ކުރީގެ ރައީސް މަޢޫމޫނު ޢަބްދުލް ޤައްޔޫމް އަދި އުއްތަމަ ފަނޑިޔާރު ޢަބަދުﷲ ސަޢީދާއި ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޢަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާއިރު، ދިފާއީ ހެކިބަސް ނުނަގަން ޝަރީއަތުން ނިންމާފައިވާ މި މައްސަލައިގައި މިއަދު ހެނދުނު 11:00 އަށް ތާވަލު ކޮށްފައިވަނީ ހުލާސާ ބަޔާން އިއްވުމެވެ. ނަމަވެސް މެންދުރު 12:30 ހާއިރު މިއަދުގެ އަޑު އެހުން ކެންސަލް ކުރުމަށްފަހު މާދަމާ ހެނދުނު 11:00 އަށް މައްސަލައިގެ ހުލާސާ ބަޔާން އިއްވާ އަޑު އެހުން ވަނީ ތާވަލު ކޮށްފައެވެ.

މި މައްސަލައިގައި ޝަރީއަތުން އަމަލު ކުރައްވަނީ ޤާނޫނާއި ގަވާއިދުތަކުގެ އިތުރުން އުޞޫލުތަކާވެސް ހިލާފަށް ކަމަށްބުނެ މި މައްސަލައިގައި މި ތިން ބޭފުޅުންގެ ފަރާތުން ވަކާލާތު ކުރެއްވި ހުރިހާ ވަކީލުން ވަނީ ތަނާޒުލްވެލައްވާއެވެ. އޭގެ ފަހުން އައު ވަކީލުން ހަމަޖައްސާފައި ނުވާއިރު، ވަކީލަކު ނެތި ހެކިވެރިންނާ ސުވާލު ކުރުމަށް މި ތިން ބޭފުޅުންވެސް ވަނީ އިންކާރު ކުރައްވާފައެވެ.

ނަމަވެސް ގާޒީ ހަސަން ނަޖީބު ވިދާޅުވެފައިވަނީ ކޮންމެ ވަގުތަކުވެސް ވަކީލަކު އައްޔަން ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ބެލެވޭ ގޮތުގައި މާދަމާ ހެނދުނު ހުލާސާ ބަޔާން އިއްވައިފިނަމަ އާދައިގެމަތިން ރޭގަނޑު ޝަރީއަތުގެ އަޑު އެހުމެއް ބާއްވައި ހުކުމް އިއްވާނެއެވެ.