ބ.އަތޮޅު އޭދަފުށިން މިހާތަނަށް ކޮވިޑްގެ ދެއިހަލެއް (ކްލަސްޓާއެއް) ފާހަގަ ކުރެވިފައިވާ ކަމަށާއި މިދެއިހަލުން މިހާތަނަށް ޖުމްލަ ހަމީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކު އޭދަފުށިން ފުރަތަމަ ފައްސިވީ އިއްޔެ މެންދުރު ފަހުއެވެ. އޭގެ ފަހުން ރޭ ވެސް ވަނީ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކު ފައްސިވެފައެވެ. އެމީހުންނާއި ގާތުން ބައްދަލުވި މީހުންގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ވަނީ ފައްސިވެފައެވެ.

ފައްސިވި މީހުންނާއި ގާތުން ބައްދަލުވި މީހުންގެ ސުންކު ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު އެބަކުރިއަށް ގެންދެއެވެ.

އަދި އޭދަފުށީގައި ވަކި ތަރުތީބެއް ނެތި ސުންކު ނެގުން މިއަދު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

އޭދަފުއްޓަށް އަރައި ފޭބުން މަނާކޮށް މިހާރު ރަށް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

އޭދަފުށިން ކޮވިޑް ފެނުމާ ގުޅިގެން ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި ބަލިން ރައްކާތެރިވުމަށް ހުރިހާ އެންމެންވެސް ފަރުދީ ޒިންމާ އަދާކޮށް، އެޗްޕީއޭގެ ގައިޑްލައިނަށް ފުރިހަމައަށް ޢަމަލު ކުރުމަށް ހުރިހާ ރައްޔިތުންނަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

އޭދަފުށިން ކޮވިޑަށް މީހަކު ފައްސިވުމުން އިއްޔެ ވަނީ އަތޮޅު ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަޑާލާފައެވެ. މިހާރު ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ.

ހޮސްޕިޓަލުން މިހާރު އަންނަނީ ކޮވިޑަށް ފައްސިވި މީހުންނާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރޯގާގެ އަލާމާތެއް ފާހަގަކުރެވޭ ނަމަ އެކަން ލަސްނުކޮށް ހޮސްޕިޓަލްގެ ހޮޓްލައިން 6608309 އަށް ގުޅައި ހިއްސާކޮށް ދިނުމަށް ހޮސްޕިޓަލުން އެދެއެވެ.

ކޮވިޑުން ދިފާއުވުމަށް އޭދަފުށީގައި މިހާރު ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމުވެސް މިހާރު ވަނީ މެދު ކަނޑާލައިފަ އެވެ.

އޭދަފުއްޓަކީ އަތޮޅު ހޮސްޕިޓަލް ހުންނަ ރަށްކަމަށް ވުމުންނާއި އެހެނިހެން ބޭނުންތަކުގައި ވެސް ވަރަށް ގިނައިން އަތޮޅުގެ އެހެން ރަށްތަކުގެ މީހުން ދަތުރުކުރާ ރަށަކަށް ވުމުން އެހެން ރަށްތަކަށް ބަލި ފެތުރިފައި އޮތުމުގެ ބިރު ވެސް ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަޖަމު

    މަހީކުރީ އަތޮޅުގެ އެހެން ރަށްރަށުން ކޮވިޑް ކޭސް ފެނުމުން އެރަށްރަށަށް އެހެން ރަށްރަށުގެ މީހުން ނޭރުމަށް މިމީހުން އެންގުމާ އަމިއްލަ ރަށަށް އެހެން ބަޔަކު އެރިޔަނުދީ ބަންދުކުރީމަ ކޮވިޑުން އޭދަފުށި ސަލާމަތް ވީކަމަށް.

    3
    2
  2. އަލީ

    އަދިވެސް ވޯޓް ލާންވީމަ މާލޭގަ ތިބިމީހުންވެސް ގެނެވޭތޯބަލާ.

    2
    1
  3. ސާހިލް

    މަދިރިހަފާތަ

  4. އޭދަފުށި

    އެހެން ރަށްރަށު މީހުން އޭދަފުށްޓަށް ދިއުން މަނާ. އެކަމު މި މީހުން ރަށްރަށަށް ގޮސް ހިތުހުރި ގޮތަކަށް އުޅުނީ

  5. މާމިގިލި

    މާމިގިލީގަ 70 ފައްސި