ސިޔާސީ ނުފޫޒުން އެއްކިބާވެފައި އޮތް ސިފައިންގެ މުއައްސަސާއަކީ މިހާރު "ޕްރޮފެޝަނަލް ފައިޓިން ފޯސްއެއް" ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި މާރިޔާ ވިދާޅުވީ ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި ސިފައިން އޮވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ދިވެހި އެންމެހާ ރައްޔިތުންނަށް، ހަމަހަމަކަމާއި އޯގާތެރިކަމާއެކީ، ސިފައިންގެ ޚިދުމަތް ފޯރުކޮށްދޭނެ މަގު ފަހިކޮށްދީފައިވާ ކަން ދިވެހިން މިއަދު ގަބޫލު ކުރާ ކަމަށެވެ.

ދިވެހި އަސްކަރިއްޔާގެ ގާބިލްކަމާއި ހުނަރުވެރިކަމާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖެ އާއި ރާއްޖޭން ބޭރުން ތަމްރީނާއި ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދީ، ދިވެހި އަސްކަރިއްޔާގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް، ކާމިޔާބު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ރާއްޖެއާއި ރާއްޖެއިން ބޭރުން، އެކި ރޮނގުތަކުން ހޯދި ފުރުޞަތުތަކުގެ ފުރިހަމަ ބޭނުންކޮށް، ޤައުމު ފަޚުރުވެރިވާ ފަދަ ރަން ވަނަތަކާއި މެޑަލްތައް، ސިފައިން ޙާސިލްކޮށްފައިވާކަން، އަޅުގަނޑު ފަޚުރާއެކީ ފާހަގަކުރަމެވެ،" މާރިޔާ ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ،ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ޞުލްޙަވެރިކަމާއެކު ދިރިއުޅެވޭނެ، އަމާން މާހައުލެއް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމުގައި، ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސިފައިން މުހިންމު ދައުރެއް އަދާކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު އުފެއްދުމަށްޓަކައި، ގާނޫނުތައް އިސްލާހުކޮށް، ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދުމަށް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވާފައިވާކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ. ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކޮށް، ކޯސްޓްގާޑުގެ ހިދުމަތް އިތުރަށް ތަރައްގީ ކުރުމަށް، މިއަހަރުގެ ތެރޭގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ވަނީ ހާމަކުރައްވައިފައެވެ.

މި އަހަރު ސިފައިންގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ސިފައިންގެ ގާބިލްކަން - ގައުމުގެ އަމާންކަން" މިއެވެ. މާރިޔާ ވިދާޅުވި ގޮތުގައި މި ޝިއާރު ރަމްޒުކޮށްދެނީ ރައީސް ސޯލިހްގެ ހަރުދަނާ ތަސައްވުރެވެ.

މާރިޔާ ވިދާޅުވި ގޮތުގައި މީގެ 2017 އާއި 2018 ގެ ޝިއާރު ވެގެން ދިޔައީ ހަމައެކަނި ސިފައިންގެ އަހަރީ ދުވަހު އިއުލާންކޮށްލުމަށް ފަހު، ވަތް ގަނޑަށްލާ ތަޅުލާފައި އޮތް ޝިއާރުތަކެކެވެ. އެއިން ޝިއާރެއް ހަގީގަތަކަށް ހެދުމަށް ކުރި އަމަލީ މަސައްކަތެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކުރި މަސައްކަތުން އެތައް ކުރިއެރުމަކާއި ކާމިޔާބީއެއް، ހާސިލް ކުރެވި، މިކަން ރާއްޖޭގެ ގިނަ ރައްޔިތުން ނުހަނު އުފަލާއެކު ބަލައިގަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން، އެކި ރޮނގުތަކުން ހޯދި ފުރުޞަތުތަކުގެ ފުރިހަމަ ބޭނުންކޮށް، ޤައުމު ފަޚުރުވެރިވާ ފަދަ ރަން ވަނަތަކާއި މެޑަލްތައް، ސިފައިން ޙާސިލްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރަން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ދިވެހި އަސްކަރިއްޔާގައި ޙަރަކާތްތެރިވާ އަންހެން ސިފައިން ބާރުވެރިކުރުވުމުގައި އިތުރު ހަރުފަތްތަކެއް ގިރާކޮށްފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓަރުކަމާ ފުރަތަމަ ފަހަރަށް ހަވާލުވެވަޑައިގެންނެވި މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން އެމްއެންޑީއެފްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމަށް އަންހެން ބޭފުޅުން އައްޔަންކުރުމާ ގުޅިގެން، ދިވެހި ގައުމީ ދިފާއީ ބާރުގެ އެންމެ މަތީ ފަޑީގައި، ފުރަތަމަ ފަހަރަށް، ލެފްޓިނެންޓް ކާނަލް ރޭންކުގެ އޮފިސަރުންނަށް ތިއްބެވޭނެ މަގުފަހިކޮށް، ސިފައިންގެ ލީޑަޝިޕުން ނިންމާ ނިންމުންތަކުގައި، ކަނބަލުންގެ އަޑު ހިމެނޭނެހެން ލަފާދޭ މަޖިލީހަށް ބަދަލު ގެނެވިފައިވާ ކަން މާރިޔާ ފާހަގަކުރެއްވިއެވެ. އަދި މިއަދު، އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައިވެސް އަންހެން ބޭފުޅުން ތިއްބަވާ ކަމަށް ވިދާޅުވިއެވެ.

ދާދިފަހުން، އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގައި ކޯހެއް ފުރިހަމަކުރުމަށް، ފުރަތަމަ ފަހަރަށް ފޮނުވި ދިވެހި އަންހެން އޮފިސަރު ކެނޑޭޓު އެނބުރި ގައުމަށް އައީ "ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑަންޓް އެވޯޑް"ގެ މަތިވެރި ޝަރަފާއެކުގައިކަން ވެސް މާރިޔާ ފާހަގަކުރެއްވިއެވެ.

މިހާ ކުރު މުއްދަތެއްގެ ތެރޭގައި، ދިވެހި އަސްކަރިއްޔާއަށް މިގެނައި ކުރިއެރުންތަކުގެ ފަހަތުގައިވަނީ، ރައީސް ސޯލިހް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މިފަހަރުގެ ޝިއާރާއެކު އޭގެ އެންމެ ފުރިހަމަ މާނައިގައި ތަމްސީލްކޮށް މި އަހަރަކީ ވެސް ދިވެހި އަސްކަރިއްޔާގެ ގާބިލްކަމަށް އިތުރު ބާރެއް ލިބި ސިފައިން ރައްޔިތުންނަށް ދޭ އެފަދަ ދެ ވަނައެއް ނެތް އޯގާތެރި ހިދުމަތުން ގައުމުގެ އަމާންކަމަށް އިތުރު ދިރުމެއް ލިބިގެން ދާނެ އަހަރަކަށް ވެގެން ދިއުމަކީ ކުރައްވާ އުންމީދެއް ކަމަށެވެ. އަދި އެކަމަށް ސިފައިން އަޒުމު ކަނޑައަޅަން އެދިވަޑައިގެންނެވިއެވެ.

ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ޗީޕް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު، އަދާކުރުމުގައި މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް ކަމަށެވެ. ޝަމާލް ވިދާޅުވީ، މިދިޔަ އަހަރު ސިފައިން ވަނީ އަގު ހުރި ގިނަ މަސައްކަތްތަކެއް ކޮށްދީފައި ކަމަށެވެ. ކޮވިޑް-19 ގެ މި ހާލަތުގައި އެއްވެސް ވަރުބަލި ކަމެއް ނެތި ސިފައިން ނުކުމެ ކުރި މަސައްކަތް ޝަމާލް ފާހަގަކުރެއްވިއެވެ.

ސިފައިންގެ ހިދުމަތް ރާއްޖޭގައި ފަށާފައިވަނީ އޭޕްރީލް 21، 1892 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮވިޑް

    ހަމަ ތިޔަ މާރިޔާ ބުނީ ސިފައިން ނަކީ ފިންދަނަ ތަކެކޭ ، ހެޔޮނުވާނެ ކިޔާ ކޮންމެވެސް އެކައްޗެއް ކިޔާބަލަ ، ސިޔާސީ ވިޔަސް އަނގަފިނަދަކަށް ނުވެ ހުރެވިދާނެ ދޯ؟

    30
  2. ޅަބޭ

    ސިފައިން އޮތީ އެމްޑީޕީ ހަރުގެތެރޭ. އިނގިއްޖެ!؟

    24
  3. ސޯލިހުބޭ

    އެހެންވީމާ މިފަހަރު ތަޅާނެ ކުދިންކޮޅެއް ލިބުނީތާ.

    24
    1
  4. މަބޭ

    މީބޭރުގައުމެއްގެ ނުފޫޒުގައޮތް ވެރިކަމެއް ދެންކިހިނެއްތޯ ސިޔާސީނުވާނީ

    22
  5. ގަންޖާބޯ

    އިބޫގެ އަދިއެމްޑީޕީގެ ވެރިކަން ނިމުނީމަ ތިއަޑުން ގޮވާއަޑުއިވޭނެ ހަނދާން ނެއްނަމަތިބޭފުޅާގެ ނަންޖަހާފަ ސާޗްކުރީމަ ފެއްނާނެ ތަޅާނެ ކުދިންކޮޅެއް ނުލިބިގެއުޅޭތަން ގަލޮޅު ކުނިގޮޑުހުރިސަރަހައްދުން.

    20
  6. ޙަބޭ

    ފިނދަނަތައް ބާޒުތަކަކަށް ވެއްޖެ ދެއްތޮ. ގައުމުގެ އިސްތިގުލާލް އިންޑއާ އަށް ވިއްކާ ނިންމާއިރު ޔެސްމެމް ކިޔާހާ ހިނދަކު ދެފުއްކެހެރި ސަނާކިޔުން ވާނީ ދުވަހެއް ދުވަހަކށް އިތުރު. ޢަވަހަށް އަނެއް އެގުރީމެންޓްގަ ސޮއިކޮާްލާ.

    10
  7. އަހުސަން

    މިވީ ކިހިނެއް ކޮބާ ފިދަނަތައް ދެއުޅިެއްނުވާ ބުރާންޗުން ކިޔާނުކިޔޭވެސް ރުޅިއަންނަކަމެއްވީމައި ފިދަނަތަކެއް ހިއްެދޭގޮތަވީމައި ޕްރޮފިސަނަލް ފައިޓިންގ ފޯސްއެއް ތިޔައީ އަގީދާއެއް އީމާންކަމެއްވެސް ނެތްމީހެއް

    12
  8. ނަސީރު

    ޕްރޮފެޝަނަލް އޭ ބުނާނީ ބަޔަކު މިހާރުވެސް ރާއްޖެއައް އަރާބަލަ ވާގޮތް ބަލަން ، ހަަމަ ކުރިޔެކޭ އެއްގޮތް ވާނީ ، އެއްބަޔަކު ގެންނުޅޭ ބައިސްކަލް ގިފިއްޔައް ވައްދާ އެނެއް ބަޔަކު ޔުނީފޯމް ރޯކޮއް އަންދާލާ. މީ ހަމަ އެދުވަހު މަގެގޭ ލޯކުރިމަތީގައި ހުނގިކަންތައްތައް.

  9. ރޯނުއެދުރު

    ސަހާފުވެސް އެންމެ ފަހުވަގުތުވެސް ވިދާޅުވަމުން ދިޔައީ އިރާގުދަނީ ގުޅިފައިވާ ކޯލިޝަންއާއި ކާމިޔާބާއެކު ކުރިމަތިލާ ކާމިޔާބު ހޯދަމުން ކަމަށެވެ. ދުލަކީ ކައްޓެއްނެތް މަސްކޮޅެއްކަމުން ދުލައްހައި ކޮންމެ ވާހަކައެއް ބުނެ އެވާހަކަ އެގޮތައް ލިވިދާނެއެވެ. ހުރިހާލެއް އެގޭނީ ބިތުފަންގި ނެގުނީމައެވެ.

  10. އަބޫ

    ރަށްޔަތުންނަ ކޮން ހަމަހަކަތޯދިނީ ކުއްޑަކުދިންގެ މަސްސަލައިގައި ގެންދާ މީހުންނާ ވައްކަން ކުރާ މީހުންނާ މަސްތުއްވާ ތަކެތީގެ ވިއްކާ ބޮއިހަދާ މީހުންނާ އެދޮރުން ވަދާފަ އަނެއްދޮރުން ނެރެނީ ފައިސާ ހުރި މީހެވިޔަސް ސަލާމަވާނީ ނިކަމެތި ރަށްޔަތު މީހާބެދޭނީ މީކަންހިގާގޮއް މުސްކުޅިބުނާހިން ވަޅެނުތެޅޭނެ ތެއްޅޭނީ ދާނި އަބަދުވެސް ވާގޮއް ކިހާ ހަމަހަމަކަމެތޯމީ ހަމަހަމަ ކަމުގެ ވާހަކަ އެކަކުވެސް ނިދަކާ ރަށްޔަތުންގެ ލޮލުގައި އަދުން ދެންނޭޅިވޭނެ ހަދާކުރާތި

  11. އަބޫ

    ރަށްޔަތުންނަ ކޮން ހަމަހަކަތޯދިނީ ކުއްޑަކުދިންގެ މަސްސަލައިގައި ގެންދާ މީހުންނާ ވައްކަން ކުރާ މީހުންނާ މަސްތުއްވާ ތަކެތީގެ ވިއްކާ ބޮއިހަދާ މީހުންނާ އެދޮރުން ވަދާފަ އަނެއްދޮރުން ނެރެނީ ފައިސާ ހުރި މީހެވިޔަސް ސަލާމަވާނީ ނިކަމެތި ރަށްޔަތު މީހާބެދޭނީ މީކަންހިގާގޮއް މުސްކުޅިބުނާހިން ވަޅެނުތެޅޭނެ ތެއްޅޭނީ ދާނި އަބަދުވެސް ވާގޮއް ކިހާ ހަމަހަމަކަމެތޯމީ ހަމަހަމަ ކަމުގެ ވާހަކަ އެކަކުވެސް ނިދަކާ ރަށްޔަތުންގެ ލޮލުގައި އަދުންވދެންނޭޅިވޭނެ ހަދާކުރާތި