ރަމަޟާން މަހަކީ ރޫޙާނީ ސާފުކަމުގެ މަހެވެ. ހެޔޮކަންތަކުގައި އެކަކު އަނެކަަކާ ވާދަކުރަންވީ މަހެވެ. ދުވާލު ރޯދަހިފުމެވެ. ރޭގަނޑު އިޙްޔާކުރުމެވެ. ތަރާވީޙު ނަމާދާއި ތަހައްޖުދުގެ ރަކްޢަތްތަކުންނެވެ. ކީރިތި ގުރްއާން ކިޔެވުމާއި އުނގެނުމާއި މުދާރަސާ ކުޅައުމާއި ދިރާސާ ކުރުމުންނެވެ. އަވަށްޓެރިންނަށް އެހީވުމާއި ގާތް ތިމާގެ މީހުންނަށް އަޅައިލައިގެންނެވެ. އެންމެންވެސް އެދެނީ ﷲގެ ރަޙްމަތަށެވެ. ފުއްސެވުމަށާއި ރުއްސެވުމަށެވެ.

މިފަދަ މާތް މައްސަރެއްގައި ރުޅިއައުމާއި ޒުވާބުކުރުން ފަދަ ކަންތައްތަކުން ރޯދަވެރިޔާ ދުރުހެލިވާން ޖެހެއެވެ. އެއީ ރޯދައަކީ މާތް ﷲ ގެ ޒާތުފުޅަށް ލިބިވޮޑިގެންވާ އެއްޗަކަށް ވާތީއެވެ.

މިއީ ރޯދަވެރިޔާއަށް މާތްﷲ ދެއްވާ ސަވާބުގެ މަތިވެރިކަމާއި ރޯދައަށް ހުންނަ އިރު ރޯދަވެރިޔާގެ އަހްލާގާއި ސުލޫކު ހުންނަން ޖެހޭނެ ގޮތާ ބެހޭގޮތުން ދެއްވާފައިވާ އިރުޝާދުގެ ބަސްފުޅެކެވެ.

رسول الله صلى الله عليه وسلم ޙަދީޘްކުރައްވަނީ : قَالَ اللَّهُ عَزَّ وَجَلَّ كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّا الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ وَالصِّيَامُ جُنَّةٌ فَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلَا يَرْفُثْ يَوْمَئِذٍ وَلَا يَصْخَبْ فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ فَلْيَقُلْ إِنِّي امْرُؤٌ صَائِمٌ – އަރަހުށި މާތްﷲ ވަހީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ކޮންމެ އަމަލަކީ އޭނާއަށް ލިބިގެންވާ އެއްޗެކެވެ. ރޯދަ މެނުވީއެވެ. ފަހެ، ހަމަކަށަވަރުން އެއީ ތިމަންރަސްކަލާނގެ ޛާތުފުޅަށް ލިބިވޮޑިގެންވާ އެއްޗެކެވެ. އެ އަމަލަށް ޖަޒާދެއްވާނީ ތިމަން ރަސްކަލާނގެއެވެ. ރޯދައަކީ އައްޑަނައެކެވެ. (އެެބަހީ އެއީ ރައްކައުތެރިކަމެކެވެ) ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުންނަ ދުވަހު ހަޑިހުތުރުބަސްތައް ނުބުނާހުށިކަމެވެ! އަދި ޒުވާބުކޮށް އަޑުގަދަ ނުކުރާ ހުށިކަމެވެ. ފަހެ މީހަކު އޭނާއަށް އެއްޗެހި ކިޔާ ނުވަތަ މާރާމާރީ ހިންގަން އުޅެފި ނަމަ، އަހުރެންނަކީ ރޯދައަށް ހުރިމީހަކީމުއޭ ބުނާށެވެ! "

މި ބަރަކާތްތެރި ރަމަޟާން މަހު ރޯދައަށް ހުންނައިރު ރުޅިއައުމާއި ޒުވާބުކުރުން ފަދަ އަމަލުތަކުން ދުރުވެ ރޯދަ އޭގެ އެންމެ ފުރިހަމަ ގޮތުގައި ފުރިހަމަ ކުރެވޭތޯ ބަލަންޖެހެއެވެ.