އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ބަލައިގެންފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ފަސް ގާޒީންގެ އިއްތިފާގުން ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރެއްވީ ނޮވެމްބަރު 28، 2019 ގައެވެ.

މިއީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވި ހުކުމެވެ. ދައުލަތުން އެ ދައުވާ އުފުލާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ހިމެނޭ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަކަށް ޖަމާކުރެއްވި ކަމަށް ބުނާ މައްސަލައިގައެވެ. އެ ފައިސާއަކީ ގއ. މޮޑަވުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ވިދާޅުވެއެވެ.

މި ހުކުމުގެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު ހައި ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. ޖެނުއަރީ 21، 2021 ގައި އެ ގޮތަށް ހައި ކޯޓުން ކަނޑައެޅީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެއް ފަނޑިޔާރަކު އެ ހުކުމަށް ތާއީދު ނުކުރައްވައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކުރައްވާ ތުހުމަތުތައް އެމަނިކުފާނު އިންކާރު ކުރައްވައެވެ.

މި ޚިޔާނާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވެސް ދައުލަތުން އުފުލާފައިވެއެވެ. އެއީ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެކެވެ. މި ދައުވާތަކުގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން، އެމްއެމްޕީއާރުސީގެ ޚީޔާނާތުގެ ތަޙްޤީޤަށް މިހާރު ވެސް ދޭތެރެ ދޭތެރެއިން މާލެ ގެނެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އެމަނިކުފާނުގެ ބަޔާން ނަގައެވެ. އެންމެ ފަހުން މި ކަމަށް ޓަކައި އިއްޔެ ވަނީ އެމަނިކުފާނު މާލެ ގެނެސްފައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާ ދައުވާތަކަކީ ސިޔާސީ މަޤްޞަދެއްގައި އުފުލަމުންދާ ދައުވާތަކެއް ކަމަށް އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ޤަބޫލު ކުރެއެވެ. ރައީސް ޔާމީނަކީ މި ވަގުތު ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ މަޤްބޫލް އެއް ސިޔާސީ ލީޑަރެވެ. އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްއާއި ސަޕޯޓަރުން ގެންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް އިހްތިޖާޖްތައް ކުރަމުންނެވެ.

ރައީސް ޔާމީންގެ ސިއްޚީ ހާލުކޮޅަށް ރިއާޔަތްކޮށް އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދޭން ވެސް އެމަނިކުފާނުގެ އާއިލާގެ ފަރާތުން އެދިފައިވެއެވެ. އެހެން ނަމަވެސް ދައުލަތުން އެ ކަމަށް އަދި ވަކި ގޮތެއް ނުނިންމަވައެވެ. އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރައީސް ޔާމީނަށް ދެރަ ގޮތެއް ވިޔަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ.