ގާނޫނީ ވަކީލް އަހްމަދު ނަޖީބް މަރާލި މައްސަލައިގައި ފާތުމަތު ހަނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާ ގުޅިގެން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުންތައް ނިންމާލައި އެ މައްސަލައިގައި ހުކުމަކާ ހަމައަށް ވާސިލްވެއްޖެއެވެ.

ޖުލައި 2012 ގައި މ. މަސްރޫރާ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ނަޖީބު ބަނދެފައި ބޭންދުމަށް ފަހު އޭނާގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ށ. ގޮއިދޫ ރިހާބް، ހަނާގެ އިތުރުން އޭނާގެ ލޯބިވެރިޔާ މ. މަސްރޫރާ، އަހުމަދު މުއްރަތުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި މަރުގެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.

ދައުލަތުން ހަނާގެ މައްޗަށް ކުރާ ދައުވާގައި ބުނާ ގޮތުން، ނަޖީބު މަރާލުމުގެ ކުރިން އޭނާ ބަނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. އަދި ނަޖީބް މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ފޮރުވުމުގައި ހަނާ ވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ކުރިން މުއްރަތު އާއި ހަނާ ވެސް ވަނީ ނަޖީބް މަރާލުމަށް ރޭވި ކަމަށް އިއުތިރާފްވެފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ފާތިމަތު ހަނާއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނެވެ. އެ ފުރުސަތުގައި ހަނާ ވަނީ މީގެ ކުރިން ވެސް ދައްކާފައިވާ ބައެއް ވާހަކަތައް ތަކުރާރުކޮށްފައެވެ. މި ގޮތުން އެ ރޭގައި ނަޖީބްގެ އަމަލުތައް ހުރީ ރަނގަޅަށް ނޫން ކަމާއި ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމާއި، ހަނާގެ ހަށިގަނޑުގައި ބީހެން މަސައްކަތް ކުރުން ފަދަ ތުހުމަތުތައް މިއަދު ވެސް ކުރިއެވެ.

މީގެ އިތުރުން ހަނާ ބުނީ ނަޖީބްގެ އަމަލުތައް އެ ގޮތަށް ހުރުމުން މުއްރަތު ކައިރިއަށް ރުޅި އައިސްގެން ނަޖީބްގެ ކަރު ކައިރީ ވަޅި ބެހެއްޓި ކަމަށެވެ. އެ ގޮތަށް ބެހެއްޓުމަށް ފަހު ނަޖީބްގެ އަނގަމަތީ ޓޭޕް އެޅުމަށާއި ބަނދެފައި ބޭންދުމަށް މުއްރަތު އެންގި ކަމަށް ހަނާ ބުންޏެވެ. ހަނާ ބުނި ގޮތުގައި އޭރު އޭނާ ހާސްވެފައި ހުރި ވަރު ބޮޑު ކަމުން ކުރަންވީ ކަމެއް ނުވިސްނި މުއްރަތު ބުނި ގޮތަށް ކަންކަން ކުރެވުނު ކަމަށެވެ.

ފަހުން ނަޖީބް އަތުން ފޭރުނު ކަމަށް ހަނާ އެއްބަސްވިއެވެ. އަދި އެ ފައިސާއިން މުއްރަތުއާ އެކު ބައެއް ތަކެތި ގަތް ކަމަށް ބުންޏެވެ. މި ގޮތުން ބައެއް ކާތަކެތީގެ އިތުރުން މަސްތުވާތަކެތި ގަތް ކަމަށް ހަނާ ބުންޏެވެ. އަދި އެ ރޭ ރާ ބޮއެ މަސްތު ވެގެން ދިޔައީ ކަމަށް ބުންޏެވެ. އޭނާއަށް ހޭލެވުނު އިރު ވެސް ނަޖީބް މަރުވެފައި އޮތް ކަމަށާއި އޭރު މުއްރަތު އަތުން ނަޖީބް މަރުވީ ކަމަށް ބުނަމުން ދިޔަ ކަމަށް ހަނާ ބުންޏެވެ.

އެހެންވެ ހަނާގެ ފަރާތުން ބުނަމުން ދިޔައީ ނަޖީބު މަރުވީ ނަޖީބުގެ ކަރަށް މުއްރަތު ވަޅިން ހަމަލާ ދިނުމުން ކަމަށާއި އެއީ ހަނާ ކުރި އަމަލަކަށް ނުވާތީ ހަނާ އަށް މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ. މިއީ ހައި ކޯޓުގެ މަރުހަލާގައި ވެސް ހަނާ ބުނެފައިވާ ގޮތެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންއެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާޙީމްއާއި، ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރް އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. އެހެން ނަމަވެސް ކަމެއް ސާފު ކުރަން ޖެހިއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވަން ޖެހިދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖަޒީރާ

    ނަޖީބުގެ ހައްގަށްވުރެ ހަނާގެ ހައްގުތައް ގިނަ ދެއްތޯ.. ޖަޒީރާ ރާއްޖޭގަ އޮންނަނީ ކުށްވެރިން ހިމާޔަތް ކުރުން

    47
    2
  2. ބަކަރި

    އެމްޑީޕީއަކީ ކުށްވެރިން ހިމާޔަތްކުރާ ޕާޓީ

    43
    3
    • ޓްރަންޕް1

      ރަގަޅު ވަހަކަ އެއް އެމް.ޑީ.ޕީ މީހުން ޝަހީދު ހުސައިން އާދަމް އަށް ވުރެ ބޮޑު އިއްޒަތެއް ދީފައިވޭ އީވާން ނަސީމް އަށް ވެސް. މުޅި މާލެ ދެފުއްޖަހާ ހަދާލި

      16
  3. ޢައްޑު

    ތިތާ ތިބި ހުރިހާ ފަނޑިޔާރުން ނަރަކަ ކެކިއަރާނެ. މަޤާމަށް އައި ނުޙައްޤުން މަޤާމުގައި ހުރ ވެސް ކުރެވޭނެއެއް ކަމެއްވެސް ނެތް. ނަހަމަގޮތުގައި މަޤާމް ގެ ބޭނުން ކުރާނެ.

    20
    2
  4. ޒިމްނާ

    އިންސާފު ލިބުނީދޯ ދެން.އަދި 5 އަހަރު ދާނެ މިވަރުންވެސް.ބޮޑު މުސާރަނަގައިގެން މިގާޒީން ކޮންކަމެއް މިކުރަނީ؟މައްސަލައެއްނިމޭތަނެއްނާދޭ.އެހެންނޫން ކާއްޓެއް ވަގަށް ނަގައިފިއްޔާ ނިންމާނެ އެދުވަހުން އެދުވަހަށް.އަދި 25 އަހަރުގެ ޖަލު ހުކުމެއްވެސް އަންނާނެ.

    32
  5. އޭނާ

    އޭނާއަށް އެނގޭ މިހާރު ހުކުމް ކުރަން ތިބި މީހުންނަށް އިސްލާމް ދީނުގައި އޮންނަ ގޮތް ނޭނގޭނެ ކަން. އެއީ އިސްލާމީ ތަޢުލީމް ކިޔަވައިގެން ތިބި އިސްލާމީ ޝަރީޢަތް ދަންނަ ބައެއް ނޫންކަން.

    10
  6. އަންނި

    ހަނާ އަކީ ލޯބި ކުއްޖެއް.

    4
    8
  7. އަލީ

    ޕާޓޭ އަންހެނެއް ދޯ!!!

    8
    3