ބ.އަތޮޅު އޭދަފުށީގައި ހުންނަ އެއަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރޯގާގެ އަލާމާތްތައް ހުރެގެން އެ ހޮސްޕިޓަލުގެ ދެ ޑޮކްޓަރަކު މިއަދު ކޮވިޑަށް ޓެސްޓްކުރިއިރު އޭގެތެރެއިން އެއް ޑޮކްޓަރަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ޑޮކްޓަރަކު ކޮވިޑަށް ފައްސިވުމުން ހޮސްޕިޓަލުގެ ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަންނަނީ ކޮވިޑަށް ޓެސްޓް ކުރަމުންނެވެ.

އޭދަފުށިން ފުރަތަމަ މީހަކު ކޮވިޑަށް ފައްސިވީ އިއްޔެ އެވެ. އިއްޔެ އެރަށުން ކޮވިޑަށް ފައްސިވީ ބަލީގެ އަލާމާތްތަައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހެކެވެ. ރޭ ވެސް ބަލީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކު އޭދަފުށިން ކޮވިޑަށް ފައްސިވިއެވެ. އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ ހަތަކަށް އަރާފައެވެ.

އޭދަފުށިން ފައްސިވި މީހުން ނިސްބަތްވަނީ ދެއިހަލަކަށް (ކްލަސްޓާއަކަށް) ކަމަށް މިއަދު އެރަށު ކައުންސިލުން ވިދާޅުވިއެވެ.

އޭދަފުއްޓަށް އަރައި ފޭބުން މަނާކޮށް މިހާރު ރަށް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

އޭދަފުށިން ކޮވިޑް ފެނުމާ ގުޅިގެން ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި ބަލިން ރައްކާތެރިވުމަށް ހުރިހާ އެންމެންވެސް ފަރުދީ ޒިންމާ އަދާކޮށް، އެޗްޕީއޭގެ ގައިޑްލައިނަށް ފުރިހަމައަށް ޢަމަލު ކުރުމަށް ހުރިހާ ރައްޔިތުންނަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

އޭދަފުށިން ކޮވިޑަށް މީހަކު ފައްސިވުމުން އިއްޔެ ވަނީ އަތޮޅު ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަޑާލާފައެވެ. މިހާރު ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ.

ހޮސްޕިޓަލުން މިހާރު އަންނަނީ ކޮވިޑަށް ފައްސިވި މީހުންނާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރޯގާގެ އަލާމާތެއް ފާހަގަކުރެވޭ ނަމަ އެކަން ލަސްނުކޮށް ހޮސްޕިޓަލްގެ ހޮޓްލައިން 6608309 އަށް ގުޅައި ހިއްސާކޮށް ދިނުމަށް ހޮސްޕިޓަލުން އެދެއެވެ.

އޭދަފުއްޓަކީ އަތޮޅު ހޮސްޕިޓަލް ހުންނަ ރަށްކަމަށް ވުމުންނާއި އެހެނިހެން ބޭނުންތަކުގައި ވެސް ވަރަށް ގިނައިން އަތޮޅުގެ އެހެން ރަށްތަކުގެ މީހުން ދަތުރުކުރާ ރަށަކަށް ވުމުން އެހެން ރަށްތަކަށް ބަލި ފެތުރިފައި އޮތުމުގެ ބިރު ވެސް ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު