އިންތިޚާބުތައް ބޯމަތިވީމަ، އިންތިޚާބީ ކަންކަމުން ނަޒަރު ދުރުކުރުމަށް ސިޔާސީ މީހުން ތަފާތު ވާހަކަތައް ދެއްކުމަކީ އަބަދުވެސް ކުރާ ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ އެގޮތަށް ވިދާޅުވީ 2023 ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފައި ވަނިކޮށެވެ. ނަޝީދުގެ އެ ހުށަހެޅުއްވުމާ އެކު، ބައެއް މީހުން ވަނީ ކެމްޕެއިން ފަށައިފައެވެ.

ނަޝީދުގެ އެ ހުށަހެޅުމަށް ފާޑު ކިޔާ ބަޔަކު ވެސް އެބަތިބިއެވެ.

ރީކޯ މޫސާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނިޒާމު ބަދަލުނުކޮށް ކުއްލިއަކަށް ވެރިކަމަށް އާދެވޭނެ ގޮތެއް އެބައޮތް ކަމަށެވެ. އެއީ މިހާރުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ފަހު އެ މަގާމަށް ވަޑައިގަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ނައިބު ރައީސަކަށް މިވަގުތު ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ނައިބު ރައީސް ކަމަށް ވަޑައިގެންނެވި ފައިސަލް ނަސީމެވެ. އެމަނިކުފާނަށް ނައިބު ރައީސް ކަން ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ތެރޭގައި ބޭއްވި އިންތިހާބުގައި ކުރި ހޯއްދަވައިގެންނެވެ. ފައިސަލް ނަސީމާ ވާދަ ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިނެވެ.

މާޒީ އަށް ބަލާ އިރު، ނައިބު ރައީސްގެ މަގާމު ގިނަ ބަޔަކު ފުރުއްވާފައިވެއެވެ. އެންމެ ފާހަގަކޮށްލެވެނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެ މަގާމަށް ވަޑައިގެންނެވި ގޮތެވެ. ޓޫރިޒަމް މިނިސްޓަރަކަށް އޭރު ހުންނެވި އަދީބު ނައިބު ރައީސަކަށް ވަޑައިގެންނެވީ އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައިގެންނެވެ.

ރީކޯ މޫސަ ވިދާޅުވީ ނައިބު ރައީސްގެ މަގާމަށް ވަޑައިގަތުމަށް ފަހު، ރައީސް މަގާމުން ދުރުކޮށް ނައިބު ރައީސް، ރައީސް ކަމުގެ ހުވާ ކުރުން ކިހިނެއް ވާނެތޯ ސުވާލު ކުރައްވައިފައެވެ. ނޫނީ ކުރީގެ ރައީސް ޑރ. މުހައްމަދު ހެއްދެވި ގޮތަށް މަޖިލިހުން "ބަޣާވާތް" ކުރައްވަނީތޯ ސުވާލު ކުރެއްވެވިއެވެ.

އޭގެ ފަހުން، ރީކޯ މޫސަ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ އިންތިހާބީ ކަންކަމުން ނަޒަރު ދުރު ކުރުމަށް އެހެން ކަމަކަށް އަމާޒު ހިފައި އެހެން ވާހަކައެއް ދެއްކުމަކީ އިންތިހާބުތައް ބޯމަތިވުމުން ސިޔާސީ މީހުން ކުރާ ކަމެއް ކަމަށެވެ.

"އެ ޒުވާބެއްގައި މީހުން ތަށިކޮށްފައި ވޯޓު ފޮށި ހިލާލުމަކީ ކުރިން 30 ހަކަށް އަހަރު ވެސް ކުޅުނު ކުޅިއެއް،" މޫސަ ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ހިޔާލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތާއީދު ނުކުރައްވާ ކަން ހާމަކުރައްވައިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ނަޝީދު ކުރެއްވެވި މެސެޖް ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވާތީ މިކަމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަހުމަދު

    އެއްޗެއްކިޔައިގެން ކައުންސިލް އިންތިހާބު ހަލުވާލަން އެއުޅެނި

    39
    1
  2. ޖަނާޒާ

    ގޭމެއް! ކުޅެނީ ވިކެޓުން ޖަހަނީ ! ވިކެޓުން ! ވިކެޓުންނަގަނީ ޕަޕެޓުން ނަށަނީ ! ރައްޔިތުން ހޭލާ ! ސަމާލުވޭ!

    23
  3. ޖަނާޒާ

    މޫސަ ވަހުތާނެއްހެން ދެން މިހާރު ތިޔަ ހޫރެނީތޯ؟

  4. ކާލާ

    ތިޔައީ އާކަމެއްނޫން ޔާމިނު ވެ ރިކަމަށް ހޮ
    ވުނު ފަހަރުވެސް ރީކޯ މޫސަ ގޭދޮށު މީހުން ކައި ރީ ބުނީ ނަސީދަށް ވޯޓު ނުލާށޭ އެނޑީޕީ ފައިސާ ހިފައިގެން ހު ރެ