ރާއްޖެ އިން ކޮވިޑް-19 އަށް ޓެސްޓް ކުރި މީހުންގެ އަދަދު މިއަދު ރެކޯޑް މިންވަރަކަށް މިއަދު މަދުވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރީ 1792 މީހުންނެވެ. މިއަދު 82 މީހުން ފައްސިވިއެވެ. މިއަދަކީ ފާއިތުވި ދެތިން މަހު ރާއްޖެ އިން އެންމެ މަދުއަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

ފާއިތުވި ދެހަފްތާއަށް ބަލާއިރު ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ އޭޕްރީލް މަހުގެ 06 ވަނަ ދުވަހުއެވެ. އެދުވަހު 145 މީހުން ކޮވިޑަށް ފައްސިވިއެވެ. އެއީ މިމަހު ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އެދުވަހު 4892 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ.

މިމަހު އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައި ވަނީ އޭޕްރީލް މަހުގެ 02 ވަނަ ދުވަހުއެވެ. އެދުވަހު 169 މީހުން ފައްސިވިއެވެ. އެދުވަހު 3044 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ.

މިމަހުގެ ތަފާސް ހިސާބަށް ބަލާއިރު 03 ވަނަ ދުވަހާއި 13 ވަނަ ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ވެސް ޓެސްޓް ކުރާ މިންވަރު މަދުކުރުމުން ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު މަދުވިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑަށް މިހާރު ޓެސްޓް ކުރާ މީހުންގެ އަދަދު މަދުކޮށްފައިވާ ސަބަބެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ. ކޮވިޑަށް ވީހާވެސް ގިނައިން މީހުން ޓެސްޓްކުރުމަކީ ބަލި ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ އެންމެ މުހިއްމު ކަންތައް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 40 މީހުންނެވެ. މީހުން ދިރިއުޅޭ އަތޮޅުތެރޭގެ ރަށްތަކުން 24 މީހުން ފައްސިވިއެވެ. މިއަދު ވަނީ ރިސޯޓްތަކުން ފައްސިވި މީހުންގެ އަދަދު އިތުރު ވެފައެވެ. މިއަދު ރިސޯޓްތަކުން 18 މީހުން ފައްސިވިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 2584 މީހުން އެބަތިއްބެވެ. މިއަދު ވަނީ 118 މީހުން ކޮވިޑުން ރަނގަޅުވެފައެވެ.