ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނުގެ މައްޗަށް އުފުލާފައިވާ ޝަހްސު އޮޅުވާލިކަމުގެ ދައުވާގެ އަޑުއެހުމެއް މިއަދަށް ތާވަލި ކުރި އިރު އެކަން އެންގީވެސް މިއަދު ހެނދުނު ކަމަށް ފާރިސް މިއަދު ކޯޓުގައި ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި މައްސަލާގައި ޝަހްސު އޮޅުވައިލުމުގެ ދައުވާ ފާރިސްގެ މައްޗަށް ކުރާއިރު އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ތާވަލު ކުރީ 1:30 އަށެވެ. މިއަދު އޮތީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. މި މައްސަލައިގައި ފާރިސްގެ ފަރާތުން 47 ދިފާއީ ހެކިން ވަނީ ހުށަހަޅާފައެވެ.

މިއަދުގެ އަޑުއެހުން ފެށުމާއެކު ފާރިސްގެ ވަކީލު ޝަމީމް ވަނީ، މައްސަލަ އޮތްކަން ފާރިސްގެ ވަކީލުންނަށް އެނގުނީ އިއްޔެ ކަމަށް ވިދާޅުވެ، އަޑުއެހުމަށް ތައްޔާރުވުމަށް ފުރުސަތު ލިބިފައި ނުވާ ކަން ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް ހަތަރު މަހަށް ފަހު މިއަދު ތާވަލު ކުރި އިރު، ފާރިސް އާއި ވަކީލުންނާއި ބައްދަލު ކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފާރިސް މިއަދު ވިދާޅުވީ އަޑުއެހުމެއް ތާވަލު ކުރިކަން އޭނާއަށް އަންގާފައި ވަނީ ވެސް މިއަދު ހެނދުނު ކަމަށެވެ. އަދި ތާވަލު ކުރީ ކޮން މައްސަލައެއް ކަމަށްވެސް ކަރެކްޝަންސް އިން ސާފުކޮށް ނުދިން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަކީލުންނާއި ބައްދަލު ކުރެވިފައި ނުވުމުން މައްސަލައަށް ތައްޔާރުވެވިފައި ނުވާ ކަން އޭނާވެސް ފާހަގަ ކުރެއްވެވިއެވެ.

ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ފާރިސްގެ ފަރާތުން ހިއްސާ ކުރުމާއެކު ގާޒީ ވިދާޅުވީ މާދަމާ އަށް މައްސަލަ ފަސް ކޮށް، ވަކީލުންނާއި ބައްދަލު ކުރަން ފާރިސް އަށް ފުރުސަތު ދެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ފާރިސްގެ ފަރާތުން އެދުނީ މިއަދު ބައްދަލުވުމެއް ބޭއްވޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ. އަދި އެހެން ނޫން ނަމަ އަޑުއެހުން މި އަންނަ ހަފްތާއަށް ފަސް ކުރުމަށެވެ.

މި މައްސަލައިގެ އަޑުއެހުން އަންނަ ހަފްތާއަށް ފަސް ކުރުމަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ދައުލަތުން ވިދާޅުވުމާއެކު، ފާރިސްއަށް ވަކީލު ބައްދަލުވުން ލިބޭނެ ގޮތައް އަންނަ ހަފްތާއަށް މައްސަލަ ފަސް ކުރުމަށް ގާޒީ ނިންމެވިއެވެ. އަދި އަޑުއެހުން އޮންނަ ވަގުތު ފަހުން އަންގާނެ ކަމަށް ވިދާޅުވެ ގާޒީ ވަނީ ފާރިސްގެ ފަރާތުން ހުށަހަޅާ ދިފާއީ ހެކިންގެ ތެރެއިން މުހިންމު ހެކިން ފާހަގަ ކުރުމަށް ވެސް އަންގާފައެވެ.

ޝަރީއަތްތައް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓާފައިވާއިރު އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އިތުރު ދައުވާތަކެއް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ނިރުބަވެރިކަމުގެ ދައުވާވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ހާދަ ކަންކަން އޮޅުން ނުފިލާ މީހެއް! މިވަރު އެއްޗެއް އޮޅުން ނުފިލާ މީހެއް ދިއްގަރު ދާއިރާއަށް ހޮވިފައި މި ހުރީ! އަނެއްކާ ދިއްގަރު ދާއިރާ ރައްޔިތުން މަތިން ހަދާން އެބަހުރިތަ؟