އާބާދީގެ 5% އަށް ވުރެ ގިނައިން ކޮވިޑް-19 އަށް ފައްސި ރޭޓް މަތި ރަށްތަކުގެ މައުލޫމާތު މާދަމާ އިއުލާނު ކުރާނެ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ.ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ މާދަމާ އާބާދީގެ 5% އަށް ވުރެ ފައްސި ރޭޓް ހައި ރަށްތައް އިއުލާން ކުރާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި މިގޮތަށް ކޮންމެ ހަފްތާއަކު އިއުލާންކުރަމުން ގެންދާނެ ކަމަށެވެ.

"މާދަމާ އަޅުގަނޑުމެން އާބާދީގެ 5% އަށް ވުރެ ޕޮޒިޓިވިޓީ ރޭޓް ހައި ރަށްތައް އިޢުލާން ކުރާނެ. ދެން މިވަގުތަށް ކުރިއަށް އޮތްތަނުގައި މިގޮތަށް ކޮންމެ ހަފްތާއަކު އިއުލާންކުރަމުންގެންދާނަން." ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޭނާ މިގޮތަށް ވިދާޅުވިއިރު، ރާއްޖޭގެ ބައެއް ރަށްތަކުގައި މިހާރުވެސް ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެެވެ. އޭގެ ތެރޭގައި ޅ. އަތޮޅުގެ ގިނަ ރަށްތައް ހިމެނެއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ މީހުންނަށް ކަރަންޓީނު ނުވެ ދަތުރު ކުރެވުނު ނަމަވެސް ބަލި ފެތުރޭ ރަށްރަށުގައި އަމަލު ކުރާނެ ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ބަލި ފެތުރިފައިވާ ނިސްބަތް 5 އިންސައްތަ އަށް ވުރެ އިތުރު ނަމަ އެ ރަށްރަށުން އެހެން ރަށަކަށް ދަތުުރު ކުރެވޭނީ ނައްސި ޕީސީއާރު ޓެސްޓަކާއި އެއްކޮށް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

" ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން ވެކްސިން ޖަހާފައިވާ މީހުންނާއި އެކު ދަތުރު ކުރާ ނަމަ ކޮންމެ ރަށަކުން ދިޔަޔަސް އެ ކުދިން ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ". ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިން ވެސް ރާއްޖެ އަންނަ އިރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ނަމަ ޕީސީއާރު ޓެސްޓެއް ބޭނުން ނުވާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖެ އެ އަންނަ ފަރާތަކީ ސިއްޚީ ޚިދުމަތް ދޭ ތަނެއްގައި ނުވަތަ ޑޭ ކެއަރ، ސްކޫލް، ރެސިޑޭންޝަލް ކެއާ ފެސިލިޓީ އެއްގައި މަސައްކަތް ކުރާ ފަރާތެއް ކަމަސް ވާނަމަ ވެކްސިން ޖަހާފައި ވީ ނަމަވެސް ނައްސި ޕީސީއާރު ޓެސްޓެއް ބޭނުންވާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު