މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އޭޑީކޭ ގައި ވިހެއުމަށް ފަހު ނިޔާވި ސަލްމާ ނަސީރަށް ދޭން ޖެހޭ ފަރުވާ ފަރުވާތެރިކަމާއެކު ދީފައިވާނެ ކަމަށާއި، އޭނާގެ ގަޔަށް ލޭ އެޅުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައިވާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވެއްޖެ އެވެ.

ސަލްމާ ނިޔާވި މައްސަލަ ތަހުގީގުކޮށް، އޭނާގެ ފިރިމީހާއަށް ހެލްތު މިނިސްޓްރީން ފޮނުވި ތަހުގީގު ރިޕޯޓްގައި ވަނީ ވިހެއުމަށްފަހު ސަލްމާގެ ހަށިގަނޑުން ވަރަށް ގިނައިން ލޭ ބޭރުވި ނަމަވެސް ހޮސްޕިޓަލުން ލޭ އަޅައިފައި ވަނީ އޭނާ ވިހެއިތާ ތިން ގަޑިއިރު ފަހުން ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ، ސަލްމާ މި ހޮސްޕިޓަލަށް އައީ އާންމު ހާލަތުގައި ވިހެއުމަށް އަންނަ އެހެން ފަރާތްތަކެކޭވެސް އެއްގޮތަށް ކަމަށާއި، އަދި ވިހެއުމުގެ ކަންކަން ގޮސްފައިވަނީވެސް އާންމުކޮށް ވިހެއުމުގައި ބަލާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށެވެ.

އަދި ވިހެއުމަށްފަހު އާންމުކޮށް ލޭއަންނަ ވަރަށްވުރެ ގިނައިން ލޭ އަންނަކަން ފާހަގަ ކުރެވިގެން އެކަމާއި ގުޅޭ މެޑިކަލް ފަރުވާތައް ވަގުތުން ފަށައި ކުރިއަށް ގެންގޮސްފައިކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި މިގޮތުން ލޭ މަނާކުރުމަށް މިފަދަ ހާލަތްތަކުގައި ދެވޭ ބޭސް އަދި ގައިނަކޮލޮޖިކަލް ފަރުވާތަށް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

"ނަމަވެސް ލޭ ފޭބުން ކޮންޓްރޯލް ނުވެ ކުރިއަށް ދާތީ ލޭ އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި ކުރިއަށް
ގެންގޮސް އަޅަން ބޭނުންކުރާ ލޭ ގެ ރައްކާތެރިކަން ކަށަވަރުވުމާއެކު ލޭއަޅަން ވާނީ ފަށާފައެވެ. ނަމަވެސް ޕޭޝަންޓްގެ ހާލަތު އިތުރަށް ގޯސްވުމުން ލޭ މަނާ ކުރުމަށް ޓަކައި ރަހިމު ނެގުމުގެ އޮޕަރޭޝަންވެސް ވާނީ ފަށާފައެވެ. އަދި ލޭއެޅުން މެދުކެނޑުމެއް ނެތި ވާނީ ކުރިއަށް ގެންގޮސްފައެވެ". އޭޑީކޭގެ ބަޔާނުގައި ވެއެވެ.

އޭޑީކޭގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، ކުރެވުނު މަސައްކަތްތަކާއެކުވެސް ލޭގެ ޕްރެޝަރު ނުހިފެހެއްޓި ދަށަށް ގޮސް އޭނާ ކާޑިއެކް އެރެސްޓަކަށް އަށް ދިޔަ ކަމަށެވެ.

"ކާޑިއެކް އެރިސްޓާއި ގުޅިގެން ސީޕީއާރ ދެވުނު ނަމަވެސް ސަލްމާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތް ވަނީ ނުވެފައެވެ". އެ ބަޔާނުގައި ވެއެވެ.

އިތުރަށް އެ ހޮސްޕިޓަލުން ވިދާޅުވީ، ސަލްމާގެ ފަރުވާ ކުރިއަށް ދިޔަ އިރު ހާލަތާއި ގުޅޭ މައުލޫމާތާއި ދެވެމުންދާ ފަރުވާގެ މައުލޫމާތު ވަގުތުން ވަގުތަށް އާއިލާއާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މި ހޮސްޕިޓަލުގައި ސަލްމާއަށް ފަރުވާދިނުމަށް ހަރަކާތްތެރިވި މެޑިކަލް ޓީމުން ހުރިހާ ވަގުތެއްގައިވެސް ދޭންޖެހުނު ފަރުވާތަށް ފަރުވާތެރިކަމާއެކު ދީފައިވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި މި ކޭސް ރިވިއު ކުރުމުގައި ހެލްތް މިނިސްޓްރީގެ ކިއު.އައިޑީން ބޭނުންވި ހުރިހާ މައުލޫމާތާއި އެއްބާރުލުން މި ހޮސްޕިޓަލުން ދީފައިވާ ކަމަށް އެ ބަނުގައި ވެއެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ، ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ އަދަދު ޒަމާނީ ބޭސްވެރިކަމުގެ ސަބަބުން ރާއްޖޭގައި ވަރަށް ބޮޑަށް ދަށް ކުރެވިފައިވާ ކަަމަށެވެ.

ނަމަވެސް މެޑިކަލް ބޮޑެތި ކޮމްޕްލިކޭޝަންތަކުގައި އެދެވިގެންވާ ފަރުވާ ދެވުނަސް ކާމިޔާބު ނުވުމަކީ ބައެއް ހާލަތްތަކުގައި ވާކަމެއް ކަމަށް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޖަޒީރާ ބާގީ ޓޯޓޯ

  މި ކަހަލަ ކަންކަން ދިމާ ނުވިއްޔާ ދެރައެއްނު. ނުކިޔަވާ ބާގީއަކަށް މިނިސްޓްރީ ހިންގަން ދިނީމަ އޭގެ ހިތި ތި ފެންނަނީ

  7
  1
 2. ބަކަރި

  މިކަމުގެ ފުރިހަމަ ޒިންމާ ސޯލިހު ޖެހޭނެ ނަގަން.. މި ސަރުކާރު އައިސް ރައްޔިތުން ގޭބަންދުކޮށް އަނިޔާކޮށް ނޮޅާކަނީ

  5
  2
 3. ގެރި

  މި ސަރުކާރުގެ އިހުމާލުން ރައްޔިތުން މަރުވަނީ.. ތަހުގީގު ކުރަންޖެހޭ

  6
  2
 4. ހާޝިމް

  މި ސަރުކާރު އެންމެންގެ މައްޗަށް ދައުވާ ކުރެވެންޖެހޭ ލޮކްޑައުންއާ ހެދި ފަރުވާ ނުލިބި މަރުވި އެންމެންގެ މައްސަލަތަކުގަ

  6
  2
 5. ޙހހހ

  އޭޑީކޭއިން ވިހާއިރު ކުއްޖާނެގުމަށް މިހާރު ބޭނުންކުރާ ވެކިއުމް ނިޒާމާއި ބެހޭ މައުލޫމާތު ކިހާވަރަކަަށް ރައްޔިތުންނަށް ދެވޭތޯ ، މިހެން ދެއްނެވީ ވެކިއުމް ކޮށްގެން ނަގާކުދިންގެ ބޯ ވަރަށްބޮޑަށް އައިބުވެފައި ހުންނަކަން އާއިލާތަކުން ކިޔާތީ

  4
  1
 6. އައްޑޫ ޝަކުވާ ބޯޓު

  ﷲ އަކްބަރު.!
  ތަފާތު ހަބަރެއް މީނާ ލިޔެފި.
  އުފާކޮށްފިން

 7. އައްޑޫ ޝަކުވާ ބޯޓު

  ކުށެއްވެސް ނެތް.
  ކިޔާލަންވެސް ބަލާލަންވެސް އެހާ ފުރިހަމަ

 8. ޞ

  ތިނޫން ބަޔާނެތް ތިތަނުން ދުވަހަކުވެސް ނެ ރުނުބާ؟..