ އާބާދީގެ 60 އިންސައްތަ ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ނަމަ ނައްސި ޕީސީއާރު ނަތީޖާއަކާ ނުލައި، ކަރަންޓީނު ވުމެއް ވެސް ނެތި ދަތުރުކުރެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އުސޫލު ބަދަލުކޮށްފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާތާ ދެ ހަފުތާ ފަހުން ކަރަންޓީން ވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށް ރޭ އިއުލާނު ކުރައްވައިފައެވެ. އެޗްޕީއޭ އިން އާންމު ކުރީ ރައީސްގެ ވާހަކަފުޅުގެ ތަފްސީލެވެ.

އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން ޓޫރިސްޓުން ހިމެނޭ ގޮތަށް ރާއްޖެއަށް އަންނަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާ ނަމަ ނައްސި ޕީސީއާރު ޓެސްޓެއް އަދި ކަރަންޓީން ވާކަށް ވެސް ނުޖެހޭ އިރު، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ޑޭކެއާ ސެންޓަރުތަކާއި ސްކޫލުތައް އަދި ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަނެއްގައި މަސައްކަތް ކުރަން އަންނަ ނަމަ ނައްސި ޕީސީއާރު ޓެސްޓެއް އޮންނަން ޖެހެއެވެ.