އަހަރެންނަށް މިހާރަކަށް އައިސް އާދަޔާ ޚިލާފު ހުވަފެން ފެންނަން ފަށައިފިއެވެ. ރޭގައިވެސް ހޭލެވުނީ ހާސްވެގެންނެވެ. މީހަކު އަހަރެންގެ ފަހަތުން ދުވެފައި އަންނަނީއެވެ. އަހަރެން ވެސް ފަސް އެނބުރި ބަލަމުން ދުވަނީއެވެ. އެމީހަކު ހުރީ ކަޅު ހެދުމެއްގައެވެ. ބުނަނީ މި ބަގީޗާއަށް އަންނާށެވެ. މިތަނުން ފޮނި މޭބިސް ކަދުރު ލިބޭނެއެވެ. އެކަމަކު އަހަރެން އެމީހަކު އެވަރަށް ގޮވާއިރު ވެސް އަތުނުވާން ދުވަނީއެވެ. އަހަރެންނަށް ފެންނަނީ އޭނަގެ ފަހަތުން އަލިފާނެވެ . އަދި އޭގެ ހޫނު އަންނަނީ ގަދަވަމުންނެވެ.

ހޭލެވުނު އިރު މާނޭވާ ލެވެއެވެ. އެއަރ ކޯން ޖަހާފައި ހުއްޓަސް މުޅިމިހާ ވަނީ ދާހިއްލާ ފޯވެފައެވެ. އަންހެނުން ދެލޯ ބޮޑުކޮށްގެން އަހަރެން ކައިރީ އެނދުމަތީގައި އިނެވެ. އޭނާ ބުނެއެވެ. ކިހިނެއް ވަނީ ހެއްޔެވެ؟ ވާގޮތެއް ބުނެދީ ބަލާށެވެ؟ ބިރުވެރި ހުވަފެނެއް ފެންނަނީއެވެ. އަހަރެންނަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެސް ވަނީއެވެ. ގައިން ހޫނު އަރާހެން ވެސް ހީވެއެވެ. ހުވަފެނެއް ފެނިގެން މިހައި ބިރެއް ދުވަހަކުވެސް އަހަރެން ނުގަނެއެވެ. މިކަމެއް ވާތާ މިހާރު ދެތިން ރޭ ވެއްޖެއެވެ.

ޖެހިގެން އައިރޭ ނިދަން އޮށޯތީ ކުރުސި ކިޔާ ދުޢާތައް ކޮށްގެންނެވެ. މިރޭ އަހަރެންނަށް ފެންނަނީ ކުރީ ރޭތަކުގައި ފެނުނު ހުވަފެނެއް ނޫނެވެ. އަހަރެން ކުޑައިރު އުޅުނު ގޮތުގެ ހުވަފެނެވެ. އަހަރެންގެ ބައްޕަގެ މުއްސަނދި ދިރިއުޅުމެވެ. ބައްޕަގެ ފަތިފުށެވެ.

ހެނދުނު ހޭލައިގެން ވަޒީފާއަށް ދިޔަމަގުމަތީގައި ވެސް ރޭ ފެނުނު ހުވަފެން ލޯ ކުރިމަތީ ދިޔައީ ކުރެހެމުންނެވެ. ކަޅާ ހުދުގެ ފިލްމެއް ހެނެވެ. އަހަރެންނަކީ މަތިންދާ ބޯޓް ދުއްވާ ޕައިލެޓެކެވެ. އެއަރ ޕޯރޓްއަށް ދިޔަ ތަނުން ފްލައިޓް ފުރާގަޑި ބަދަލު ވެއްޖެކަން އެނގިއްޖެއެވެ. ގަސްދުކުރީ އަހަރެމެންނަށް ޚާއްސަކޮށްފައިވާ ކޮޓަރީގައި ފޮތެއް ކިޔާލަން މަޑުކޮށްލާށެވެ. ފޮތް ކިޔަން ފެށިތަނުން ރޭގެ ހުވަފެން ހިތަށް ސިފަވާން ފަށައިފިއެވެ. ފޮތް ލައްޕާލީމެވެ.

އަހަރެން ހަނދާން ހުންނަން ފެށުނީންސުރެ އަހަރެންގެ ބައްޕައަކީ ވިޔަފާރިކުރާ މީހެކެވެ. ބާޒާރު މަތީގައި ހުންނަ ފިހާރައިގެ އިތުރުން ގޭގައި ވެސް ހުންނަނީ ބޮޑު ފިހާރައެއް ހުޅުވާފައެވެ. އަހަރެމެންގެ ގެއަކީ ބޮޑު ގެއެކެވެ. ސިޓިންގ ރޫމް ވެސް ވަރަށް ބޮޑެވެ. ކޮޓަރިތައް ވެސް ބޮޑެވެ. އަބަދުވެސް ގޭގައި މީހުން ހޭލި މޭލިވެ އުޅެއެވެ. ބައްޕަ އުޅުއްވަންޏާ އަބަދު ހުންނާނީ ކުރީގެ މުސްކުޅި ހިންދީ ލަވަ އަޑު ހަރުކޮށް ޖަހާލާފައެވެ. އަހަރެންގެ ބައްޕަ ކުރިން ކުރި ކައިވެންޏަށް ލިބުނު ދެކުދިން ތެރެއިން އަހަރެންނަކީ ހަގު ދަރިފުޅެވެ. އަހަރެންގެ ދައްތަ ސަލީމާ ހުންނަނީ ރާއްޖޭން ބޭރުގައެވެ. ދޮން މީހަކާއި ކައިވެނިކޮށްގެންނެވެ. އޭނާގެ މުޅި ދިރިއުޅުންވަނީ ބަދަލުކޮށްފައެވެ. ޗުއްޓީއަކަށް މާލެ އަންނަނީ ވެސް ވަރަށް މަދުންނެވެ.

ބައްޕަގެ ކޮޓަރީގައި ބޮޑު ދެ ތިޖޫރީ ހުރެއެވެ. މީގައި ހުންނަނީ ފައިސާކަން އަހަރެންނަށް އެނގެއެވެ. ރޭގަނޑު އިޝާނަމާދުގެ ފަހުން ގޭގެ ސިޓިން ރޫމް އަބަދު އޮންނާނީ ކޮންމެ ވެސް ބަޔަކުއައިސް ހިސޯރު ކޮށްލާފައެވެ. ބައްޕަގެ ރަށްޓެހިންނެވެ. މާލޭގެ ވިޔަފާރިވެރިންނެވެ. ކަމުވޮށީގެންވާ މީހުންނެވެ. ފުލުހުންނާއި ސިފައިންގެ ބައެއް އޮފިސަރުންނެވެ. ސަރުކާރުގެ އޮފީސް ތަކުގެ ބޮޑުންނެވެ. އެކި އުމުރުގެ އެކި މީހުންނެވެ. އެތާނގައި މާގިނައިރު އިނުން ދޮންމަންމަ އޮންނަނީ އަހަރެންނަށް މަނާކޮށްފައެވެ. އެތަނުގައި ދެކެވޭ ބައެއް ވާހަކަތައް ހައްދުން ނެއްޓޭތީއެވެ. ކުޑަކުދިން އަޑުއަހަން ކަމުނުދާ ވާހަކަ ދައްކާތީއެވެ. އެމީހުން ގެންނަ ބައެއް ފިލްމްތައް ސެންސަރު ނުކޮށް ދައްކާތީއެވެ. މިއީ އަހަރެންގެ ދޮންމަންމަ ބުނާ ވާހަކަ ތަކެވެ. އަހަރެން ބައެއް ރޭރޭ ނުނިދާ ވަރަށް ދަންވަންދެން ވެސް އުޅެމެވެ. އެތަނުގައި އެމީހުން ނަގާ ފޯރި ބަލަން ވެގެންނެވެ.

ކޮންމެ ރެއަކުވެސް ކެއުމާއި ސައިގެ ކަންކަން އޮވެއެވެ. މި މަސައްކަތަށް ރަށް ރަށުން ގެނެސް ފައި ތިބޭ އަންހެން ކުދިން އަހަރެމެން ގޭގައި އަބަދުވެސް ތިބެއެވެ. ގިނައިން ތިބެނީ ދޮންމަންމަ ރަށުގެ ކުދިންނެވެ. އެކުދިން ރޭގަނޑުގެ ގިނަ ވަގުތު އުޅޭނީ ބަދިގޭގައެވެ. ހެދިކާ ހެދުމާއި ކެއްކުމުގައެވެ. ބައްޕަ އަބަދު ހުންނަނީ ދުފާ ރަތްކޮށްފައެވެ. ސިގިރޭޓް ވެސް ބޮއެވެ. ގިނައިން ބޮނީ ސުއްޓާއެވެ. ކޮންމެ މަހަކު ވިޔަފާރި ކަމުގައި ބައްޕަ ރާއްޖޭން ބޭރަށް ދެއެވެ. އެފަދަ ދަތުރު ތަކުގައި ބައްޕަ ދަނީ ބައްޕަގެ އެންމެ ގާތް އެކުވެރިން ގޮވައިގެންނެވެ. އަދި ބައެއް ފަހަރު ގެއަށް އަންނަ ޚާއްސަ ރަހުމަތްތެރިން ވެސް ގެންދާކަން އެނގެއެވެ. އެއީ ދަތުރު ނިމިގެން އައިސް ދައްކާ ވާހަކަ ތަކުންނެވެ. އެއް ރެއަކު އަހަރެންނަށް ހޭލެވުނީ ސިފައިން ގެއަށް ވަދެގެން އުޅެނި ކޮށެވެ.

މުޅިގެ ޗެކްކޮށް ބަލައި ގޭތެރޭގައި ތިބި އެތައް ބަޔަކު ސިފައިންގެ ވޭނަށް އަރުވައިގެން ގެންދިއެވެ. އަހަރެންގެ ބައްޕަ ވެސް އެރޭ ގެންދިޔައެވެ. އަހަރެން ވަރަށް ރުއީމެވެ. ބައްޕަ ގައިގާ އޮޅުލަ އޮޅުލާފައި ރުއީމެވެ. ދޮންމަންމަ އަހަރެން ގަދަކަމުން އެތަނުން ދުރަށް ގެންދިޔައެވެ. އެރޭ ވަރަށް ގިނައިރު ވަންދެން އަހަރެން ރުއީމެވެ. ބައްޕަ ޖަލަށް ގެންދިޔަ ވާހަކަ ވެސް ދޮންމަންމަ ބުންޏެވެ. މުޅި ގެއަށް ފަޅު ކަމެއް ވެރިވިއެވެ. ގޭގައި ގުރުއާން ޖަހާފައި ބަހައްޓަން ފަށައިފިއެވެ. ދޮންމަންމަ ނަމާދުކުރާލެއް ވެސް ގިނަވާން ފަށައިފިއެވެ. އަހަރެން ވެސް ނަމާދަށް އަރުވަން ބާރު އަޅަން ފަށައިފިއެވެ.

އެއީ ކޮންމައްސަލަ އެއްކަން އަހަރެންނަށް އެނގުނީ އެތައް އަހަރެން ފަހުންނެވެ. އެއީ ފައިސާޗާޕު ކުރުމުގެ ތުހުމަތުގައެވެ. އެމައްސަލާގައި ދުވަސް ތަކެއް ވަންދެން ޖަލުގައި އަދި ގޭގައި ވެސް ބައްޕަ ބަންދުކޮށްފައި ހުއްޓެވެ. ބޮޑު ހުކުމެއް ނައިސް ސަލާމަތްވިއެވެ.

އަނެއްކާވެސް ކުރީގެ އާދަ ކާދަ ގޭތޭރޭގައި ހިނގަން ފަށައިފިއެވެ. ދަންވަރު އެކެއް ދޭއްޖަހަން ދެން ފިލްމް ބެލުމާއި ބައްޕަގެ ވިޔަފާރިގެ ސައްލާ ގޭގައި އޮވެއެވެ. ބައްޕައަކީ ވެސް ފިލްމް ބެލުމަށް މަރުދޭ މީހެކެވެ.

ކޮޓަރީގައި ހުންނަ ބޮޑު ތިޖޫރިން ބައްޕަ ފައިސާ ނަގާތަން އަހަރެން ދެކެމެވެ. ފައިސާ ނަގާ ވަގުތު ތިޖޫރި އާއި ކައިރިވުން ބައްޕަ އޮންނަނީ މަނާ ކޮށްފައެވެ. ކޮޓަރީ ތެރޭގައި އަހަރެން ހުއްޓަސް ބޭރަށް ނެރެއެވެ. އެއްރޭ އިރާކޮޅު އަހަރެން އެ ކޮޓަރީގައި ނިދާފައި އޮތްވާ ހޭލެވެނީ ތިޖޫރި ހުޅުވި އަޑަށެވެ. ސިއްރުން އެތަން ބަލަން އޮތީމެވެ. ބަންޑެލި ބަންޑެއްޔަށް ފައިސާ ހުއްޓެވެ. އެރޭވެސް ކޮތަޅަކަށް ފައިސާ ބަންޑެލިތައް އަޅަމުން ގެންދިޔައެވެ.

މިހާރު އަހަރެންގެ އުމުރުން 20 އަހަރުފުރިއްޖެއެވެ. ބައެއް ފަހަރަށް ތިޖޫރިން ފައިސާ ނަގާއިރު އަހަރެން ލައްވާ ފައިސާ ގުނާ ހަދައެވެ. އަދި ބައެއް މީހުނާއި ފައިސާ ހަވާލު ކުރާއިރު ކައިރީގައި ބައިންދައެވެ. ލައްކަ ލައްކައިން މީހުނަށް ފައިސާ ދޫކުރެއެވެ. އޭގެ ބަދަލުގައި އެމީހުން ދެނީ ޗެކެކެވެ. އޭގައި ވަކި ތާރީޚެއް ޖަހާފައި ދެނީއެވެ. ބައްޕަ ދޭ ފައިސާއަށް ވުރެ ގިނައިން އެޗެކްގައި ލިޔެފައި އޮވެއެވެ. ބައެއް މީހުންގެ އެކައުންޓުގައި މުއްދަތު ހަމަވާއިރު އެވަރަށް ފައިސާ ނެތި ޗެކް ބައުންސް ވެއްޖެ ނަމަ ވަގުތުން އެމީހަކު ގެއަށް ހާޒިރު ކުރެއެވެ. އަދި ފުލުހަށް މައްސަލަ ހުށަހާޅާނެކަމުގެ އިންޒާރުދެއެވެ. އެކަމުގައި ބައްޕަ ގެންގުޅޭ ޚާއްސަ ބޮޑީ ގާޑުން އުޅެއެވެ. އެމީހުންނަކީ ޖާނުގައި ވަރު ހުރި އަދި ކޮންމެ ކަމެއް ވެސް ކޮށްލާ ފަދަ މީހުންނެވެ.

ރަލުގެ މައްސަލައެއްގައި އަނެއްކާ ބައްޕަ ޖަލުގައި ހައްޔަރު ކޮށްފިއެވެ. މިފަހަރުގެ މައްސަލާގައި ދޮންމަންމަ ބުނަނީ ބަޔަކު ރާބުއި ތަނެއްގައި ބައްޕަ އިނީ ކަމުގައެވެ. އަދި އެކަމުގައި ގަދަ ކަމުން އަންހެނަކާ ބެހުމުގެ ތުހުމަތު ވެސް ބައްޕަ ގެ މައްޗަށް ކުރެވުނެވެ.

މިފަހަރުގެ މައްސަލާގައި ބައްޕަ އަރުވާލަން ހުކުމް ކުރިއެވެ. އަރުވާލީ ދޮންމަންމަގެ ރަށަށެވެ. ބައްޕަ އެރަށުގައި ހުއްޓާ އިސްކޫލު ބަންދުވުމުން ދޮންމަންމަގެ ދެކުދިންނާއި އަހަރެން ގޮވައިގެން އެރަށަށް ދިއައެވެ. އެއީ ބޮޑު ގެއެކެވެ. އަހަރެމެންގެ ގެއަށް ވުރެ ފުރިހަމައަށް އެގެ ވަނީ ހަދާފައެވެ. ކޮޓަރިތައް ވެސް ނުލާހިކު ބޮޑެއްޗެވެ.

ކޮންމެ ކޮޓަރިއެއްގައި ވެސް ބޮޑު ގޮނޑި ސެޓެއް ހުރެއެވެ. ފާޚާނާ ވެސް ވަރަށް ބޮޑެވެ.

އެރަށުގައި ބައްޕަ ހުރީ ތިން މަސް ދުވަހުއެވެ. ހުކުމުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރީ ގޭ ބަންދުގައި މާލޭގައެވެ. އެކަމުން ވެސް ބައްޕަގެ އާރާ ބާރު އެނގެއެވެ. ދޮންމަންމަގެ ދެކުދިން ތިބޭއިރު އެއް ކުއްޖެއްގެ އުމުރަކީ 15 އަހަރެވެ. އަނެއްކުއްޖަކަށް މިހާރު 17 އަހަރު ފުރިއްޖެއެވެ. ދޮށީ ކުއްޖާ މަސްތުވާތެކެތި ބޭނުން ކުރާކަން ފަޅާއަރާ ފުލުހަށް ގެންދިއުމުން އޭނާ ސަލާމަތް ކުރީވެސް ބައްޕަގެ ބާރުގައެވެ. އަދި އޭނާ ކިޔެވުމުގެ ނަމުގައި ލަންކާއަށް ފޮނުވާލިއެވެ.

ބައްޕަ ހިންގަމުން ދިޔަ ފައިސާއިން ނަފާލިބޭ ވިޔަފާރި ދުވަހެއް ދުވަހަކަށް ދިޔައީ ފުޅާ ވަމުންނެވެ. ގާނޫނީ ވަކީލުންގެ ދެތިން މީހަކުވެސް ގެންގުޅެއެވެ. މާލޭ ބާޒާރުގައި ތަފާތު ވިޔަފާރި ކުރާ އަޑުގަދަ މީހުން ވެސް ގޭތެރެއިން ފެނެއެވެ. އާ މީހުން ވެސް ފެނެއެވެ. އަލަށް ވިޔަފާރި ފަށާއި ޒުވާނުން ވެސް ފެނެއެވެ. އެމީހުންގެ އަތްމަތީ ބަހަކީ "ބޮޑުސޭޓް" ނުލާ އެމީހުންގެ ވިޔަފާރި ފުޅާ ނުކުރެވޭނެ ކަމެވެ. ބައްޕައަށް ވަނަމަކަށް މީހުން ކިޔަނީ "ކާނި ބޮޑު ސޭޓް" އެވެ. އެއީ އަހަރެމެންގެ ގޭގެ ނަމާ ގުޅުވާލާފައެވެ.

އަހަރެން މަތީ ތައުލީމް ހޯދީ ރާއްޖެއިން ބޭރުންނެވެ. އެނބުރި އާދެވުނީ ހަތް އަހަރު ފަހުންނެވެ. ވަޒީފާއަކަށް ވަދެ ޚިދުމަތްކުރަން ފެށީ ދަސްކުރި މަސައްކަތް ދޫ ނުކުރުމަށެވެ. ބައްޕަ އެދެނީ ބައްޕަގެ ވިޔަފާރީގައި އުޅުމަށެވެ. ވަޒީފާގައި ވެސް މިހާރު އުޅޭތާ ފަސް އަހަރުވީއެވެ. އަހަރެން ދިރިއުޅުމެއް ވެސް ފަށައިފީމެވެ.

ބައްޕަ މިހާރަކަށް އައިސް މާބޮޑަށް ބަލިވާން ފަށައިފިއެވެ. ސިންގަޕޫރާ މެލޭޝިޔާއިން ވެސް ފަރުވާ ހޯދާން ޖެހެއެވެ. މިހާރު ވިޔަފާރީގެ ހުރިހާ ބާރުތަކެއް އަހަރެންގެ އަތްމައްޗަށް އަތުވެއްޖެއެވެ. ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ބައްޕަ ނިޔާވެއްޖެއެވެ. އަހަރެންވެސް އަމިއްލައަށް ބައްޕަ ކުރި ވިޔަފާރި ފެށީމެވެ. ފައިދާ ބޮޑު ވިޔަފާރިއެކެވެ. ބައެއް މީހުން އަހަރެން ގާތުގައި ބުނެއެވެ. ތިޔަ ގޮތަށް ފައިސާއިން ފައިދާ ވާ ވިޔަފާރި ނުކުރާށެވެ. އަހަރެން ބުނަމެވެ. މިއީ އަހަރެން ހަލާލު ގޮތުގައިހޯދި ފައިސާއިން ކުރާ ވިޔަފާރިއެކެވެ.

ކިތަންމެ ފައިސާ އެއް ލިބުނަސް މިހާރު ހިތްހަމައެއް ނުޖެހެވެ. އަބަދު ކޮންމެވެސް ދެރަކަމަކާއި ކުރިމަތިލާން ޖެހެއެވެ. ދަރިންނަށް ދެރަގޮތް ގޮތް ދިމާވުމެވެ. ބާޒާރު ފިހާރާގައި އުޅުނު ބޮޑު ސޭޓް އެތައް މިލިއަން ރުފިޔާއަކަށް ޚިޔާނާތް ވިކަން އެނގުނީ އޭނާ ކެނޑިގެން ރާއްޖެއިން ބޭރަށް ދިޔަފަހުންނެވެ. ވިޔަފާރިކުރާ ކަމަށް ވަނީ ސްރީލަންކާގައެވެ. އޭނާގެ ރަށުގައި ވެސް ބޮޑު ދެފިހާރަ ވަނީ ހުޅުވާފައެވެ. ބާޒާރު ފިހާރަ ހުރީ ހުލިކޮށްލާފައެވެ. އެތަން ބަންދު ކުރާން ޖެހުނެވެ. ގޭގައި ހުރި ފިހާރައިން ކުރިން ވީވަރަށް ވިޔަފާރިއެއް ނުވެއެވެ. ބައްޕަ ގެންގުޅުނު ތެދުވެރި ޚާދިމުން މިހާރު ކައިރިއަކު ނެތެވެ.

ރޭ އަހަރެންނަށް ފެނުނު ހުވަފެނާއި ބެހޭ މާޒީގެ ކަޅާ ހުދުގެ ހުވަފެނުގެ ތެރެއަށް ގެނބިގެން އިނުމަށް ފަހު ހޭލެވިއްޖެއެވެ. ފޯނު ނަގާ އަހަރެންގެ ރަށްޓެއްސަކާ ގުޅާލީމެވެ. ދީނީ އިލްމް ވެރިއަކާއި ބައްދަލުކޮށްލަން ބޭނުން ވާ ވާހަކަ ބުނީމެވެ. އޭނާ އެކަމަށް އާބަސް ބުންޏެވެ. އަދި ކުޑައިރުކޮޅަކުން ގުޅާލުމަށް ފަހު ބުނެފިއެވެ. މިރޭ އަހަރެމެން ގެއަށް އަންނާށެވެ. އޭރުން ބައްދަލު ވުން ހަމަޖެހޭނެއެވެ.

އަހަރެންނަށް ދިމާވާ ހުވަފެނުގެ ވާހަކަ އެ ޢިލްމް ވެރިޔާއަށް ކިޔައިދިނީމެވެ. އޭނާ ވަރަށް ގިނަ ސުވާލު ކުރިއެވެ. ވިޔަފާރިއާއި އާއިލީ ކަންކަމެވެ. އަހަރެން ފޮރުވުމެއް ނެތި އެވާހަކަތައް ކިޔާދިނީމެވެ. އޭނާ ބުންޏެވެ. ސޫތައް ފައިސާ ދިނުމަކީ ބޮޑު ފާފައެކެވެ. ތިޔަކަން ހުއްޓާލާ ކަލޭ ތައުބާ ވާށެވެ. އަދި އެފައިސާއިން ކުރިއަށް އޮތް ތަނުގައި އެއްކަމެއް ވެސް ނުކުރާށެވެ. އާފެށުމަކުން ފަށާށެވެ. މާތް ﷲ ކަލެއަށް ބަރަކާތް ލައްވަވާނެއެވެ.

އަހަރެން އެރެއަށް ފަހު އަޒުމް އާކުރީމެވެ. ފެނުނު ހުވަފެނުން ލިބުނު އިބުރަތުން އަހަރެންގެ މާޒީގެ ކަޅާހުދުގެ ފިލްމް އާއި ދުރަށް ދިއުމަށެވެ. އަލުން އާ މީހެއްގެ ގޮތުގައި ދިރިއުޅުން އާރާސްތުކުރުމަށެވެ. އެރޭ އަހަރެން ނިދީ ވުޟޫކޮށްގެން ދެރަކުއަތް ނަމާދެއް ކޮށްގެންނެވެ. ފަތިހު ހޭލުވީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އާދުވަހަކަށް އިރު އެރީއެވެ.