ފުލުހުންގެ ތަހްގީގަށް މީހުން ބަންދުކުރާ ޖަލު ހުންނަ މާލެ އަތޮޅު ދޫނިދޫން 13 މީހަކު މިއަދު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެޗްއީއޯސީ އިން މިރޭ އާއްމު ކުރި މައުލޫމާތުތައް ދައްކާ ގޮތުގައި މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށްތަކުން މިއަދު ފައްސިވި މީހުންގެ ތެރޭގައި ދޫނިދޫން ފައްސިވި 13 މީހުން ވެސް ހިމެނެއެވެ.

ދޫނިދޫން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ބަންދުގައި ތިބި މީހުން ކަމެއް ނުވަތަ ފުލުހުން ކަމެއް އެއްވެސް ރަސްމީ އިދާރާއަކުން އަދި ކަށަވަރު ކޮށެއް ނުދެއެވެ.

މިއަދު ދޫނިދޫން ބަޔަކު ކޮވިޑަށް ފައްސިވި ނަމަވެސް އެރަށް އަދި މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާކަން އެޗްޕީއޭ އިން އިއުލާނެއް ނުކުރެއެވެ.

މިދިޔަ މާޗް މަހު ވެސް ދޫނިދޫން ބަޔަކު ކޮވިޑަށް ފައްސިވިއެވެ. އެފަހަރު އެރަށަށް އަރައި ފޭބުން މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތައް ގެނައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 2905 މީހުން އެބަތިއްބެވެ. އޭޕްރީލް މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު ދުވަހުން ދުވަހަށް މަދުވަމުން އައުމަށް ފަހު އަދަދުތައް އިތުރުވާން ފެށީ އޭޕްރީލް 15 އިން ފެށިގެންނެވެ. މިހާރު 83 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފުވައްމުލަކު ހައްވަ

    ސަރުކާރުންބޭނުންވަނީ ހުރިހާ ފަޅުރަށްތަކަށްވެސް ބަލި ފަތުރަންވިއްޔާ،