ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލީޑަރު، އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމަކަށް ދިއުމަށް ހުށަހެޅި ނަމަވެސް ޖުމްހޫރީ ޕާޓީއިން މަސައްކަތް ކުރާނީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ނިންމިގެން ދިޔަ ރިޔާސީ ނިޒާމް ދަމަހައްޓަން ކަމަށް އެޕާޓީއިން ވިދާޅުވެއްޖެއެވެ.

އެޕާޓީގެ ކައުންސިލް މެމްބަރަކު "ވަގުތު" އަށް ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއަކީ ރިޔާސީ ނިޒާމް ގެނެއުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި މިހާރުވެސް އެމަނިކުފާނު ހުންނެވީ ސާބިތުކަމާއި އެކު އެގޮތުގެ މަތީގައި ކަމަށް ވިދާޅުވިއެވެ.

ޖޭޕީގެ ކައުންސިލް މެމްބަރު ވިދާޅުވީ އެޕާޓީން ގަބޫލުކުރާ ގޮތުގައި ދާއިރާގެ މެމްބަރުންނަށް އެހާ ބޮޑު ނިންމުމެއް ނިންމަން ބާރު ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެއީ އިންސާފްވެރި ގޮތެއްވެސް ނޫން ކަމަށްވެސްް އޭނާ ވިދާޅުވެއެވެ.

ރިޔާސީ ނިޒާމު ބަދަލުކޮށް ބަރުލަމާނީ ނިޒާމަކަށް ދިއުމަށް ރައީސް ނަޝީދު ބޭނުންފުޅުވެ، ބޮޑުވަޒީރެއްގެ ޝައުގުވެރިކަން ފާޅުކޮށް ރައީސް ޞާލިހަށް ފޮނުވި މެސެޖާއި ގުޅިގެން ޖޭޕީގެ ނާއިބް ރައީސް އަމީން އިބްރާހިމް ވިދާޅުވީ މިއީ ރަސްކަމުން ޖުމްހޫރިއްޔަތަށް ބަދަލުވި ދުވަސްވަރެއް ނޫން ކަމަށެވެ. އަދި ރައީސް ނަޝީދުގެ އެ ހުށަހެޅުމުން ދޭހަވަނީ ވަކި މީހެއްގެ އަމިއްލަ މަސްލަހަތު އޮތް މިންވަރު ކަމަށާއި ޤައުމާއިމެދު އެއްވެސް ޝައުގުވެރިކަމެއް ނެތް މިންވަރު ކަމަށެވެ.

ނަޝީދުގެ ބޭނުންފުޅުވަނީ ޒާތީ އެދުންތަކާއި ތައައްސުބު މަތިވެރިކަމަށްޓަކައި އަމިއްލަ އެދުން ހާސިލްކުރުން ކަމަަށް ވިދާޅުވެ، އަމީން ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ގައުމީ މަޞްލަޙަތު ދޫކޮށް ވަކި މީހެއްގެ ޝާނާއި ޝައުކަތަށްޓަކައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ އެބައެއްގެ ހިތުގައި ގައުމާ މެދު އެއްވެސް ފަރުވާލެއް ނެތްކަމާއި ޒާތީ އެދުމުގައި ހައްދު ފަހަނަޅާފައިވާ މިންވަރު ހާމަވާކަމެއް. މީ ރަސްކަމުން ޖުމްހޫރިއްޔަތަށް ބަދަލުވި ދުވަސްވަރެއް ނޫން." އަމީން ކުރެއްވި ޓްވީޓްގައި ވެއެވެ.

ރައީސް ނަޝީދު، ރައީސް ޞާލިޙާށް ފޮނުއްވެވި މެސެޖުގައި ވަނީ 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކޮށް އަލުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންފުޅުވާކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ނުބޭއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ޖެހިގެން އަންނަ 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއިރު، ޤާނޫނުގައި ވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްއަށް ފޮނުއްވެވި މެސެޖުގައި އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ ވިސްނުންފުޅު ހުރީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ވެރިކަންކުރާ މައި ޕާޓީ އަދި އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީގެ ސަރުކާރެއް ދެމެހެއްޓުމަށެވެ. މިކަމަށް ބާރުލިވޭފަދަ ވާހަކަތަކެއް ކުރީންވެސް އެމަނިކުފާނު އެކި ފަހަރުމަތީން ދައްކަވާފައި ވެއެވެ. އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަން ވެސް ކުރިން ރައީސް ނަޝީދު ހާމަކުރެއްވި އެވެ.

މިކަމާއި ގުޅޭގޮތުން މީގެ ކުރީން ރައީސް ސޯލިހާއި ކުރިމަތި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމަނިކުފާނު ބޭނުންފުޅުވަނީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވެފައި ވަނީ ރާއްޖޭގައި ވެރިކަންކުރާނެ ނިޒާމަކާއި ގުޅޭގޮތުން ރައްޔިތުން މީގެ ކުރިން ގޮތެއް ނިންމަވާފައިވާ ކަމަށެވެ. އަދި ނިޒާމު ބަދަލުކުރަން ވިސްނަވާކަށް ވަގުތެއް ލިބިވަޑައިނުގަންނަވާ ކަމަށާއި ދެންވެސް އޮންނާނީ ރައްޔިތުންގެ ނިންމުން ކަމަށް އޭރު ވިދާޅުވިއެވެ. ނަމަވެސް ރައީސް ނަޝީދުގެ މި މެސެޖާއި ގުޅޭގޮތުން ސަރުކާރުން އަދި ވަކިއެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮވިޑް

    ޖުމްހޫރީ ޕާޓީ އޭ ކެކެކެކެ ނެތިން އެއްޗެއް ބުނާކަށް

    19
    1
  2. ބަރުއަޑު

    ދެންލުހެލާންވީ ބުރުމާގެ ބޯ

  3. ދަރޭ މާމިގިލި

    ބޯގޮވި ބާގީ ބުރުމާ. ކޮވިޑް ޖެހިދާނެތީ ފިލާން ދުވާ ބުރުމާ. މާލޭގަ ކޮވިޑް ފެތުރޭން ފެށި އިރަށް ސަންއައިލެން ރިސޯޓައް ފިލާން އައިސްސަ. މާމިގިލިން ކޮވިޑް މިހާރު ފެތުރޭތީ، ފިލާން މިހާރުވީ. ޕެރެޑައިސް ރިސޯޓައް ގޮސް.

  4. ސިޑް

    ކޮންތާކުން ތިނިކުތީ މިގައުމު ހަލާކުގެ ތެރެޔަށް ވެޓި ނިމުނުއިރު ކަލޭމެންގެ އަނގައެއނެއް ވެރިކަމޭ ބުނީމާ ފުއްމާގެން ތިއައީ އަމިއްލަ އެދުން ތީހުސް

  5. ބަރުލަމާނީ ބޯއި

    ޖޭޕީ އިން ހައްގުބަހެއް ބުނާނަމަ އެބަހެއް ވިދާޅުވާނީ ބޮކި ސައީދު އެކަނި. ނަންނުޖަހާ ކައުންސިލް މެންބަރަކު ވިދާޅުވިއޭ ބުނީމަ ގަބޫލު ކުރަން ވަރަށްދަތި. ބޮކި ސައީދު ބުނާގޮތަށް ޑައިރެކްޓުކޮށް ނުބުނެވޭނަމަ އެއްފެއް ނުބުނެ ހުރުން އެންމެ ރަނގަޅުވާނީ

  6. ބަރުލަމާނީ ބޯއި

    ޖޭޕީ އިން ހައްގުބަހެއް ބުނާނަމަ އެބަހެއް ވިދާޅުވާނީ ބޮކި ސައީދު އެކަނި. ނަންނުޖަހާ ކައުންސިލް މެންބަރަކު ވިދާޅުވިއޭ ބުނީމަ ގަބޫލު ކުރަން ވަރަށްދަތި. ބޮކި ސައީދު ބުނާގޮތަށް ޑައިރެކްޓުކޮށް ނުބުނެވޭނަމަ އެއްފެއް ނުބުނެ ހުރުން އެންމެ ރަނގަޅުވާނީ. ބޮކި ސައީދުގެ ބަހަކީ ކޮބައިތޯ ބައްލަވާ އެއީ އަސްލު ޖުމްހޫރީ ޕާޓީ އަކީ

  7. ކިނބޫ

    "އެއީ ޖުމްހޫރީ ޕާޓީގެ ވިސްނުމެއް ނޫން." - ޖޭޕީގެ ތަރުޖަމާނު، ފަސް ރުފިޔާ ބައި-