ކޮވިޑް-19 ގެ ވޭދަނައެއް ރަށު ތެރެއިން ފެނުމާ ގުޅިގެން އއ. މަތިވެރި މޮނިޓަރިން ހާލަތަށް މިއަދު ގެނެސްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މަތިވެރި ކައުންސިލަށް ފޮނުއްވި އެންގުމުގައި ވަނީ އެ ރަށް މޮނިޓަރިން ހާލަތަށް ގެނައީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ.

އެހެންވެ، ރަށުގައި ތިބި އެއްވެސް މީހަކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަން ދެން ރަށުން ފޭބުމާއި އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާ ކުރާ ކަމަށް ވެސް އެ އެންގުމުގައިވެއެވެ.

މި އެންގުން ނެރެފައި ވަނީ މިއަދު ހެނދުނު 11 ޖަހާކަންހާއިރުއެވެ.

މަތިވެރި ކައުންސިލް މޮނިޓަ ކުރުމާ ގުޅިގެން އެޖެންސީން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދީ މިކަމުގައި ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަން ޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅައި ދިނުމަށް ވެސް އެންގުމުގައިވެއެވެ.