ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އިން 13.5 މިލިޔަން ރުފިޔާ ޝީޝާ އަށް ދެއްކުމަށް ސުޕްރީމް ކޯޓުން ދާދި ދެންމެ ހުކުމްކޮށްފިއެވެ.

މި ހުކުމަކީ ޝީޝާގެ ތިން ބެއިން، އެބެންކުގައި ހުޅުވާފައިވާ އެކައުންޓުން ބަޔަކު ނެގި ފައިސާގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމަށް ސިވިލް ކޯޓުގައި ކުރި ހުކުމަށް ހައިކޯޓުން ތާއީދުކުރުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ކޮށްފައިވާ ހުކުމެކެވެ. އެކައުންޓުން 18 މިލިޔަން ރުފިޔާ ގެއްލުނުއިރު، އޭގެތެރެއިން ނުލިބިވަނީ 13.5 މިލިޔަން ރުފިޔާއެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޝީޝާގެ ތިން ބެއިންނަށް މި ފައިސާ ދެއްކުމަށް ސިވިލް ކޯޓު އަދި ހައި ކޯޓުން ކުރި ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކަމަށް ކަނޑައަޅާ ސިވިލް ކޯޓު އަދި ހައިކޯޓުގެ ހުކުމަށް ތާއީދުކުރާކަމަށެވެ.

ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޝީޝާގެ ތިން ބެއިން ކަމަށްވާ އަޙްމަދު ޙަސަން މަނިކުއާއި އިބްރާހީމް ހުޝާމް އަދި ޙުސައިން ހުޝާމްގެ ނަމުގައި އެސްބީއައިގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓުން ފައިސާ ނެގުމަށް އެ ބޭންކާ އެކު 2011 ޖުލައި 10 ވަނަ ދުވަހު ވެފައިވާ ފަންޑްސް ޓްރާންސްފަރ އެގްރީމެންޓުގެ ދަށުން ފެކްސް މެދުވެރިކޮށް ޓްރާންފަރ ކުރަން އެދެވުނު ނަމަވެސް، މި މުއާމަލާތް ހިންގުމުގައި އެ ބޭންކުން ބަލަންޖެހޭ ސަލާމަތީ ކަންކަމަށް ބަލަންޖެހޭ މިންވަރަށް ބަލާފައި ނުވާ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް ގައި މުޙައްމަދު ރަޝީދުއާއި އިބްރާހިމް ޝާހިދުގެ ނަމުގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓަށް މަކަރާއި ހީލަތުން ޓްރާންސްފަރ ކުރަން އަޙްމަދު ޙަސަން މަނިކުގެ ނަމުގައި ފެކްސް ކޮށްފައިވާ ލިޔުމުގައިވާ ސޮޔާއި ނަން ދިމާ ނުވާއިރު، ޝައްކުގެ ނަޒަރަކުން ބެލެވޭނެ ހާލަތެއްގައި އެ މުއާމަލާތް ކޮށްފައިވަނީ ބައިނަލްއަޤްވާމީ ބޭންކިންގެ އުޞޫލުތަކާއި ހިލާފަށް ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އެ ފައިސާގެ ތެރެއިން އެ ތިން ބެއިންނަށް އަނބުރާ ލިބިފައިވާ 4،452،945ރ. އުނިކުރުމުން ބާކީ ނުލިބިފައިސާ ކަމުގައިވާ 13،547،055ރ. އާއި އެ ފައިސާ އެއެކައުންޓުގައި އުނިނުވެ ހުރިނަމަ އެ ފައިސާ އަށް ލިބިގެންދާނެ އިންޓްރެސްޓުގެ ފައިސާ 2014 ޖަނަވަރީ 16 ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި އެ ތިން ބެއިންގެ އެކައުންޓަށް ޖަމާކުރުމަށް އެސްބީއައިގެ މައްޗަށް ހުކުމް ކުރާ ކަމަށެވެ.

ޝީޝާގެ ތިން ބެއިންގެ އެކައުންޓުން 18 މިލިއަން ރުފިޔާ މަކަރާއި ހީލަތުން ޓްރާންސްފަރ ކޮށްފައިވަނީ ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހާއި 20 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަހަށްދޭދޭ

    ކޮބާ އެސްބީއައިނޭ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. ތަމެން ދެން މަހަށް ދޭބަލަ މަހަށް މަަހަށް މަހަށް މަހަށް ދޭބަލަ..

  2. ދީދީ

    ދެން ޝީޝާ ތިންބޭންނަކަށް އިންޑިޔާއަކަށް ނޭރޭނެ، އެއަރ ޕޯޓުން ހިފަހައްޓާފަ އަނބުރާ ފޮނުވާލާނެ

  3. ޅަބޭ

    އެސްބީއައި ރާއްޖެއިން ފައްސާލުމުގެ ފުރުތަމަ ހަރުފަތް. (ޖީއެމްއާރު ވެސް ބުރުވާލިގޮތައް)

  4. ޝިފާޒް

    އެސް ބީ އައި އަކީ ދިވެހިންނަށް ވ ގޯސްކޮށް ކަންކުރާބަޔެއް ބަޔެއް ފަހަރަށް. އެމީހުން ދިވެހިން ފެލުމާއި އެމީހުންގެ މީހުން ދިވެހި ރާއްޖޭގައި އިންވެސްޓް ކުރަން ފުރުސަތު ހުޅުވާ ދިވެހިންނަށް އިންޑިޔާ މީހުންގެ ކިބައިން މަންފާ ނުލިބޭ ގޮތް ހަދަން އުޅޭ. ﷲ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވޭ.