ބ.އަތޮޅު އޭދަފުށިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއާއިއެކު އެރަށުން ކޮވިޑަށް ދެމީހަކު ވަނީ ފައްސިވެފައެވެ.

މިރޭ ކޮވިޑަށް ފައްސިވެފައި ވަނީ ކޮވިޑްގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހެކެވެ. މިއަދު މެންދުރުފަހު ކޮވިޑަށް ފައްސިވީ ވެސް ބަލީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހެކެވެ.

އޭދަފުއްޓަށް އަރައި ފޭބުން މަނާކޮށް، މިހާރު އެރަށް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

އޭދަފުށިން ކޮވިޑަށް މީހަކު ފައްސިވުމުން މިއަދު ވަނީ އަތޮޅު ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަޑާލާފައެވެ. މިހާރު ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ.

ހޮސްޕިޓަލުން މިހާރު އަންނަނީ ކޮވިޑަށް ފައްސިވި މީހުންނާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރޯގާގެ އަލާމާތެއް ފާހަގަކުރެވޭ ނަމަ އެކަން ލަސްނުކޮށް ހޮސްޕިޓަލްގެ ހޮޓްލައިން 6608309 އަށް ގުޅައި ހިއްސާކޮށް ދިނުމަށް ހޮސްޕިޓަލުން އެދެއެވެ.

ކޮވިޑުން ދިފާއުވުމަށް އޭދަފުށީގައި މިހާރު ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމުވެސް މިހާރު ވަނީ މެދު ކަނޑާލައިފަ އެވެ.

އޭދަފުއްޓަކީ އަތޮޅު ހޮސްޕިޓަލް ހުންނަ ރަށްކަމަށް ވުމުންނާއި އެހެނިހެން ބޭނުންތަކުގައި ވެސް ވަރަށް ގިނައިން އަތޮޅުގެ އެހެން ރަށްތަކުގެ މީހުން ދަތުރުކުރާ ރަށަކަށް ވުމުން އެހެން ރަށްތަކަށް ބަލި ފެތުރިފައި އޮތުމުގެ ބިރު ވެސް ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު