ކޮވިޑް-19 އާއި ގުޅިގެން ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާއިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޭނާގެ ޒިންމާ ފުރިހަމައަށް އަދާ ކުރެވެމުން ނުދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

މީގެ އަހަރު ދުވަސް ކުރިން ފިނޭންސް މިނިސްޓްރީން ފޮނުވި ހުށަހެޅުމަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ޕަބްލިކް ބޭންކް އެކައުންޓުން ހަތަރު ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުމުގެ ހުއްދަ ދީފައެވެ. އަދި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތައް އަހަރު ދުވަހަށް ސަސްޕެންޑްކޮށް، ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށްފައެވެ. މި މުއްދަތު އަންނަ ހޯމައަށް ހަމަވާއިރު އިތުރު އަހަރު ދުވަހަށް އިތުރުކޮށްދޭން ފިނޭންސް އިން މި ވަނީ އެދިފައެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ އެންމެ ސީނިއާ މެންބަރުންގެ ތެރޭގައި ހިމެނޭ ހަސަން އަފީފް ވިދާޅުވީ ރާއްޖޭގެ އިގްސާދު އަދިވެސް ކުރިއަރާފައި ނުވާތީ އުސޫލެއްގެ މަތިން މި ހުއްދައިގެ މުއްދަތު އިތުރު ކުރަން ތާއީދު ކުރައްވާ ކަމަށެވެ. އެހެންވިޔަސް އެ ޚަރަދުތައް މިނިސްޓަރު އަމީރަށް ބެލެހެއްޓެވިދާނެ ކަމާއި މެދު އޭނާ ސުވާލު އުފެއްދެވިއެވެ. އަދި ދައުލަތުގެ ޚަރަދުތައް ނުބެލެހެއްޓެވޭ ކަމަށް ވިދާޅުވެ މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

"ފިނޭންސް މިނިސްޓަރުގެ ޒިންމާ ފުރިހަމައަކުން އަދާ ކުރަމުންނެއް ނުދޭ. އެފަދަ މީހަކަށް އަޅުގަނޑުމެން އަނެއްކާ ވެސް މިހާ ގިނަ ފައިސާ ނެގުމުގެ ހުއްދަ ދޭއިރު އަޅުގަނޑުމެން ވިސްނާލަން ޖެހޭ. ފައިސާ ދޫކުރަން އަޅުގަނޑަށް ފެނޭ. އެކަމަކު ފިނޭންސް މިނިސްޓަރު ކުރައްވާ ޚަރަދުތައް ކުރައްވަނީ ރަނގަޅަށް ކަން ބަލަން އެބަ ޖެހޭ." އަފީފް ވިދާޅުވިއެވެ.

އޮޑިޓަ ޖެނެރަލްގެ ރިޕޯޓްތަކާއި ހަވާލާ ދެއްވައި އަފީފް ވިދާޅުވީ މާލިއްޔަތު ޤާނޫނަށް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި ގިނަ ޚަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކަށް ވެންޓިލޭޓަރުތަކުގެ ޚިޔާނާތް އަފީފް ފާހަގަ ކުރެއްވިއެވެ.

"ވެންޓިލޭޓަރު ގަންނަން ދުބާއީގެ ކުންފުންޏަށް ހުއްދަ ދިން އިރު އަދި އެޑްވާންސްއަށް ފައިސާ ދައްކަން ފައިސާ ފޮނުވިއިރު އެ ބަލަން ޖެހޭ ކަންކަން ފިނޭންސް މިނިސްޓަރު ބެއްލެވި ކަމަކަށް އަޅުގަނޑެއް ނުދެކެން." އަފީފް ވިދާޅުވިއެވެ.

މި މައްސަލަ ކުރިން ދިރާސާ ކޮށްފައިވަނީ މާލިއްޔަތު ކޮމިޓީއިން ކަން ފާހަގަކުރައްވައި އަފީފް ވިދާޅުވީ އޭނާ ވެސް އިންނަވާ އެ ކޮމިޓީއަށް އެންމެ ފުރިހަމައަށް މި މައްސަލަ ދިރާސާ ކުރެވޭނެ ކަމަކަށް ވެސް އޭނާ ޤަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން މި މައްސަލަ ދިރާސާ ކުރަން ޚާއްސަ ކޮމިޓީއެއް އެކުލަވާލަން ހުށަހަޅުއްވާ ކަމަށް އަފީފް ވިދާޅުވިއެވެ. އަފީފްގެ އެ ހުށަހެޅުއްވުމަށް ބައެއް އެހެން މެންބަރުންގެ ތާއީދު ވެސް ދަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މައިދަންޑާ

    އެހެންދޯ ދެން ކޮންބަޔަކު ޒިންމާ އަދާކުރަނީ ދައްކަބަލަ ....؟ ހުސްވާހަކަ ބޭކާރު ބަޔަކު ވެރިކަމައް ގެނެވުނީމަ މިއޮތީ ވާނެ ހަޔެތިވެފަ

    14
    1
  2. ނާބެ

    ގައުމުގެ އިގުތިސާދަށް ކުރިއެެރުން ނުލިބި ދައުލަތް ބަގުރޫޓު ވަމުންދާއިރުވެސް ސަރުކާރުން މިގެންދަނީ ގިނަ އަދަދެއްގެ ފުޓުޟެލް ދަޑުތައް އެޅުމަށް ބޮޑު ހޭދައެއް ކުރަމުން ކަން ފާހަގަ ކޮއްލެވެއެވެ. ދައުލަތުގެ ހަރަދު ކުޑަކުރުމަށް ޓަކާ މިފަދަ މަސްރޫއުތައް މިވަގުތަށް ހުއްޓާލުން ވަރަށް މުހިންމު ކަމަށް ފެނޭ.

    13
  3. ޖުމައިލް

    މިސަރުކާރުގެ ކޮން މިނިސްޓަރަކަށްތޯ ޒިންމާ އަދާކުރެވެނީ؟ވާނުވާ އެބަބަލާތޯ؟ކޮންބަޔެއްތޯ ސަރުކާރުގެ މުދަލާއި ފައިސާ ރަނގަޅު ގޮތުގަ ބޭނުންކުރަނީ؟ސަރުކާރުގެ މިނިސްޓްރީއެއް،ކުންފުންޏެއް ޑިޕާރޓްމަންޓެއްކިޔާނެ ކަމެއްނެތް އެންމެންވެސް ޖެހުނުތަނަކުން ކަނީ.ކޮބާތޯ ރީޖަނަލް އެއަރޕޯޓްސް ވެރިން؟

    12
  4. ޏިޔާޒު

    ޢަފީފު އަބަދުވެސް ޒާތީވެފަހު ރެ ތިވާހަކަދެއްކެނީ ކީއްވެތޯ!؟އަމީ ރު ކޮންފައިސާ އެއް ތަ ނެގީ ބޭނުން ކު ރީ؟ދައުލަތުން ބޭނުންވާ ގޮތް ނޭނެނީތޯ؟