ތ. ވޭމަންޑޫ ކޮވިޑް އިހަލުން ފައްސިވި މީހުންގެ އަދަދު 60 އަށް އަރައިފިއެވެ.

ތ. އަތޮޅު ހޮސްޕިޓަލުން ބުނީ، އިއްޔެ އާއި ހަމައަށް އެ އިހާއާއި ގުޅޭ 60 މީހަކު ފައްސިވެފައިވާކަން އެނގިފައިވާ ކަމަށާއި އޭގެ ތެރެއިން 55 މީހުންނަކީ ވޭމަންޑޫއިން ފައްސިވެފައިވާ މީހުން ކަމަށެވެ.

ފައްސިވެފައިވާ ވޭދަނަތަކާއި ގުޅިގެން އިއްޔެގެ ނިޔަލަށް 383 މީހެއްގެ ސުންކު ނަގާފައިވާއިރު، 178 މީހަކު ނައްސިވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އަދި 141 ސުންކެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި އިހަލުން ފައްސިވެފައިވާ އެކަކަށް ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ކޮވިޑްގެ ވޭދަނަތަކާއި ގުޅިގެން އެއަތޮޅުގެ ހަ ރަށެއް މިވަގުތު މޮނިޓަރިންގައި އޮތްއިރު ވޭމަންޑޫ ކްލަސްޓާއާ ގުޅުންހުރި މީހުން ގިނަ ރަށްތަކުގައި އެބަ ތިއްބެވެ. އަދި ވޭމަންޑޫގެ 104 ގެއެއް ވެސް މިވަގުތު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ވޭމަންޑޫން ފުރަތަމަ ވޭދަނައެއް ފެނިފައި ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެ މީހާއަކީ އެރަށުން މާލެ ގެންދިޔަ ބަލި މީހެކެވެ. އެ މީހާ ފައްސިވެފައިވާކަން އެނގުނީ އައިޖީއެމްއެޗުން ކޮވިޑަށް ޓެސްޓު ކުރުމުންނެވެ.

އިތުރު ތަފްސީލް އަންނަނީ...