ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދެމުން އަންނަ ސިނޯފާމް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން މާދަމާ ފަށާނެ ކަމަށް ހެލްތު ޕޮރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ ވިދާޅުވީ ސިނޯފާމް ވެކްސިންގެ ދެ ވަނަ ޑޯޒް މާދަމާ ޖަހާނީ މާޗު 22 އަދި 23 ވަނަ ދުވަހު، ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށެވެ.

ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ޓްރީޓޮޕް ހޮސްޕިޓަލުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަމަށް ވެސް އެޗްޕީއޭ އިން މައުލޫމާތ ދެއްވައެވެ. އެޗްޕީއޭން އެދިފައިވަނީ ރޯދައަށް ނުތިބޭ މީހުން ހެނދުނު 10:00 ން 12:00 އަށް ވެކްސިން ޖަހަން ދިޔުމަށެވެ. އަދި އެހެން މީހުން ރޭގަނޑު 20:30 ން 23:00 އަށް ވެކްސިން ޖެހުމަށް ސެންޓަރުތަކަށް ދިޔުމަށެވެ.

މަޖިލީހުން ވެކްސިން ޖަހާނީ ރޭގަނޑު 21:00 ން 23:30 އަށެވެ.

ވެކްސިން ޖަހަން ދާއިރު، ވެކްސިން ކާޑާއެކު އައިޑީ ކާޑް ނުވަތަ ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑް ގެންދަން ޖެހޭނެއެވެ.

ކޮވިޝީލްޑްގެ ދެވަނަ ޑޯޒް، ވެސް މިހާރު ޖަހައިދެ އެވެ. އެއީ، ސޯޝަލް ސެންޓަރާއި އާޓް ގެލެރީ އަދި ވިލިމާލެ އާއި ހުޅުމާލެ ސެންޓަރުތަކުންނެވެ.

ވެކްސިން ޖެހުމަށް ކިއުގައި ގިނައިރު ތިބެން ޖެހޭ މައްސަލައަށް ހައްލެއް ގެނައުމަށް މިހާރު ވަނީ އޮންލައިންކޮށް ކިއު ނަމްބަރު ނެގޭނެ ގޮތް ހަދާފައެވެ. "ކިއުބީ" މެދުވެރިކޮށް އޮންލައިންކޮށް ނަމްބަރު ނަގައި އަދި ނަމްބަރު ތަރުތީބު ވެސް ބެލޭނެއެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެހަފްތާ ވުމުން ކަރަންޓީން ނުވެ އަތޮޅުތެރެއަށް ދިއުމުގެ ހުއްދަ މާދަމާ އިން ފެށިގެން ދެމުން ގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު