ފާއިތުވި މާޗު މަހުގެ ތެރޭގައި ރ. މަޑުއްވަރީގައި ތިން މީހަކު ވެގެން ކުޑަ ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ފާރަވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީއަކުން މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް ދިރާސާ ކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެ މައްސަލަ ދިރާސާ ކުރަމުން ދަނީ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއާއި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކަމަށެވެ.

"މި ކޮމިޓީން މައްސަލަ ބަލަމުންދާއިރު، މައްސަލައާ ގުޅިގެން ފުލުހުން ވަނީ 241 ކޮމިޓީއަށް، ޖެންޑާ މިނިސްޓްރީއާއި، ހިއުމަން ރައިޓްސް ކޮމިޝަން ވަނީ ހިއުމަން ރައިޓްސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައި، ކުއްޖާގެ އާއިލާއާއި އާއިލާއިން ކަނޑައަޅާފައިވާ ޤާނޫނީ ވަކީލާ ވެސް ކޮމިޓީއިން ވަނީ ބައްދަލުކޮށްފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޖިންސީ ގޯނާއާއި ރޭޕްގެ މައްސަލަތައް ދައިލަތުގެ އިދާރާތަކުން ވަރަށް ފުންކޮށް ބަލަމުންދާ ކަމަށެވެ. މި މައްސަލާގައި ފުލުހަކު ވެސް ހިމެނޭތީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް އެ ކަން ބަލަމުންދާ ކަމަށެވެ. މި ހުރިހާ ކަމަކަށް ފާރަވެރިވުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައިގައި ތުހުމަތު ކުރާ ފަރާތްތަކުގެ ތެރެއިން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާތީ ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ފުލުހުން ވިދާޅުވެފައިވާ ގޮތުގައި މިމައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވަނީ ހައްޔަރު ކުރަން ޖެހޭ ވަރުގެ ހެއްކެއް ނެތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތު މީހާ

    މިކަމުގައި ޓީޗަރަކާއި، ފުލުހަކާއި، ނަރުހަކު ވާކަމަށް ބޮޑުވަޒީރުކަމަށް ދައުވާކުރާ ހާމުދުރު ވިދާޅުވީ ޤާނޫނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްތޯ؟ ނޭނގޭ ކަންކަމަށް ބޯ ނުކޮށްޕާ މަޑުން ހުރޭ.

  2. ސިމާއު

    ދުވަހަކުވެސް ތި ފުލުހުންނަކަށް ހެކި ނުލިބޭނެ.ލޮލު ކުރިމަތީގަ ހިނގާކަންތަކުގެހެކި ނުލިބޭބަޔަކަށް ތިކަހަލަ ކަމެއްގެ ހެކި ލިބޭނެތޯ؟މިގައުމުގެ ކަނަތައް ހައލު ނުވެގެން އުޅެނީ ވފުލުހުންނާއި ވަކީލުންނާއި ފަނޑިޔާރުންގެ ސަބަބުން.އެމީހުންގެ ޒިންމާ ފުރިހަމަ ގޮތުގައި ނުނަގާތީ.