މި އަހަރުގެ އޯގަސްޓް މަހުގައި ފެށޭ ދިރާސީ އާ އަހަރުގެ އެކެޑެމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން ނެރެފިއެެވެ.

ކޮވިޑް-19 ގެ ސަބަބުން ތައުލީމީ ދާއިރާއަށް ގެނެވިފައިވާ ބަދަލުތަކާއި ގުޅިގެން ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓްމަހުގައި ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލު ގެނައުމުގެ ކުރީގައި ދިރާސީ އާއަހަރުގެ ކިޔެވުން ފަށަމުން އައިސްފައިވަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގައެވެ. މިހާރު ގެނެވިފައިވާ ބަދަލު ދާއިމީ ކުރުމަށް އެޑިއުކެޝަން މިނިސްޓްރން ވަނީ ނިންމާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން އާންމު ކޮށްފައި ވަނީ މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން އަންނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކިޔެވުން ކުރިޔަށް ގެންދެވުމަށް ރޭވިފައިވާ ގޮތުގެ ތާވަލެކެވެ. މި ތާވަލުގައިވާ ގޮތުން ދިރާސީ އާއަހަރު ފެށުމަށް ފަހު ފުރަތަމަ ޓާމްގެ މިޑްޓާމް ބަންދު ލިބޭނީ އޮކްޓޯބަރު މަހުގެ 17 އިން އޮކްޓޯބަރު 21 ގެ ނިޔަލަށެވެ. މިއަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އަހަރުގެ ފުރަތަމަ ޓާމްގެ ގެ އިމްތިހާނަށް ފަހު ސްކޫލް ބަންދުވާނެ އެވެ.

ދެވަނަ ޓާމްގެ ކިޔެވުން ފެށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ދެވަނަ ޓާމްގެ މިޑްޓާމް އަށް ސްކޫލްތައް ބަންދުވާނެއެވެ. އޭގެ ފަހުގައި ދެވަނަ ޓާމްގެ އިމްތިހާން ޓެސްޓަށް ފަހު ޖޫން މަހުގެ 30 ވަނަ ދުވަހު ދެވަނަ ޓާމަށް ބަންދުވާނެއެވެ. އަދި އެއް މަސް ދުވަހުގެ ޗުއްޓީއެއް ދަރިވަރުންނަށް ދިނުމަށްފަހު އަންނަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު ދިރާސީ އާއަހަރުގެ ކިޔެވުން ފަށާ ގޮތަށް ވަނީ ތާވަލު ކުރެވިފައެވެ.

އެޑިއުކޭޝަން މިނިސްޓާރ ޑރ. އައިޝަތު އަލީ ދިރާސީ އާއަހަރަށް ގެނެވިފައިވާ މިބަދަލާއި ގުޅިގެން ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އޮގަސްޓް މަހު ދިރާސީ އާއަހަރު ފެށުމުން ދަރިވަރުންނަށް ވަަރަށް ބޮޑު ފާއިދާތަށް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު