މަތީ ތައުލީމު އުނގަންނައިދޭ މަރުކަޒެއްގައި ތައުލީމު ހާސިލްކުރާ ދަރިވަރުން އަމިއްލައަށް ފުރިހަމަ ކުރަން ޖެހޭ އެސައިންމެންޓުތައް އެހެން މީހެއްލައްވާ ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގުދީގެން އެ މަސައްކަތް ކުރުވުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް މަތީ ތައުލީމުގެ ބިލުގައި ހިމަނައިފިއެވެ.

އެ ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުންނެވެ. އަދި މަޖިލީހުގެ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ވަނީ އެ ބިލް ދިރާސާކޮށް ނިންމުމަށް ފަހު އެ ބިލް ތަޅުމަށް ފޮނުވައިފައެވެ.

އެ ބިލަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ދަރިވަރުގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުން ނުވަތަ މަސައްކަތް ކޮށްދިނުމަށް އެދުމަކީ އެއީ ކުށެއް ކަމަށް ވަނީ ހިމަނައިފައެވެ.

އެގޮތުން އެ ބިލުގައި ވަނީ ދަރިވަރު ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހަކު މެދުވެރިކޮށް އަގު ދީގެން ނުވަތަ އަގު ނުދީވިޔަސް ކުރުވުމަކީ ކުށެއް ކަމަށް ބުނެފައެވެ. އަދި އެ ކުށުގެ އަދަބަކީ 5000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ވެސް އެ ބިލުގައިވެއެވެ.

ހަމައެހެންމެ އަމިއްލައަަށް އަގެއް ހުށަހަޅައިގެން ވިޔަފާރިއެއް ގޮތުގައި އެސައިންމެންޓް ހަދާ ދިނުމަކީ ކުށެއް ކަމަށް ނިންމާ އެ ކުށުގެ އަދަބަކީ 10،000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ އެފަދަ ކަމެއް ދަރިވަރު ހިންގާފައިވޭތޯ ބަލާނެ ނިޒާމެއް މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި ގާއިމް ކުރުމަށް ބިލުގައި ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުުރުން އެފަދަ އަމަލެއް ދަރިވަރު ހިނގައިފި ނަމަ ބިލުގައި ބުނާ ފިޔަވަޅުގެ އިތުރުން މަތީ ތައުލީމު ދޭ މަރުކަޒުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅިދާނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

ބިލުގައި އެ މާއްދާ ހިމަނާފައި ވަނީ މަތީ ތައުލީމު ހޯދާ ދަރިވަރުން އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ އެސައިންމެންޓް ފަދަ މަސައްކަތް އެހެން މީހުން ލައްވައި ކުރުން އާއްމުވުމުގެ ސަބަބުން ދަރިވަރަށް ލިބެންޖެހޭ ހަގީގީ މަންފާ ނުލިބި މަތީތައުލީމުގެ ފެންވަރު ދަށްވާތީ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގެރި

    ސޯލިހު ކުރާ ވައްކަންތައް ތަހުގީގު ކުރަން ފެނޭ ތިކަން ކުރުމުގެ ކުރިން

  2. ެއެމްޑީއެން

    އަހަރެމެން ކިޔެވީ އަމިއްލަޔައް އެސެއިމަންޓު ހަދާއިގެން މިންނައް މަސައްކަތުން. މިކަމަކީ މާލޭ މުއްސަންދިންގެ ދަރިން ކޮއްއުޅޭކަމެއް.

    3
    1
  3. އޯކޭ

    ތިޔަ ގާނޫނު ރާއްޖެއިން ބޭރުގައި ތިބެގެން އެސައިންމަންޓް ހަދައިދީފައި އީމެއިލްކޮށްދޭ ބިދޭސީންނާއި ދިވެހިންގެ މައްޗަށް ހިނގާނެތޯ؟ ޖޫރިމަނާކުރީމާ އެމީހާއަށް އެކަން އެނގޭނެތޯ؟ ޖޫރިމަނާ ނުދައްކައިފިއްޔާ ދޭނެ އަދަބަކީ ކޮބައިތޯ؟ ހިންޏަށް ހަކުރު އޮޅުވާލުމަށް ގާނޫނު ހެދިޔަސް އެ ގާނޫނަކުން ކުރާނެ އަސަރެއް ނޯންނާނެ. އަދަބު ދޭންވީ މީހުން ލައްވައި އެސައިންމަންޓް ހަދާ މީހާއަށާއި، ހަދައިގެން ބަލައިގަންނަ މަރުކަޒަކަށް. ހުއްޓާލަންވީ ސެޓުފިކެޓަށް ޕޮއިންޓް ދީގެން މެރިޓް އުސޫލުން ވަޒީފާ ދިނުން. ވަޒީފާއާބެހޭ ގާނޫނަށް ގެންނަންވީ އިސްލާހަކީ އެކަށީގެންވާ ބޮޑު އިމްތިހާނެއް އެ މީހަކު ކިޔަވިއެގެން ހުރި އެއްޗަކުން ވަޒީފާއަށް ވަންނަން އެދޭ މީހާ ލައްވައި ހެއްދުމާއި، ދިވެހިބަހުން ރަނގަޅަށް ލިޔަންކިޔަން އެނގޭތޯ ބަލަންޖެހޭނެ ކަމަށް މާއްދާއެއް އިތުރުކުރުން. އެހެން ނޫނީ ތިއީ ފޫނެތް ފަޔަކަށް ފެންފުރުން.