މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުން ރޭ ނިންމާލި އިރު، އަންނަ އަންގާރަ ދުވަހުން ފެށިގެން ދާއިމީ ނަތީޖާތައް އިއުލާން ކުރަން ފެށޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރެއިން އާންމު ފަރާތްތަކުން ކޮމްޕްލެއިން ބިއުރޯއަށް ހުށަހަޅާފައިވާ ޝަކުވާތަކާއި ސިޔާސީ ޕާޓީތަކުންނާއި ވަކިވަކި ކެންޑިޑޭޓުން ހުށަހަޅާފައިވާ ޝަކުވާތައް ބަލަމުން އަންނަ ކަމަށެވެ. ވަގުތީ ނަތީޖާ އެ ކޮމިޝަނުން އިއުލާން ކުރިއިރު ވެސް ޝަކުވާތައް ދިޔައީ ބަލަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބް ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އަންގާރަ ދުވަހު އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުމަށެވެ.

މި މަހުގެ ދިހަ ވަނަ ދުވަހު ބޭއްވި އިންތިޚާބަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި އީސީގެ މެންބަރުން ވިދާޅުވެފައިވާ ގޮތުގައި ވޯޓް ގުނުމުގައި ވަރަށް ގިނަ ކުށް ޖެހިފައިވާ ކަމަށާއި މީގެ ތެރޭގައި ވަކި ވަކި ދާއިރާގެ ނަތީޖާއަށް އަސަރު ކުރާނެ ކުށް ވެސް ހިމެނޭ ކަމަށެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރީ ފަހަރެކޭ އެއްގޮތަށް ގިނަ ގޮނޑިތަކެއް ހޯދީ އެމްޑީޕީންނެވެ. މީގެ ތެރެއިން 11 އަތޮޅު ކައުންސިލްގެ ރައީސް ކަން އެމްޑީޕީއިން ކާމިޔާބު ކުރިއިރު ބާކީ ހަތް އަތޮޅު ކައުންސިލްގެ ރައީސް ކަން ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމް އިންނެވެ. ސިޓީތަކުގެ ތެރެއިން މާލެ ސިޓީ ފިޔަވައި ދެން އޮތް ތިން ސިޓީގެ މޭޔަރު ކަމާއި އަޣުލަބިއްޔަތު ލިބުނީ އެމްޑީޕީއަށެވެ.

މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ މި ފަހަރު ލިބިފައިވަނީ ޕީޕީއެމްއަށެވެ. މާލެ ސިޓީގެ ފުރަތަމަ އިންތިޚާބީ މޭޔަރަކީ އެ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. މާލޭގެ އިތުރުން ވެސް އެމްޑީޕީއަށް ތާއީދު ބޮޑު ގިނަ ރަށްރަށުގެ އަޣުލަބިއްޔަތު މި ފަހަރު އެ ޕާޓީއަށް ވަނީ ގެއްލިފައެވެ. މި ގޮތުން އައްޑޫ ސިޓީއިން ވެސް އެ ޕާޓީއަށް މި ފަހަރު ކުރިން ހޯދަމުން ދިޔަ ފުރިހަމަ އަޣުލަބިއްޔަތެއް ނުލިބެއެވެ.