ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން، (ރުފިޔާ ޗާޕް ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީއިން ހުށަހެޅި މައްސަލަ ތަސައްވުރު ފުދިގެން ބަލަން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

މީގެ އަހަރު ދުވަސް ކުރިން ފިނޭންސް މިނިސްޓްރީން ފޮނުވި ހުށަހެޅުމަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ޕަބްލިކް ބޭންކް އެކައުންޓުން ހަތަރު ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުމުގެ ހުއްދަ ދީފައެވެ. އަދި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތައް އަހަރު ދުވަހަށް ސަސްޕެންޑްކޮށް، ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށްފައެވެ. މި މުއްދަތު އަންނަ ހޯމައަށް ހަމަވާއިރު އިތުރު އަހަރު ދުވަހަށް އިތުރުކޮށްދޭން ފިނޭންސް އިން މި ވަނީ އެދިފައެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބަލިމަޑުކަމުގެ ހާލަތަކާއި އެ ހަލާތާ ގުޅިގެން އިޤްތިޞާދީ ތަދުމަޑުކަމެއްގައި ދުނިޔެއާއި ރާއްޖެ ވެސް އޮތް އިރު، ކޮވިޑް-19 ގެ ހާލަތަށް ދައުލަތުން ވަރަށް ގިނަ ޚަަރަދުތައް ކުރެވިފައިވާ ކަމަށެވެ. އެ ޚަރަދުތައް ކުރެވެމުންދާ ގޮތް މަޖިލީހަށް ވެސް ރަނގަޅަށް ނުބެލޭ ކަމަށް ސައީދު ވިދާޅުވިއެވެ.

"މި މަޖިލީހަކުން ވެސް ކިހާ ޚަރަދެއް ކޮވިޑް-19 އަށް ދައުލަތުން ކުރެވިފައިވޭތޯ ބެލެވިފައެއް ނުވޭ. 30 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ވެސް ވެންޓިލޭޓަރުތައް ނުލިބި އޮތީ. ހަކުރު ފުށް ހަނޑުލަށް ވެސް އާދަޔާ ޚިލާފް ބޮޑެތި އަދަދުތަކެއް ނަގާފައި އެބަ އޮތް، ބޭރުގެ ފަރާތްތަކުން ދީލަތި އެހީގެ ގޮތުގައި ސާދަ ބިލިއަނެއްހާ ރުފިޔާ، މި މަޖިލީހުގެ ހުއްދައިން ހަތަރު ބިލިއަން ރުފިޔާގެ އޯވަޑްރޯއެއް، އަޅުގަނޑުމެނަކަށް ނުފެނޭ ކުރި ޚަރަދެއް،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދައުލަތުގެ ޚަރަދަށް ކިރިޔާ ވެސް ފަރުވާކުޑަކޮށްފައިވޭތޯ ރަނގަޅަށް ބަލަން ޖެހޭ ކަމަށެވެ. މީގެ ކުރިން އޯވަޑްރޯ ކުރުމުގެ ހުއްދަ މަޖިލީހުން ދީފައިވަނީ އެކަށީގެންވާ ގޮތެއްގައި ދިރާސާ ކޮށްފައި ނޫން ކަމަށް ސައީދު ވިދާޅުވިއެވެ. މި ފަހަރު މަޖިލީހުން މަޖިލީހުގެ ޒިންމާ އަދާ ކުރަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަޖިލީހުން މިއަދު އެބަ ޖެހޭ ތަސައްވުރު ފުދޭ ގޮތަކަށް މި މައްސަލަ މި ފަހަރު ދިރާސާ ކުރަން. ޤައުމުގެ އިޤްތިޞާދު މި އޮތީ ރަނގަޅު ހާލަތެއްގައި ނޫން. މި ބަހުސްއަށް ބަޖެޓްގެ ބަހުސްއަށް ދޭ އަހައްމިއްޔަތު ދޭން ޖެހޭ ކަމެއް. އެހެން ނޫން ނަމަ ދައުލަތް މި އޮތް ހާލަތުން އިތުރަށް ބަނގުރޫޓު ވެގެން ދާނެ." ސައީދު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު ދައުލަތް ބަނގުރޫޓް ވެދާނެ ކަމުގެ އިންޒާރު ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވެސް އަންނަނީ ދެމުންނެވެ.