ތައުލީމީ ދާއިރާ އަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި، ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެގެން ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ނަތީޖާ ފައްސިވެއްޖެއެވެ.

އެކަމަކު، އޭނާ އަވަހާރަވީ ކޮވިޑް ބަލީގައި ކަމެއް އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނުނިންމައެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި، ނާއިލާ ކޮވިޑަށް ފައްސިވި ކަން އެނގުނީ މިއަދު މެންދުރު ފަަހުގެ ވަގުތެއްގައެވެ. އަދި އެކަމަނާގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާ އަށް ބަދަލު ކުރުމުގެ އިންތިޒާމުތައް މިހާރު ދަނީ ހަމަޖައްސަމުންނެވެ.

އަދި ނާއިލާގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. ނާއިލާގެ މޫނު ބެލުމުގެ ކަންކަން ވަކި ސަރަހައްދެއްގައި ތިބެގެން ބެލުމުގެ އިންތިޒާމު، ހުޅުމާލެ ސަަހަރާ އަށް ދިއުމުން ހަމަޖެހޭނެއެވެ.

ނާއިލާ އަކީ ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަލްމަރުހޫމް ދިއްދޫ އިބްރާހިމް ކަލޭފާނުގެ ދޮށީ ދަރިކަނބަލުންނެވެ. އުމުރުން 72 އަހަރުގައި ނާއިލާ އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އޭޑީކޭ ހޮސްޕިޓަލްގައެވެ.

ނާއިލާ ޒާހިރު ހުސައިން އާ ކައިވެނި ބައްލަވައިގަތީ 1972 ވަނަ އަހަރުއެވެ. އެ ކައިވެންނަށް ދެ ދަރިކަނބަލުންނާއި ދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެއީ "މިހާރު" ގެ އެގްޒެކެޓިވް ޑިރެކްޓަރު ވާއިލް ޒާހިރު ހުސައިނާއި މީރާ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަން ލީނާ ޒާހިރު ހުސައިނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިނެވެ.

ސްރީލަންކާ އާއި ނިއުޒީލޭންޑުން ކިޔަވާ ވިދާޅުވި ނާއިލާއަކީ ވަރަށް ގިނަ މީހުންނަށް އުނގަންނައި ދެއްވި މަޝްހޫރު ޓީޗަރެކެވެ. އިނގިރޭސި އާއި ހިސްޓްރީ ޓީޗަރެއްގެ އިތުރުން އަމީނިއްޔާ ސްކޫލްގައި އެތައް ޒިންމާއެއް 25 އަހަރު ވަންދެން އޭނާ އުފުއްލެވިއެވެ. އޭނާ އުނގަންނައި ދިން ބޭފުޅުން މިއަދު އެކިއެކި ދާއިރާތަކުގައި އިސް ސަފުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ސިޔާސީ ދާއިރާ އާއި ތައުލީމީ ދާއިރާ ވެސް ހިމެނެއެވެ.

އޭނާ އަކީ މޮޅު ކައްކާއެއްވެސް މެއެވެ. ކެއްކުމާ ގުޅޭ ބައެއް ފޮތްތައް ވެސް ނާއިލާ ލިޔުއްވާފައިވެއެވެ. ގިނަ ބާވަތްތަކުގެ ކާތަކެތި ތައްޔާރު ކުރައްވާނެ ގޮތް ގެނެސްދެއްވުމަށް ނާއިލާ މީގެ ތިރީހަކަށް އަހަރު ކުރިން ނެރުއްވި ފޮތް "ޒީނާރު"، ހަތް ފަހަރެއްގެ މަތިން ޗާޕްކުރުމުން ވެސް، (އެންމެ ފަހު ޗާޕް 2002 ގައި) ވަނީ ވިކިހުސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޯގޯސް

    މިވެސް ދެން އަޖައިބެއް މި ހާރު މަރުވާ އެންމެންވެސް ކޮވިޑްމަރަކުންތަ މަރުވަނީ މަރުހުމާގެ ފާފަފުއްސެވުމައް އެދި ދުވާކުރަން

    12
    2
  2. ޒިމްނާ

    މާކުރިންވެސް އިނގޭ މަރުވެއްޖެއްޔާ ފައްސިވާނެކަން.މިހާރު ރާއްޖޭގައި ކޮވިޑް މިބޭނުންކުރަނީ ވަކިމަގުސަދެއްހާސިލުކުރުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގަ.ދައުލަތުގަގެ މީހުންއޮކޭ ދަތުރުކުރިޔަސް ކޮންމެ ގޮތަކަށް އުޅުނަސް.ކަރަންޓީންވާކަށްވެސް ނުޖެހޭ.

    9
    1
  3. ކޮވިދް

    ކޮވިޑް ނޫން މީހަކު މިގައުމުގަ މަރުވޭތަ

    6
    2
    • މަކުނު

      ޢެހެންޏަ. ޢާ ސަހަރާ މިސްކިތަޢް ނަމާދަށް އަންނަމީހުންނަށް އިނގޭނެ.

  4. ފާތުން

    އަޅެޟިވެސް ދެން ކިހާބޮޑުކަމެއް ނާއިލާ ގެ ކުދިންގެ ބަދަލުގަ އޭނަކިޔަވާދިންކުދިންގެ ފޯޓޯތަޖަހަނީ. މިކަންވެސް ސިޔާސީމިކުރީ. ވަރައްފޫހިވެއްޖެ. ދެކެންވެސް ދެން މީބޮޑުވަރު

  5. ކޮވިޑް

    ދޮގެއްވާނޫން! މަރުވާ ކޮންމެމީހަކު ކޮވިޑުގައި މިވެސް ބަޔަކަށް ލިބޭ މަންފާ އަކަށް ވެއްޖެ! ހީވަނީ ބިރެއްދައްކަން އުޅޭހެން! މިހާރު މިރާއްޖޭގައި އުޅޭ ކޮވިޑް ވޯޓު ފޮށިތަކާއެކު ހިގައްޖެ! މިހާރުކުރަންވީކަމަކީ ލިބިފައި ހުރި ވެކުސިންތައް ޖަހާ ހުސްކުރެވޭތޯ ބެލުން .