ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން، (ރުފިޔާ ޗާޕް ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އެދުނު އެދުމާ މެދު ވަކި ގޮތެއް ނުނިންމިއެވެ.

މަޖިލިހުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހެޅުއްވީ އެމައްސަލަ މަޖިލީހުން ކަނޑައަޅާ ހާއްސަ ކޮމިޓީއަަކަށް ފޮނުވައިގެން ދިރާސާ ކުރުމަށެވެ. އެކަމަކު، އެ ހުށަހެޅުމަށް މަޖިލިހުގެ 48 މެމްބަރުން ތާއީދު ނުކުރައްވާ އިރު، ތާއީދު ކުރެއްވީ 12 މެމްބަރުންނެވެ. އެހެންވެ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމައްސަލާގައި މަޖިލީހުން ގޮތެއް ނުނިންމުނު ކަމަށެވެ.

މަޖިލިހުގެ ރައީސް އެގޮތަށް ނިންމެވި ނަމަވެސް މަޖިލިހުގައި އަމަލު ކުރާ އާންމު އުސޫލުގެ ދަށުން މަޖިިލިހަށް މައްސަލަ އެއް ބަލައިގަންނަން ފެނޭތޯ ނުވަތަ ނޫންތޯ ވޯޓަކަށް އަހާނެއެވެ. އެ މައްސަލައިގައި ހާއްސަ ކޮމިޓީ އަށް ފޮނުވަން ފާސް ނުވުމުން، ދެން މައްސަލަ ފޮނުވަން ޖެހޭނީ މަޖިލިހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މާލިއްޔަތު ކޮމިޓީއަށެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތުގެ ކަށަވަރުކަން ދިނުމަށް ފިނޭންސް މިނިސްޓްރީ އެދިފައިވާ ގޮތަށް، ޤާނޫނު ނަންބަރު ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ކ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން 26 އޭޕްރީލް 2020 އިން ފެށިގެން 1 އަހަރު ދުވަހަށް އިސްތިސްނާކުރުމުގެ ހުއްދަ ދެއްވާފައިވާ ކަމަށާއި މިމުއްދަތު އަދި އެއްއަހަރަށް އިތުރު ކުރަން އެދޭކަމަށެވެ.

ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތަށް ބުރޫ އެރުވިޔަ ނުދީ، ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށާއި މީގެ އިތުރުން، އިޤްތިސާދީގޮތުން ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު، ވިޔަފާރިތަކަށާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޮވިޑް-19 އާ ގުޅިގެން ކުރަން ޖެހުނު ސިއްޙީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ޚަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައި ވެއެވެ.

"ރައްޔިތުންގެ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް އެއް އަހަރުވާން ކައިރިވެފައިވާއިރު، އަދި މި އިޤްތިސާދީ ފުން ވަޅުގަނޑުން އެއްކޮށް އަރައިގަނެވިފައެއްނުވެއެވެ. އަދިވެސް، ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ އިޤްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިގޮތުން 2020 ވަނަ އަހަރުގެ 4 ކުއާޓަރުގައި ވެސް ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ވަނީ އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުތަކާ އަޅައިބަލާއިރު ދަށްވެފައެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް އަންދާޒާކުރެވެނީ ދަށްވާނެކަމަށެވެ." ސިޓީގައި ވިދާޅުވެފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙ

    ބުއްޅަބެއަށް ބޮޑު ވަޒީރުކަން ނުދެނީސް އެކަކަށް އެއްކަމެއްވެސް ދެން މިގައުމުގަ ކުރިއަކަނުދޭނެ. ތިއީ މުގާބޭއެއްނު.

  2. ނަައީމް

    ފައިސާޖެހުމުގަވެސް ރިކޯޑު ކުރަންނޭގޭކަމަކާހަވާލުވެ ލަދުންބޭ

  3. ހުސޭނުބޭ

    ކެނެރީގޭ ޕްރިންޓަރުން ކޮށްލީމާ އޯކޭވާނެ! ބޮޑުބޮޑުބޮޑު ވަޒީރެއްނު!

  4. އަންނި

    އަޅުގަނޑައް ބޮޑު ވަޒީރުކަން ނުލިބޭހާ ހިނދަކު ދިވެހިންނައް ހަމަނޭވާ ލިޔަކަ ނުދޭނަން އަދި ބޮޑުވަޒީރުކަން ލިބިއްޖާ ދިވެހިން އަޅުވެތި ކުރުވާނަން.