މާލެ އަތޮޅު އުތުރުތިލަފަޅަށް އަރައި ފާބަން އިންޑިއާ ސަރުކާރު ނުވަތަ އިންޑިއާގެ އަސްކަރިއްޔާގެ ހުއްދަ ހޯދަން ޖެހޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެމްއެންޑީއެފް އިން ދޮގުކޮށްފިއެވެ.

އެމްއެންޑީއެފް އިން ނެރުނު ނޫސް ބަޔާނެއްގައި މި ވާހަކަތައް ދޮގުކޮށްފައިވަނީ ކުރީގެ ކާނަލް އަހްމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ޓީވީ ޕްރޮގްރާމެއްގައި މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވަނިކޮށެވެ. އަދި ޕާޕާ ދެއްކެވީ ދޮގު ވާހަކައެއް ކަމަށް ބަޔާނުގައި ވެސް ފާހަގަކުރައްވާފައިވެއެވެ.

"އެމްއެންޑީއެފް ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަކީ އެމްއެންޑީއެފްގެ މުވައްޒަފުން ތިބޭ ތަނެކެވެ. އަދި އުތުރުތިލަފަޅަށް އަރައި ފޭބުމަށް ބޭނުން ވަނީ ހަމައެކަނި އެމްއެންޑީއެފްގެ ހުއްދައެވެ. އަދި ހަމައެހެންމެ ހދ. ހަނިމާދޫ އެއަރޕޯޓްގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަޙައްދަށް އަރައި ފޭބުމަށް ބޭނުންވަނީ އެމްއެންޑީއެފްގެ ހުއްދަ ކަމުގައި ވެސް ދަންނަވަމެވެ." އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ޕާޕާއަކީ ތަފާތު ގިނަ އަޚްލާޤީ މައްސަލަތަަކަކާ ގުޅިގެން ސުލޫކީ މައްސަލަތަކެއްގައި ޑިސެމްބަރު 17، 2016 ގައި ސިފައިންގެ ކާނަލެއްގެ މަޤާމުން ކެޕްޓަނެއްގެ މަޤާމަށް ޑިމޯޓްކޮށްފައިވާ ފަރާތެއް ކަމާއި އަދި ޖޫން 19، 2016 ގައި ކެޕްޓަނެއްގެ މަޤާމުން ލެފްޓިނަންޓެއްގެ މަޤާމަށް ޑިމޯޓްކޮށް، "ޑިސްއޮނަރަބަލް ޑިސްޗާޖް" އެއްގައި ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އުތުރުތިލަފަޅުގައި ކޯސްޓްގާޑް އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހެދުމަަށް މި ސަރުކާރުން އިންޑިއާ ސަރުކާރާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް އެ ތަނުގައި ޤާއިމް ކުރަން ހިމަނާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާފައިވެއެވެ. އެ ވާހަކަތައް ދެ ގައުމުގެ ސަރުކާރުންނާއި އަސްކަރިއްޔާއިން ވެސް ދޮގުކޮށްފައިވަނިކޮށް، އެ އެއްބަސްވުމުގެ ފުރަތަމަ ދެލިކޮޕީ މީސް މީޑިއާއަށް ލީކްވިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ލީކު ކޮށްލާފައިވާ އެއްބަސްވުމުގައިވާ ގޮތުން 30 އަހަރުގެ މުއްދަތަކަށް އިންޑިއާ ސިފައިން އެ ތަނުގައި ތިބެވޭނެއެވެ. އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އެ ތަނުގައި ހުންނަ މުވާސަލާތީ ޚިދުމަތްތައް ވެސް ބޭނުން ކުރެވޭނެ ކަމަށް އެ އެއްބަސްވުމުގައިވެއެވެ.

ލީކުވެފައިވާ އެއްބަސްވުމުގައި އިންޑިއާ އަސްކަރިއްޔާގެ ސިފައިން އެ ތަނުގައި ތިބެވޭ ގޮތަށް އޮތް އިރު، އެމްއެންޑީއެފް އިން މީގެ ކުރިން ވަނީ އެ ވާހަކަ ދޮގުކޮށްފައެވެ. އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި، އެ ސަރަހައްދު ތަރައްގީ ކުރުމަށް އެ ތަނުގައި އިންޑިއާގެ ޓެކްނީޝިއަނުންނާއި ލޭބަރުން އުޅޭނެ ކަމަށެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ލީކު ވެގެން އުޅޭ އެއްބަސްވުމަކީ އިންޑިއާއިން ބޭނުންވާ ހުށަހެޅުންތައް ހިމަނައި ދިވެހި ސަރުކާރަށް ފޮނުވި އެއްބަސްވުމުގެ ފުރަތަމަ ދެލިކޮޕީއެވެ. އަދި ފައިނަލް އެއްބަސްވުމުގައި އިންޑިއާ ސިފައިންނާ ގުޅޭ ވާހަކަތައް ހިމަނާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްޔު

    ތިވާނީ ތެދަކަށް އެހެންވެ އައްޑޫއިން އެމްއެންޑީއެފް ބޭރުކުރީ

    21
  2. ހުދުހުދާ

    އުތުރުތިލަފަޅަށް އަރަން އިންޑިއާގެ ހުއްދަ ހޯދަން ޖެހޭ ވާހަކަ އެމްއެންޑީއެފުން ދޮގުކުރިނަމަވެސް ދިވެހިންގެ މެޖޯރިޓީ އެވާހަކަ ގަބޫލެއް ނުކުރާނެއެވެ. އިތުރުތިލަފަޅު އިންޑިޔާއަށް ދީފައިވަނީ ސުލްހަވެރި އެގްރީމަންޓެއްގެ ދަށުން ކަމަށްވާނަމަ އެެއެގްރީމަންޓް މީޑިޔާއަށް ހިއްސާކުރުމުން ދިވެހިދައުލަތަށް ލިބޭނެ އިއާދަނުވާވަރުގެ ގެއްލުމަކީ ކޮބައިތޯއެވެ. ދިއުޅިއެއްނުވާ ވާހަކަ މިހާރަކު ދިވެހިން ގަބޫލެއްނުކުރާނެއެވެ. މިމައްސަލަ ބޮޑުވެގެން ބޮލާފޮށާ އެޅެންފެށީމާ އެއަށް ޖަވާބުދާރީވާން މީޑިޔާ ބޭނުންކުރީ ސިފައިން އިސްއޮފިސަރުންގެ މަދުމީސްކޮޅެކެވެ. ހަގީގަތުގައި މިއަށް ޖަވާބު ދެއްވަން ޖެހޭނީ މާރިޔަތުދީދީއެވެ.އެކަމުންވެސް މިކަމުގެ ނުބައިއޮތްމިންވަރު ވަޒަންކުރެވެއެވެ.

  3. ާަަަުުބިސް

    މިގައުމުއަޅުވެތިކުރުމަށް އެމްއެމްޑީ އެފުން ގާނޫނާއި ހިލާފުވެއްޖެ ނަމަ އެބަޔަކާދެކޮޅަށް ދައުވާކުރެވޭނެ ކަން ހަނދުމަ ބެހެއްޓުމަށް އެދެން މިގައުމަކީ އިންޑިއާގެ މިލްކިއްޔާތުގެ ބައެއްނޫން އަދިސޯލިހުގެ މިލްކިއްޔާތެއް ނޫން.

  4. އުގުރި

    ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން އުތުރު ތިލަފަލައް އަރާއިރު އެވެސް ހަ ކަލަ ހުއްދަ އެއް ހޯދާ ކައް ނުޖެހޭ. ( އެ ކަމަ ކު އަހާލަން ޖެހޭ )