މަސްވެރިކަން ކުރަ އުޅަނދުތަކުގައިި ބިދޭސީން ގެންގުޅުމުގެެ ހުއްދަ ދީފިއެވެެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ މަސްވެރިކަންކުރުމުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ޙަރަކާތްތެރިވުމާއި ގުޅޭ މައްސަލައިގައި ގިނަ ދުވަސް މަތިން ދަޢުލަތުގެ ކަމާގުޅޭ އެކި މުއައްސަސާތަކުގެ މެދުގައާއި، އޮޑިވެރިންނާއި މަސްވެރިން، އަދި މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރެވިފައި ވާކަމަށެވެ.

އަދި މި މަޝްވަރާތަކުގެ އަލީގައި ދޯނިފަހަރުގައި ކުރާ ބައެއް މަސައްކަތަކަށް ދިވެހިން ނުލިބުމުގެ ދަތިކަން އޮޑިވެރިންނަށް ވަރަށް ބޮޑަށް އޮތް ކަމަށް ފާހަގަކުރި ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި ރާއްޖޭގެ ދޮށީގެ އަދި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ގަވާއިދާ ޚިލާފަށް ސައްޙަ ހުއްދައެއް ނެތި ބިދޭސީން ޙަރަކާތްތެރިވަމުން ދިއުމުގެ ސަބަބުން، ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ޤާނޫނާއި ގަވާއިދާ ޚިލާފު ޙަރަކާތްތައް ހިންގަމުންދާ މަސްވެރިކަމެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމުގެ ކަންބޮޑުވުން ބޭރުގެ ބޮޑެތި ބައެއް ރީޓެއިލަރުން ފާޅުކުރަމުންދާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އެހެންކަމުން މަސްވެރިކަމުގެ ޞިނާޢަތުގެ މަންފާއަށްޓަކައި ވަކި ހަމަތަކެއްގެ މަތިން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ސީދާ މަސްވެރިކަންކުރުމުގައި ބައިވެރިވުން ނުހިމެނޭގޮތަށް ބިދޭސީންނަށް ޙަރަކާތްތެރިވުމުގެ ހުއްދަ ދިނުމަށްވަނީ ހަމަޖެހިފައި ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އަދި މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އެއުޅަނދެއްގައި މަސައްކަތްކުރުމަށް ހޯދާ ވޯކްޕާމިޓެއްގެ ދަށުން، ދެެ ބިދޭސީންނަށް ޙަރަކާތްތެރިވުމުގެ ފުރުސަތު ފަހިކޮށްދެވިފައި ކަމަށް އެބަޔަނުގައި ވަނީ ވިދާޅުވެފައެވެ.

އަދި މަސްވެރިކަމުގެ އާންމު ގަވާއިދަށާއި ވަކިވަކި މަސްވެރިކަމާއި ގުޅޭގޮތުން އާންމުކޮށްފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުގެ ދަށުން އަދި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން މަސްވެރި ކޮންމެ އުޅަނދެއްގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނެ ހަމަތައް މިހާރުވަނީ ކަނޑައެޅިފައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިގޮތުން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ޙަރަކާތްތެރިވުމަށް ބިދޭސީންނަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ކައްކާއެއް ނުވަތަ ދޯނި ފޮޅާ ސާފުކުރާ ނުވަތަ ބަލަހައްޓާ ފަރާތަކަށް ކަމަށާއި އަދި ބިދޭސީން ޙަރަކާތްތެރިވުމަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް ކަމަށާއި މި ހުއްދަ ދޭނީ މަސްވެރިކަންކުރުމުގެ ލައިސަންސް ނަގައިގެން ދޮށީގެ ނުވަތަ ބޮޑުކަންނެލީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދުފަހަރަށް އެެކަނި ކަމަށް އެބަޔަނުގައި ވަނި ވިދާޅުވެފައެވެ.

"ދިވެހިރާއްޖޭގެ މަސްވެރިކަމަކީ ދިގު ތާރީޚެއް އޮތް، އެމަސްވެރިކަމުގައި ސަގާފީ ގިނަ ސިފަތަކެއްއެކުލެވޭ މަސްވެރިކަމަކަށްވާކަމީ ދުނިޔޭގެ ފެންވަރުގައި ދިވެހި މަސްވެރިކަން އިސްތިހާރުކުރުމަށް ލިބިފައިވާ ބޮޑު ފުރުޞަތެކެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޚާއްސަ ސިފަތައް އޭގެ އަސްލު ނުގެއްލި ހިފެހެއްޓުމަކީ މުޙިއްމުކަމެކެވެ. އެހެންކަމުން މަސްވެރިކަމުގެ ގަވާއިދުތަކަށް މިގެނެވުނު ބަދަލަކީ، އެކުވި ގޮތެއްގައި މަސްވެރިން އަދި އޮޑިވެރިންނާއި މަޝްވަރާކުރެވި މުޅި ޞިނާޢަތުގެ މަންފާއަށްޓަކައި އެޅުނު ފިޔަވަޅެކެވެ. " ފިިޝަރީޒް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެެެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަލީ

  ދިވެހިންނަށް ވަޒީފާ ހޯދައިދެނީ.

 2. ހުސޭނުބޭ

  މިހާރު ހުއްދަނުދީ އޮތި އެންމެ ކަމަކަކަށް. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ހުއްދަ! ދެން އެ ހުއްދަވެސް ދޭންވީނު!

  3
  1
 3. އެމަންޖެ

  މަޖިލީހުގެ ރައީސް ކަންވެސް ބިދޭސީއަކާ ހަވާލުކުރަން ފެނޭ އޭރައް އެތަން މާރަނގަޅައް ކުޑަ ކުޑަ ހަރަދަކުން ހިނގާނެ.