ކ. ހިންމަފުށިން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެ ރަށުން މި ފަހުން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އައްސޭރި ޖަލުގައި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ. އެމީހާ ކޮވިޑް-19 އަށް ފައްސިވި ކަން އެނގުނީ މިދިޔަ ހޯމަ ދުވަހުއެވެ.

އޮފިސަރު ބައްޔަށް ފައްސިވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެ ދުވަހުގެ ރޭ ވަނީ ރަށަށް އަރައި ފޭބުން މަނާކޮށްފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމުން އޭނާއާ އިތުރު ބަޔަކު ބައްދަލުވެފައި ހުރި ކަން ފާހަގަ ކުރެވިގެން، އެމީހުން ވެސް ކޮވިޑަށް ޓެސްޓް ކުރިއެވެ.

ކޮވިޑަށް ޓެސްޓް ކުރުމުން، އޭގެ ތެރެއިން އިތުރު ހަ މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެ ރަށުން މިހާތަނަށް އައިއިރު، ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި އައްސޭރި ޖަލުގައި މަސައްކަތް ކުރާ ކަރެކްޝަނަލް ސާވިސްގެ ދެ އޮފިސަރުން ވެސް ހިމެނެއެވެ.

ހިންމަފުށީގައި ކަރަންޓީންގައި ނެތް މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން އެ ރަށް އަދިވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. އަދި ފައްސިވި މީހުންނާ ބައްދަލުވި ބައެއް މީހުން ކޮވިޑް-19 އަށް މިހާރު ވަނީ ޓެސްޓް ވެސް ކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން ބައްޔަށް ނައްސިވެފައިވާ އިރު، ނަތީޖާ ނުލިބޭ ބަޔަކު ވެސް އެބަތިބިއެވެ.

މިދިޔަ ހޯމަ ދުވަހު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ކައުންސިލަށް ފޮނުއްވި އެންގުމެއްގައި ވަނީ އެ ރަށް މޮނިޓަރިން ހާލަތަށް ގެނައީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ.

އެހެންވެ، ރަށުގައި ތިބި އެއްވެސް މީހަކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަން ދެން ރަށުން ފޭބުމާއި އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާ ކުރާ ކަމަށް ވެސް އެ އެންގުމުގައިވެއެވެ.

ހިންމަފުށި ކައުންސިލް މޮނިޓަ ކުރުމާ ގުޅިގެން އެޖެންސީން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދީ މިކަމުގައި ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަން ޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅައި ދިނުމަށް ވެސް އެންގުމުގައިވެއެވެ.

ފަހަކަށް އައިސް، ރާއްޖޭގެ ރަށްރަށުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ރާއްޖެ އިން މިހާތަނަށް 26,667 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، 71 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ.

މިހާތަނަށް އައިއިރު ބަލިން ރަނގަޅުވެފައި ވަނީ 23,803 މީހުންނެވެ.ބަލީގައި ފަރުވާ ހޯދަމުން ދަނީ 2،793 މީހުންނެވެ. މިވަގުތު ހޮސްޕިޓަލްތަކާއި ކޮވިޑް ފެސިލިޓީތަކުގައި އެޑްމިޓްކޮށްފައި ތިބީ 74 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު