ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ވެކްސިން ޖެހުމަށް އޮންލައިންކޮށް ޓޯކެން ނަމްބަރު ނެގޭނެ އިންތިޒާމު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފިއެވެ.

އެޗްޕީއޭއިން އޮންލައިންކޮށް ނަންބަރު ނެގޭނެ ގޮތް ހަމަ ޖައްސާފައިވަނީ ދެވަނަ ޑޯޒު ޖެހުމަށް ގިނަ އަދަދެއްގެ ބަޔަކު ކިއު ހަދައިގެން ތިބެން ޖެހުމުންނެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ވެސް ފާޅު ކޮށްފައެވެ.

އެކަމަށް ހައްލު ހޯދައި ދިނުމަށް އެޗްޕީއޭއިން އެންމެ ފުރަތަމަ އޮންލައިންކޮށް ޓޯކެން ނަމްބަރު ބެލޭނެ ގޮތް ވަނީ ހަމަ ޖައްސާފައެވެ. އޭގެ ފަހުން އެ އެޖެންސީން ބުނީ ވެކްސިން ޖެހުމަށް "ކިއުބީ" މެދުވެރިކޮށް ރޭގަނޑު 9:00 ގެ ފަހުން ބައެއް ސެންޓަރުތަކުން ނަމްބަރު ދޫކުރާނެ ކަމަށެވެ.

އޭގެ އިތުރުން ވެސް ވެކްސިން ޖަހާ ސެންޓަރުތަކުން މިހާރު ވެސް ދޫކުރާ ގޮތަށް ނަމްބަރު ދޫކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ، އޮންލައިންކޮށް ދޫކުރަން ހަމަ ޖެހިފައިވަނީ 1،000 ނަމްބަރު ކަމަށެވެ. އެއީ ސޯޝަލް ސެންޓަރުން ދެ ވަނަ ޑޯޒް ޖަހަން 500 ނަމްބަރާއި އާޓް ގެލަރީން 300 އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރަށް 200 ނަމްބަރެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފަށާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. އޭގެ ފަހުން ފާއިޒާ ވެކްސިން ދެމުން އަންނައިރު، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ވެސް މިހާރު ވަނީ ދޭން ފަށާފައެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް 281،848 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެ ތެރެއިން ދެވަނަ ޑޯޒް ޖަހާފައިވަނީ 45،817 މީހުންނެވެ.