ކ. އަތޮޅު ގުޅިން މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާކޮށްފި އެވެ.

އެރަށުން ކޮވިޑަށް ފައްސިވެފައި ވަނީ މާބަނޑު އަންހެނެކެވެ.

އޭނާ ކޮވިޑަށް ފައްސިވުމާއެކު މިހާރު އެ މީހާއާ ގާތުން އެއްތާވި މީހުން ހޯދުމުގެ މަސަައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

ގުޅީ ކައުންސިލްގެ ނައިބު ރައީސް އަލީ ރަޝީދު "ވަގުތު" އަށް ވިދާޅުވީ، އޭނާ ފައްސިވެފައިވާ ކަން އެނގިފައިވަނީ ބަލީގެ އަލާމާތްތަކެެއް ހުރެގެން މީގެ ދުވަސް ކޮޅެއް ކުރިން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުގެ އިރުޝާދާއި އެކީ ހެދި ޓެސްޓުން ކަމަށެވެ.

ފައްސިވެފައިވާ މީހާއާއި ގިނަ ބަޔަކު ދިމާވެފައިވާ ކަމަށް ބެލެވޭ ކަމަށާއި އެހެން ކަމުން އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާއަކީ އެރަށު ސްކޫލުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެކެވެ.

ރަށް މޮނިޓަރިންގް އަށް ލާފައިވާ މި ހާލަތުގައި ކެތްތެރިކަން އިސްކޮށް ކަމާއި ބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލަނބައިގެން ތިބުމަށް ރަޝީދު ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 26،505 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މާލެއިން ފައްސިވާ މީހުންނަށްވުރެ އަތޮޅުތަކުން ފަހަކަށް އައިސް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް މާލެއިން 71 މީހަކު ފައްސިވެފައިވާއިރު، 72 މީހަކު އަތޮޅުތަކުން ވަނީ ފައްސިވެފައެވެ.

ރާއްޖޭގައި 2،735 މީހަކަށް މިވަގުތު ފަރުވާ ދެމުން އަންނައިރު، މި ބަލީގައި 71 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގެރިމަސް

    ވެކްސިން 2 ޑޯސް ޖެހީމަވެސް ލުއި ނުދިން.. ސަރުކާރު ފެއިލްވެއްޖެ ބޮޑުތަނުން.. މި ސަރުކާރުން ދޮގުހަދައި އޮޅުވާލައިގެން ވެކްސިން ޖަހުވަނީ ލުއިދޭންކިޔައިގެން.. ސަރުކާރަށް އިތުބާރު ނެތްކަމުގެ ރައްޔިތުންގެ ވޯޓަކަށް ދާން ލަސްވެއްޖެ.. މުޒާހަރާ ކުރާވަރު މަދީ އަދިވެސް.. މިހާ ބަލާވެރިކަން ރައްޔިތުންނަށް ޖައްސަން ހެޔޮވާނީ ކިހިނެތް

  2. Anonymous

    ފިހުނުމަހަށްތޯ ފައްސިވީ