ކޮވިޑް-19 އާއި ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ސަރުކާރުން ދޭން ވައުދުވި "ފްރަންޓްލައިން އެލަވަންސް" ބައެއް ވޮލެންޓިއަރުންނަށާއި އަދި މުވައްޒަފުންނަށް ވެސް ނުލިބި އެތައް މަހެއް ފާއިތުވެގެން ހިނގައްޖެ ކަމަށް ބުނެ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްއެޗްޕީޔޫ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް ލަސްކުރުމެއް ނެތި ކޮންމެ މުވައްޒަފަކަށް ވެސް އެމުވައްޒަފަކު ކުރި މަސައްކަތެއްގެ އުޖޫރަ ލިބުން އެއީ ޙައްޤެއް ކަމަށެވެ. ނަމަވެސް އެޙައްޤު ބައެއް ފަރާތްތަކަށް ނުލިބޭކަން ކަންބޮޑުވުމާއިއެކު ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

"ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ވޮލެންޓިއަރުންނާއި އެހެނިހެން މުވައްޒަފުން ދަނީ ދުވާލަކު ހަގަޑިއިރާއި ދިހަގަޑިއިރާއި ދެމެދުގެ ވަގުތެއްގައި މަސައްކަތް ކުރަމުންނެވެ. ވޮލެންޓިއަރުން ވެސް މަސައްކަތް ކުރަމުން ދަނީ މުވައްޒަފުންނާއި އެއްގޮތައް ޑިއުޓީއަށް ރިޕޯޓް ކޮށްގެންނެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ސަރުކާރުން ދޭން ވައުދުވެފައިވާ ފްރަންޓްލައިން އެލަވަންސް ވޮލެންޓިއަރުންނަށް ވެސް ލިބެން ޖެހޭ ގޮތައް އުސޫލުތައް ހަމަޖެހިފައި އޮތް ނަމަވެސް ބުރަ މަސައްކަތް ކުރާ ވޮލެންޓިއަރުންނަށާއި އަދި ފުރަތަމަ ސަފުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނަށް ވެސް ސަރުކާރުން ވައުދުވެފައި އޮތްގޮތައް އެލަވަންސް ނުލިބޭތާ އެތައް މަހެއް ވެފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ވަނީ އެލަވަންސް ދޭން ހަމަޖެހިފައި އޮންނަ ތާރީޚްގައި އެލަވަންސްތައް ދިނުމަށް ގޮވާލާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުން ތިން ގިންތިއަކަށް ބަހާލައިގެން އެލަވަންސް ދޭން ސަރުކާރުން ވަނީ ވައުދުވެފައެވެ. އެންމެ ބޮޑަށް ބަލި މީހުންނާއި ބައްދަލު ކުރަން ޖެހޭ މީހުންނަށް ދުވާލަކު 500ރ. އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް 250ރ. ލޯ ރިސްކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދުވާލަކަށް 200ރ. އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެލަވަންސް ނުލިބިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުން މީގެ ކުރިން ވެސް އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހުސޭނުބޭ

    އެކަމަކު އެ ފައިސާ ވަނީ ބައިތުލްމާލުން ނާގާފައި އަދި ދޫކުރިކަމަށް ސިއްކަ ޖަހާފައި. އެ ވީ މީހެއްގެ ޖީބުގައި ވެއްޖެ!

    10
  2. ކޮރަލް

    މަޖްލިސް މީހުންނަށް ބަރާބަރަށް މުސާރަ ލިބުނެވެ. ސިޔާސީ އަދިމިނިވަން މުވައްސަސާ ތަކުން ވެސް ބަރާ ބަރަށް މުސާރަ ލިބުނެވެ. ދެން މިހާލަތުގަ ބަދަލެއް ބޭނުން ވެ އެވެ.

  3. އަހުމަދު ނީޒް

    އަހަރެންނަށް އެނގޭ ކިތަންމެ ކުދިންނެ އް 2 މަސް ވީ މަގުމަތީ ސުންކު ނަގަން އުޅޭތާ. އެންމެ ރުފިޔާ އެއއ އްވެސް ނުލިބިގެން އުޅޭ. އެމީހުން ކާން ޖެހޭ ކަމާ ކުލިދަ އްކަން ޖެހޭކަން ނޭނގޭހާ ހަމަ ނިޖެހެނީ ބާ ?

    10
  4. ލާމު

    6 މަސް ވަންދެން ތިޔަ އެލަވަންސް ދޭކަމަށް އެނގިފައި އޮތީ. އެ ހަމަސް މި ހާރު ނިމިއްޖެ.

    6
    2
  5. ގުދުގުދާބެއްޔާ

    ހޮސްޕިޓަލްތަކަށް އެލަވަންސް ފިނޭންސް އިން ހަވާލުކުރި! ހުޅުމާލެ ހޮސްޕިޓަލްއަށް 3 މިލިޔަން އަށްވުރެން ގިނަ ރުފިޔާ ފިނޭންސްއިން ދޫކޮއްފައިވަނީ! އެކަމަކު ލިބުނީ މަދުބަޔަކަށް. ޒީރޯ ޓޮލަރެންސޭ ކިޔާއިރު ލިބުނު މީހުންގެ މައުލޫމާތު ހާމަކޮއްލަންނުކުރޭ! އައިޑީކާޑް ގެ މައުލޫމާތާ ގޭގެ އެޑްރެސް ނުހިމެނިޔަސް ނަން އެކަނިވެސް ހިމަނާލާން ޒީރޯޓޮލަރެންސް ވީމާ ނުކެރޭ!

  6. ނަޖޫ

    މޯލްޑިވިއަން އަށްވެސް ނުލިބޭ

  7. ޢޮފްބެ

    ޥެމްކޯ މީހުނަށް ތިބުނާ އެލެވެންސްގެ ރަހަވެސް ނުލިބޭ!

    7
    1
  8. ވެރިޔާ

    އަތޮޅު ތެރޭގައި ސިއްހީ އެއްވެސް މުވައްޒަފަކަށް ތިޔަ ބުނާ އެއްޗެއް ނުލިބޭ. ދެން ސިޔާސީ ނޫން ވީމަ ނުވެއްލިބޭނެ......... ނުވާ ކަންތައްތަކުގެ ވައުދު ވާތި................

  9. ވަތަނަބެ

    އަހަރެންވެސްމީ ދަރުބާރުގޭގައި މަސައްކަތްކުރި މީހެއް . 4 މަސްދުވަސް ވެއްޖެ އެލަވަންސް ނުލިބޭތާ

  10. ފުލުސް

    ފުލުހުންނަށާއި ސިފައިންނަށް ތިއެލަވަންސް އަށް 26 މިލިއަން ދީފައިވޭ، އޭގެތެރޭން އެލަވަންސް ދޭނީ ދެބުރަކަށް ބަހާލައިގެންކަމަށް ބުނެ ފުރަތަމަ ބުރު ކޮންމެސް ވަރެއް ޖަމާކޮށްދިން ދެވަނަ ބުރުގެ ލާރިކޮޅު ވެރިން ކާލަން އުޅެންފެށީމަ ސިފައިންގެ ތެރޭ ހަޅުތާލުކޮށް ތިހެން ކަންތަށް ކުރަނިކޮށް ފިނިފެންމާ ލޯންޗްގެ ހާދިސާ ތަކުރާރުވެދާނެކަމަށް ބުނެ ބަނޑޭރިގެތެރެއަށް ލިއުން އެޅުމުން އެބަިމީހުނަށް ދެވަނަ ބުރުގެ އެލަވަންސްދީފި. ނަމަވެސް ފުލުހުންނަން އެލަވަންސްދޭން ދިން ލާރިވަނީ ވެރިން ބަނޑުއަޅާލާފައި، މިކަމާއި ބެހޭގޮތުން ނޫސްވެރިން އެމްސީ ހަމީދުއާ ނިކަން ސުވާލު ކޮށްލަބަލަ...

  11. އިބްރާހިމް

    ޖުލައި 1 ކުން ފެށިގެން އޮކްޓޯމްބަރ މަހުގެ 31 ވ އެލަވެންސް ފައިސާ ދިނީ ޖެނުއަރީ މަހުގަ. އޭގެ ފަހުނ މަސައްކަތް ކުރި ދުވަހުގެ ފައިސާ އަދިވެސް ނުލިބޭ މީހުން ގިނައީ

  12. ފައްޔާޒު

    މީހުން އުޅޭ ވަޒީފާގެ ވާހަކަ ނުދައްކާ މިޔަގެ އަންހެނުން ސަރުކާރު ވަޒީފާ އަދާކޮއްފަ ތިޔަ އެޗްޕީއޭގަވެސް ދުވާލަކު މަދުވެގެން 6 ގަޑިއިރު އެބަ ހޭދަކުރޭ ދޭއެއްޗެެއް ހަރާމް ، މިއުޅޭ ކެރަފާ ދިންކަމައްވަނީ އެތާ އުޅޭ ބޭފުޅުންނައް ރޯދަ ހަދިޔާއަކައް 150 ރުފިޔާގެ ވައުޗަރެއް ، އެވެސް ކެރެފާމެން ބަނޑުފުރިގެން ބާކީވި ބައިތަ ނޫނީ ހޮޑައް ނުކުން ބައިތަ.

  13. ޥޮލަންޓިޔަރ

    މިހާރު ވެސް ނުލިބިގެން އެތައް ޝަކުވާއެއް ކޮށްފިން. ކޮންމި ދުވަހަކު އެއް ޖަވާބެއް. ޢަޖައިބު ދެން

  14. ޕޮއް

    ނުޖެހެެެެެެެެެެެެެެޭދޭކައް

  15. ފުޅިމަދު އުނގުރި

    ދަރުބާރުގޭގަ އާރްއާރްޓީ މަސައްކަތް ކުރި ދުވަހުގެ 1/2 އަދި ދިނީ އަނެއްބައި ކޮބާތޯ ވެރިންނާ ސުވާލު ކުރުމުން “ އަދި ނެއް އަޕްޑޭޓެއް “ މީ އާރްއާރްޓީ ވެރިން ދޭ ޖަވާބު ދުވަހަކު ވެސް އެބުނާ އަޕްޑޭޓެއް ދެވޭ ވަރެއް ނުވޭ.. އެކމާ ވަކާލާތު ކުރީމަ އަހަރުމެން ސާމްޕަލް ނަގަން ތިބޭ ކުދިން ވަރު ހަޔާތްކުޑަ ގޮަތްކުޑަ ބަޔަކު ނޫޅޭ.... މީ ވަރަށް ވާހަކަ.